24 ޖޫން 2018 - 07:29

މި މަހު 15 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށި ބޮލީވުޑްގެ އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" ގެ ގައިގޯޅިކަން ބޮޑު މަންޒަރެއްގައި، އިންޑިއާގެ ރަން އަޑުގެވެރިޔާ ލަތާ މަންގޭޝް ކިޔާފައިވާ ލަވައެއް ހިމަނާފައިވާތީ ލަތާ އާއި އޭނާގެ އާއިލާ އިން ޑައިރެކްޓަރު ކަރަން ޖޯހަރް ދެކެ ހިތްހަމަނުޖެހިއްޖެ އެވެ.
"ލަސްޓް ސްޓޯރީޒް" އަކީ ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ ފިލްމެކެވެ.
މީގައި ކަރަން ޑައިރެކްޓް ކުރި ސެގްމަންޓްގައި ކިޔައި ދެނީ ފިރިމީހާގެ ފަރާތުން ހިތްހަމަޖެހުން ނުލިބޭ ޒުވާން އަންބަކު އެ ހުސްކަން ފިލުވަން އަމިއްލައަށް ކުރާ ކަންކަމެވެ.
މި ސެގްމަންޓްގެ ރޯލްތައް ކުޅެފައި ވަނީ ކިއާރާ އަދްވާނީ އާއި ވިކީ ކޯޝަލް އެވެ. އަދި އޭގައި ވަނީ ކިއާރާގެ ޖިންސީ މަންޒަރެއްގައި ލަތާ ކިޔާފައިވާ "ކަބީ ހުޝީ ކަބީ ޣަމް" ގެ ތަންކޮޅެއް ހިމަނައިފަ އެވެ.
އެ ލަވަކީ 2001 ގައި ކަރަން ހަމަ އެ ނަމުގައި ޑައިރެކްޓް ކުރި ކާމިޔާބު އާއިލީ ފިލްމްގެ ޓައިޓްލް ލަވަ އެވެ.
ޖިންސީ މަންޒަރުގައި ލަތާގެ އަޑު ހިމަނާފައިވާތީ އޭނާގެ އާއިލާ އިން ބުނީ ކަރަން ކޮށްފައި ވަނީ ލަތާގެ އަބުރަށް ހުތުރުވާ ކަހަލަ ކަމެއް ކަމަށެވެ. އަދި އިންޑިއާގެ އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ލަވަކިޔުންތެރިއެއްގެ ލަވައެއް "ލަދުކުޑަ" މަންޒަރެއްގައި ހިމެނުމަކީ ވަރަށް ވެސް ދަށު ދަރަޖައިގެ ކަމެއް ކަމަށް ލަތާގެ އާއިލާ އިން ބުނެފައިވެ އެވެ.
"ކަރަންގެ ފިލްމަކަށް ލަތާ ލަވައެއް ކިޔައި ދިނީމަ އެއީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއްގެ ގޮތުގައި ކަރަން ކުރިން ސިފަކޮށްފައިވޭ. އެކަމަކު ލަތާގެ އަޑު ބޭދައަބީ މަންޒަރެއްގައި ހިމަނައިގެން އެ އަޑުގެ ހުރުމަތް ކަނޑާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން،" ލަތާގެ އާއިލާ އިން އިން ބުންޏެވެ.
އާއިލާ އިން ބުނި ގޮތުގައި މިހާރު އުމުރުން 88 އަހަރުގެ ލަތާގެ ލަވައެއް އެކަހަލަ ގޮތަކަށް ބޭނުން ކުރުމަކީ އޭނާ އިންޑިއާގެ ސިނަމާ އަށް ކޮށް ދީފައިވާ އަގުހުރި ހިދުމަތްތަކަށް ވެސް ހުތުރު އެރުވެމެވެ.
މި މައްސަލާގައި ކަރަން އަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ އިރު، އޭނާ މި ވަގުތު ހުރީ 19 ވަނަ އައިފާ އެވޯޑަށް ބެންކޮކްގަ އެވެ.