"އެއީ ސިޔާސީ ކަމެއް ނޫން، ޖަޒުބާތުގައި ޖެހުނީ"
"އެއީ ސިޔާސީ ކަމެއް ނޫން، ޖަޒުބާތުގައި ޖެހުނީ"

ކަލިނިންގްރަޑް، ރަޝިއާ (ޖޫން 23) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ފަހަތުން އަރައި ސާބިއާގެ މައްޗަށް ސްވިޒަލެންޑުން 2-1 އިން ކުރި ހޯދި މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝާކާ އުފާފާޅުކުރި އިރު ސިޔާސީ ނިޝާނެއް ދެއްކި ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެކަމާ ބެހޭގޮތުން ސްވިޒަލެންޑްގެ ކޯޗު ލަޑިމީރް ޕެޓްކޮވިޗް ބުނީ އެ ދެ ކުޅުންތެރިން ޖަޒުބާތުގައި ޖެހުނީ ކަމަށެވެ.

ޝާކާ އާއި ޝަގީރީ ރޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ވަނީ އަތުގެ އިޝާރާތުން "ޑަބަލް އީގަލް" ދައްކައިފަ އެވެ. މިއީ ސާބިއާ އާއި އަލްބޭނިއާ ދެމެދު ކޮސޯވޯގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި އަލްބޭނިއާ މީހުންނަށް އޮތް ސަޕޯޓް ދައްކުވައިދޭ އިޝާރާތެކެވެ. އެއީ އަލްބޭނިއާ ދިދައިގައިވާ ނިޝާނަށް ނިސްބަތްކޮށެވެ. ކޮސޯވޯ އަށް 2008 ވަނަ އަހަރު މިނިވަންކަން ލިބުނުއިރު، ސާބިއާ އިން އަދިވެސް އަންނަނީ އެކަން ގަބޫލުކުރަން ދެކޮޅު ހަދަމުންނެވެ.

އަލްބޭނިއާ އާއި ސާބިއާ 2014 ވަނަ އަހަރު ކުޅުނު މެޗެއްގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާއިރު، ރޭ ސާބިއާ އާއި ސްވިޒަލެންޑް ކުޅޭ މެޗުގައި ވެސް ކަންތައްތަކެއް ހިނގައިފާނެ ކަމަށް މީޑިއާގައި ވާހަކަތަކެއް ދެކެވުނެވެ. އެއީ ސްވިޒަލެންޑް ޓީމުގައި ކޮސޯވޯ އަށް ނިސްބަަތްވާ ކުޅުންތެރިން ތިބުމާ އެކީގަ އެވެ.

"ސިޔާސީ ކަންތައްތަކާއި ކުޅިވަރާ އެއްކުރުމަކީ ރަނގަޅު ގޮތެއް ނޫން. ވަރަށް މުހިއްމު ކަމެއް ސަޕޯޓަރެއްގެ ގޮތުގައި ވެސް ހުރިހާ އިހުތިރާމެއް ދިނުމަކީ. މި ހާލަތުގައި ފެނުނީ ކުޅުންތެރިން ޖަޒުބާތުގައި ޖެހުނުތަން. އެކަމަކު ވިސްނަން ޖެހޭ ފުޓްބޯޅަ އަކީ ހުރިހާ ވިސްނުމެއްގެ ބައެއް އެކަތިގަނޑަކަށް ހަދާ ކުޅިވަރެއް. މީގެ އަށް ސިޔާސީ ކަންތައްތަކުގެ ކުލަ ޖެހުން ރަނގަޅެއް ނޫން،" ޕެޓްކޮވިޗް ބުންޏެވެ.

