"ރޭސް 4" ރެމޯ ޑި ސޫޒާ ޑައިރެކްޓެެއް ނުކުރާނެ
"ރޭސް 4" ރެމޯ ޑި ސޫޒާ ޑައިރެކްޓެެއް ނުކުރާނެ

ބޮޑެތި ފާޑުކިޔުންތަކާ އެކު ވެސް "ރޭސް 3" ބޮކްސް އޮފީހުގައި ބޮޑު ކާމުޔާބީއެއް ހޯދި ނަމަވެސް، އެ ފިލްމްގެ ޑައިރެކްޓް ކުރި ރެމޯ ޑި ސޫޒާ މި ސީރީޒްގެ ހަތަރު ވަނަ ފިލްމް ޑައިރެކްޓް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ރޭސް" ގެ ފުރަތަމަ ދެ ފިލްމް ޑައިރެކްޓް ކުރީ ބޮލީވުޑްގެ ސަސްޕެންސް ތުރިލާތަކު ބަފައިންގެ ގޮތުގައި މަޝްހޫރު ދެބެއިން ކަމަށްވާ އައްބާސް-މަސްތާން އެވެ.

އެކަމަކު "ރޭސް 3" ގެ ލީޑް ރޯލަށް، ސަލްމާން ހާން ގެނެސް، އޭނާ ކޯ-ޕޮރޮޑިއުސަރެއްގެ ޒިންމާ ވެސް ނެގި، ފިލްމުން އައްބާސް-މަސްތާނަށް ވަނީ ފުރުސަތު ގެއްލިފަ އެވެ. ސަލްމާން ކުރިން ބުނެފައިވާ ގޮތުގައި ތިން ވަނަ ބައި އައްބާސް-މަސްތާންއާ ހަވާލު ނުކުރީ ފިލްމްގެ ރަހަގަނޑު އެހެން ޑައިރެކްޓަރަކާ އެކު، ބަދަލުކޮށްލައި، ތަފާތު ކާސްޓެއް ވެސް ގެންނަން ބޭނުންވެގެންނެވެ.

އެކަމަކު "ރޭސް 3" އަށް ކްރިޓިކުންނާއި ބައެއް ބެލުންތެރިން ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ކްރިޓިކުން ސިފަކުރި ގޮތުގައި "ރޭސް" ގެ ފުރަތަމަ ދެ ބައިގައި ހުރި ސަސްޕެންސާއި ޓްވިސްޓްތައް މި ފަހަރު ފިލްމަކު ނެތެވެ. އަދި ފިލްމްގެ ވާހަކައިގައި މިސްރާބެއް ނެތް ކަމަށާއި ސްކްރީންޕްލޭގައި ވެސް އޮއްޓަރެއް ނެތުމުން ފިލްމް ވަރަށް ފޫހި ކަމަށް ބުނެފައިވެ އެވެ.

މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ކޮރިއޮގްރާފަރެއްގެ ގޮތުގައި މަޝްހޫރު ރެމޯ ވަނީ "ރޭސް 3" ވަރުގަދަ ސަސްޕެންސް ތުރިލާއަކަށް ހަދަން ލިބުނު ރަނުގެ ފުރުސަރު ބޭކާރުކޮށްލައިފަ އެވެ.

ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް މި ފިލްމަކީ މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ރިލީޒް ކުރި ދުވަހު އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމެވެ. ފިތުރު އީދު ދުވަހު ރިލީޒް ކުރި ފިލްމަށް އެ ދުވަހު އެކަނި ވެސް 29.17 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. އަދި 100 ކްރޯޑްގެ އާމްދަނީއެއް ހޯދީ އެންމެ ތިން ދުވަހުގެ ތެރޭގަ އެވެ.

"ރޭސް 3" އަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ލިބުނު އާމްދަނީ މިހާރު ވަނީ 255.25 ކްރޯޑަށް ވުރެ މައްޗަށް ގޮސްފަ އެވެ. މި ފިލްމް ހަދާފައި ވަނީ 150 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ސަލްމާނާއި ޓިޕްސް އިން ވަނީ ކައިރި މުސްތަގުބަލެއްގައި "ރޭސް 4" ގެނެސް ދޭން ވެސް ނިންމައިފަ އެވެ. އަދި މި ފިލްމް ޑައިރެކްޓް ކުރާނީ އައްބާސް-މަސްތާން ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ސަލްމާން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ މި ވަގުތު ހުރީ "ދަ-ބަންގް ރިލޯޑެޑް" ޓުއާގައި އެމެރިކާގަ އެވެ. އެކަމަކު "ރޭސް 3" ބެލި މީހުންނަށް ސަލްމާން ވަނީ ޓްވިޓާގައި ޝުކުރު އަދާކޮށްފަ އެވެ.

ސައިފް އަލީ ހާން މައި ރޯލް ކުޅުނު ރޭސް (2008) އާއި ރޭސް (2013) އަކީ ކްރިޓިކުންނާއި ބެލުންތެރިން ތައުރީފު ވަރަށް ބޮޑަށް ލިބުނު ދެ ފިލްމެވެ. އަދި މިއީ އައްބާސް-މަސްތާންގެ ވަރަށް ފުރިހަމަ މަސައްކަތެއް ފެނިގެން ދިޔަ ދެ ފިލްމެވެ.

ސަލްމާނާ އެކު "ރޭސް 3" ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޖެކްލިން ފެނަންޑޭޒް، ބޮބީ ޑިއޯލް، ޑެއިޒީ ޝާހް، އަނިލް ކަޕޫރް އަދި ސާގިބް ސަލީމް އެވެ.

"ރޭސް" ގެ ފުރަތަމަ ދެ ފިލްމްގައި ވެސް އަނިލް މުހިއްމު ރޯލެއް ކުޅެފައިވާ އިރު "ރޭސް 2" ގައި ޖެކްލިން ވެސް މަސައްކަތް ކުރި އެވެ.