23 ޖޫން 2018 - 15:54

އަންކާރާ (ޖޫން 23) - ތުރުކީގައި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު މާދަމާ ބާއްވާ އިރު އަންކަރާގައި ބޭއްވި ބޮޑު އެއްވުމެއްގައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ލީޑަރު މުހައްރަމް އިންސް، ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ގޮންޖައްސަވައިފި އެވެ.

"އުރުދުޣާންގެ ހިތްވަރެއް ހުރިއްޔާ ވަޑައިގެން އަޅުގަނޑާ ކުރިމަތިލައްވާ. ކެމްޕޭންގެ ފުރުސަތު މިއަދު ހަވީރު ބަންދުވުމުގެ ކުރިން ވަޑައިގަންނަވާ ޓީވީ ބަހުސަކަށް،" އަންކަރާ އަށް އެއްވި ތިބި އެތައް ހާސް ބަޔަކާ މުޚާތަބް ކުރައްވާ އިންސް ވިދާޅުވި އެވެ. "މިއީ އަޅުގަނޑުގެ އެންމެ ފަހުގެ ހުށަހެޅުން. އުރުދުޣާން ބަހުސަށް ތައްޔާރު ނަމަ އިސްތަންބޫލްގެ އެއްވުން އަޅުގަނޑު ކެންސަލް ކުރާނަން."
އިސްތަންބޫލްގައި ސީއެޗްޕީގެ ބޮޑު އެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ. އޭގެ ކުރިން އިންސް ވަނީ އިޒްމީރް ސިޓީގައި ވެސް ބޮޑު ކެމްޕޭން އެއްވުމެއް ބާއްވައިފަ އެވެ.
އިދިކޮޅު ލީޑަރުން ޓީވީ ބަހުސްތަކަށް ކުރިން ދިން ދައުވަތަށް އުރުދުޣާން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އުރުދުޣާން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އިދިކޮޅު ލީޑަރު އިންސްގެ ކެމްޕޭން ވަރުގަދަކޮށްފައިވާތީ ޖުލައި 8 ވަނަ ދުވަހު އިންތިޚާބުގެ ދެ ވަނަ ބުރަކަށް ދިއުން އެކަށީގެންވާ ކަމަށް ވެސް އަނެއްބައި ތަޖްރިބާކާރުން ބުނެ އެވެ.
ސަރުކާރުގެ އޮނަދޮލޫ ނިއުސް އެޖެންސީ އާއި ޓީއާރުޓީ ޓީވީން އުރުދުޣާންއާ އެއްކޮޅަށް ކެމްޕޭން ކުރާ ކަމަށް އިންސް ތުހުމަތު ކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ ޓީއާރުޓީ އިން އުރުދުޣާން އަށް 181 ގަޑިއިރު ދިން އިރު އޭނާ އަށް ދީފައި ވަނީ 15 ގަޑިއިރު ކަމަށެވެ.