ރޭގެ މެޗުގައި ސްވިޒަލެންޑް މޮޅުކޮށްދިން ލަނޑު ޖެހި ޝަގީރީ އުފަންވީ ކޮސޯވޯގެ ޖިލަން އަށެވެ. ޝަގީރީގެ ބައްޕަ އަކީ ކޮސޯވޯ މީހެއް ނަމަވެސް އޭނާގެ މަންމަ އަކީ އަލްބޭނިއާ ރައްޔިތެކެވެ. ޝަގީރީގެ އާއިލާ ސްވިޒަލެންޑަށް ހިޖުރަކުރީ އޭނާގެ އުމުރުން އެންމެ ހަތަރު އަހަރުގަ އެވެ. ރޭގެ މެޗަށް ފަހު ޝަގީރީ ވެސް ވަނީ އޭނާ ޖަޒުބާތުގައި ޖެހުނު ކަމަށް ބުނެފަ އެވެ.

"ފުޓްބޯޅަ ފަދަ ކުޅިވަރެއްގައި ޖަޒުބާތީ ކަންތައްތަކެއް ހިނގާނެ. އަހަންނަށް ވެސް އެކަން ދިމާވި. އެ ލަނޑު ޖެހުނީތީ އަހަރެން މިހުރީ ވަރަށް އުފަލުން." އިންގްލެންޑުގެ ސްޓޯކް ސިޓީ އަށް ކުޅޭ ޝަގީރީ ބުންޏެވެ.

ސާބިއާގެ ކޯޗު ކުރިން އެ ޓީމަށް ކުޅުނު ޑިފެންޑަރު މިލަޑެން ކްރިސްޓަޔިޗް ބުނީ އޭނާ އަކީ ކުޅިވަރުގެ މީހެއް ކަމަށާއި އެ ނޫން ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކަން ބޭނުންނުވާ ކަމަށެވެ.

ރޭގެ މެޗުގައި ސްވިޒަލެންޑަށް ފުރަތަމަ ލަނޑު ޖަހައިދިން ޝާކާގެ އާއިލާ އަކީ އަލްބޭނިއާ ބައެކެވެ. ޝަކާގެ ބައްޕަ އަކީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދުގައި 1980 ގެ އަހަރުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ޖަލަށްލި މީހެކެވެ. ޝާކާ އުފަންވީ އޭނާގެ އާއިލާ ސްވިޒަލެންޑަށް ހިޖުރަކުރި ފަހުންނެވެ. ސްވިޒަލެންޑުގައި ދިރިއުޅުނު ނަމަވެސް ޝާކާގެ ކޮއްކޮ ޓޫލަންޓް ޝާކާ ކުޅެނީ އަލްބޭނިއާ ގައުމީ ޓީމަށެވެ. މީގެ ދެ އަހަރު ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލްބޭނިއާ އާއި ސްވިޒަލެންޑް ކުޅުނު މެޗުގައި މި ދެބެން ކުޅުނެވެ.

ފީފާއިން ވަނީ ފުޓްބޯޅައިގައި ސިޔާސީ ގޮތަކަށް ސިފަވާފަދަ އެއްވެސް ކަމެއް ނުކުރުމަށް ހަރުކަށި އިބާރާތުން އަންގައިފަ އެވެ. ޝާކާ އާއި ޝަގީރީގެ މި އުފާފާޅުކުރުމުގެ ސަބަބުން މި ދެ ކުޅުންތެރިންގެ މައްސަލަ ފީފާ އިން ބަލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޔާސީކަމެއްގައި ބައިވެރިވީ ކަަމަށް ބުނެ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވަނީ މިދިޔަ ސީޒަނުގައި ދެ ފަހަރެއްގެ މަތިން އަދަބުދީފަ އެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާ އާއި އިނގިރޭސި އެފްއޭ އިން ގާޑިއޯލާ އަށް އަދަބުދިނީ ކެޓަލޫނިއާ އަކި ވަކި ދައުލަތަކަށް ހެދުމަށް މަސައްކަތްކުރާ މީހުންނަށް އޮތް ސަޕޯޓް ދައްކުވައިދިނުމުގެ ގޮތުން މެޗުތަކަށްދާއިރު އޭނާ ރީނދޫ ރިބަން ފަށެއް އަޅައިގެން ހުންނާތީ އެވެ.