24 ޖޫން 2018 - 07:25

މި އަހަރު 350 މިލިއަން ސްމާޓްފޯން ވިކޭނެ ކަމަށް ސަމްސަންގުން އަންދާޒާކުރި ނަމަވެސް، އެ އަދަދަށް ފޯނު ވިކުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް ބެލެވެން ފަށައިފި އެވެ. ސަބަބެއް ކަމަށް ބުނަނީ ޗައިނާގައި ގެލަކްސީ އެސް9 ރަނގަޅަށް ވިކިފައި ނުވުމެވެ.
ސެމްސަންގުން ކުރިން އަންދާޒާކުރީ 320 މިލިއަން ސްމާޓްފޯން ވިކޭނެ ކަމަށެވެ. ގެލަކްސީ އެސް9 އަށް ޕްރީއޯޑާކުރި އަދަދު، ލަފާކުރި ވަރަށް ވުރެ އިތުރުވުމުން، މި އަހަރު ވިކޭނެ ކަމަށް އަންދާޒާކުރި އަދަދު 350 އަށް ބަދަލުކުރީ ކަމަށް ވެ އެވެ.
ސްމާޓްފޯން މާކެޓްގައި ސެމްސަންގް ވަނީ ރެކޯޑް ހަދައިފަ އެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2015 އަދި 2016 ގައި ވެސް އެ ކުންފުންޏަށް ބޮޑު ފައިދާއެއް ވެފައި ވެ އެވެ. އަންދާޒާކުރި އަދަދު ކުޑަ ފަރަގަކުން ފަހަނައަޅައި އިތުރުވެފައި ވެސް ވެ އެވެ. އެހެން ނަމަވެސް، ފަހަކަށް އައިސް ސެމްސަންގުން ނެރޭ އަގުބޮޑު ފޯނުތަކުގައި، ބޭނުންކުރާ މީހުން ހިތްދަމައިގަންނަ ކަހަލަ އާކަމެއް ނެތުމުން ފޯނުތަކަށް ބޭނުންޖެހޭ މީހުން މަދުވަނީ އެވެ. ގެލަކްސީ އެސް9 އަށް ޗައިނާއިން ފިނި ތަރުހީބެއް ލިބުނު ސަބަބަކީ އެއީ ކަމަށް ވެސް ވެ އެވެ.
މާކެޓް ދިރާސާ ފާމްތަކުން ލަފާކުރާ ގޮތުގައި ސެމްސަންގް މޮބައިލް ޑިވިޒަނަށް މި އަހަރު ރަނގަޅު ފައިދާއެއް ނުހެދޭނެ އެވެ. އެހެންކަމުން ކުންފުންޏަށް ވަންނާނެ ކަމަށް އަންދާޒާކުރި އަދަދަށް ފައިސާ ނުލިބޭނެ އެވެ.
ސްމާޓްފޯން މާކެޓްގައި ސެމްސަންގް އަށް ދޭތެރެ ދޭތެރެއިން މި ކަހަލަ ގޮތެއް މެދުވެރިވެ އެވެ. ގެލަކްސީ ފޯނުތަކުގައި ތަފާތުކަމެއް ނެތުން ގިނަ ފަހަރު ސަބަބަކަށް ވަނީ ވެފަ އެވެ. އެ ބަދުނާމު މުޅިންހެން ކަހަލަ ގޮތަކަށް އެޅެނީ އަގުބޮޑު ފޯނުތަކުގަ އެވެ.
ސެމްސަންގް އަށް މި އަހަރު ދެން ތަފާތެއް ދެއްކެން އޮތީ ގެލަކްސީ ނޯޓް 9 އަށް ވާ ގޮތަކުންނެވެ. އޯގަސްޓް ކުރީކޮޅު ނެރޭނެ ކަމަށް ބުނާ ނޯޓް 9 އާ ބެހޭ ގޮތުން ތަފުސީލު ކަށަވަރު ނުވި ނަމަވެސް، ގެލަކްސީ ނޯޓް މަރުކާ އަކީ ގެލަކްސީ އާއިލާގައި އެންމެ ބާރުގަދަ ދަރިފަސްކޮޅެވެ.