23 ޖޫން 2018 - 16:46

ވިއެނާ (ޖޫން 23) - ތެލުގެ އަގު ދަށް ކުރަން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން އޯޕެކުގެ ގައުމުތަކުން އެއްބަސްވެފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
ވިއެނާގައި ބޭއްވި ބައްދަލުވުމުގައި އޯޕެކުގެ ގައުމުތަކުން މި ގޮތަށް އެއްބަސްވެފައި ވަނީ ތެލުގެ އަގު ހެޔޮ ކުރުމުގެ ގޮތުން ކަމަށް ވެސް ސައުދީގެ ތެލާ ބެހޭ ވަޒީރު ޚާލިދު އަލް ފާލިހު ވަނީ ވިދާޅުވެފަ އެވެ. ތެޔޮ އުފައްދާ މިންވަރު އެންމެ ބޮޑަށް އިތުރު ކުރާނީ ސައުދީ އަރަބިއާ އިންނެވެ. މިހާރު ތެޔޮ އުފައްދާ މިންވަރުން މަތި ކުރަން އެއްބަސްވެފައި ވަނީ ދުވާލަކު އެއް މިލިއަން ފީފާ ކަމަށް ވެސް ސައުދީގެ ތެލާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ތެޔޮ އުފައްދާ މިންވަރު މަތިކުރަން ހުށަހަޅާފައި ވަނީ ސައުދީ އަރަބިއާ އިންނެވެ. އެކަމަކު ސައުދީގެ ހުށަހެޅުމަށް އީރާނުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ސައުދީ އަރަބިއާ އިން ބުނެފައި ވަނީ އެމެރިކާ، ޗައިނާ އަދި އިންޑިއާގެ ޑިމާންޑާ އެއްވަރަށް ސަޕްލައި މަތި ކުރަން ޖެހޭ ކަމަށެވެ. ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ތެލުގެ ސަޕްލައި ދަށް ކުރުމަށް ފަހު އެވެ.