ލޯ އަށް ޕްރެޝަރު، އޮޒިލް އަށް ބޮޑެތި ފާޑުކިޔުންތަކެއް
ލޯ އަށް ޕްރެޝަރު، އޮޒިލް އަށް ބޮޑެތި ފާޑުކިޔުންތަކެއް

ސޯޗީ، ރަޝިއާ (ޖޫން 23) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ކުޅުނު ފުރަތަމަ މެޗުން ބަލިވުމާ އެކު އެ ޓީމުގެ ކޯޗު ޔަކީމް ލޯ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އެ ޓީމުގެ ތަރި މެސުޓް އޮޒިލް ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ލޯ އަށް ޕްރެޝަރު، އޮޒިލް އަށް ބޮޑެތި ފާޑުކިޔުންތަކެއް
ލޯ އަށް ޕްރެޝަރު، އޮޒިލް އަށް ބޮޑެތި ފާޑުކިޔުންތަކެއް

މި ފަހަރުގެ މުބާރާތުގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުން ބަލިވީ މެކްސިކޯއާ ވާދަކޮށް 1-0 އިންނެވެ. މިއީ ފާއިތުވި 33 އަހަރު ތެރޭ މެކްސިކޯ އަށް ޖަރުމަނު އަތުން ލިބުނު ފުރަތަމަ މޮޅެވެ. މިއީ އެންމެ ފަހުން ކުޅުނު އަށް ވޯލްޑް ކަޕްގެ ތެރޭގައި ޖަރުމަނަށް މުބާރާތުގެ ފުރަތަމަ މެޗުން މޮޅެއް ނުލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެ މެޗަށް ފަހު ޖެހިގެން އައި ދުވަހު ޖަރުމަނުގެ ކުޅުންތެރިންނާއި ކޯޗު ލޯ އަދި ޓީމުގެ މެނޭޖަރު އަދި ކުރީގެ ކުޅުންތެރިޔާ އޮލިވިއޭ ބިއަހޯފް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔާ ބުނީ އެ ބައްދަލުވުމަކީ ޖަރުމަނު ޓީމަށް އޭނާ ކުޅެން ފެށި ފަހުން ބައިވެރިވި އެންމެ ދިގު ބައްދަލުވުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ހިނގާދިޔަ ކަންތައްތަކަކީ ލިބުނު ފިލާވަޅުތަކެއް ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ދުވަހު ބައްދަލުވުމުގައި ލޯ ވަނީ ވަކިވަކި ކުޅުންތެރިންނަށް ހުރިހާ ކުޅުންތެރިންގެ ކުރިމަތީގައި ފާޑުކިޔައިފަ އެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ކޮންމެ ކުޅުންތެރިއަކަށް ވަކިވަކިން ބުނެދިނެވެ.

މެކްސިކޯ އަތުން ބަލިވި މެޗުގައި ޖަރުމަނު ޓީމުން އެންމެ ދަށް ކުޅުމެއް ދެއްކި ކުޅުންތެރިއަކީ އޮޒިލް ކަމަށް ބުނެ ކުރީގެ ގިނަ ކުޅުންތެރިން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޖަރުމަނާ އެކު 1996 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރީ މާރިއޯ ބެސްލާ ބުނީ އޮޒިލް އަކީ ފަހަކަށް އައިސް ދަނޑުމަތީގައި އެއްވެސް ވަރަކަށް މަސައްކަތްކުރާ ކުޅުންތެރިއެއް ނޫން ކަމަށާއި ޓީމުގައި އޭނާ ހިމެނުމަކީ ވަރަށް ބޭއިންސާފުން ކުރާ ކަމެއް ކަމަށެވެ.

ޖަރުމަނުގެ ލެޖެންޑް ލޯތާ މަތައިސް ބުނީ އޮޒިލް މިހާރު އެ ޓީމަށް ކުޅެނީ ކުޅޭ ހިތުން ހުރެތޯ އެއީ ވެސް އުފެދޭ ސުވާލެއް ކަމަށެވެ.

"މިހާރު އަހަރެއް ނޫނީ ދެ އަހަރެއް މި ވަނީ އޮޒިލް މިހާ ފަރުވާކުޑަކޮށް ކުޅޭތާ. އެކަމަކު ވެސް ލޯ (ކޯޗު)ގެ ޓީމުން އޭނާ އަށް އެބަލިބޭ ފްރީ ޓިކެޓެއް. މިއީ މިކަން ވާން ޖެހޭނެ ގޮތެއް ނޫން. މިހާރުގެ ފުޓްބޯޅަ ސްޓައިލަށް ބަލާއިރު އޮޒިލް އެ ކުޅޭ ގޮތް ކަމަކު ނުދޭ. ބައެއް ފަހަރު ހީވޭ އޮޒިލް ދަނޑުމަތީގައި ހުންނަނީ މަޖުބޫރު ކުރުވައިގެން ހެން ވެސް،" މަތައިސް ބުންޏެވެ.

ފާޑުކިޔުންތަކާ ދެކޮޅަށް ޖަރުމަނު ޓީމުން ވާހަކަ ދެއްކި ކުޅުންތެރިއަކީ މުލާ އެވެ. ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ބިލްޑަށް ދިން އިންޓަވިއުއެއްގައި މުލާ ބުނީ ހުރިހާ ފާޑުކިޔުންތަކެއް ބަަލައިގެންނަ ކަމަށާއި ބޭނުންވަނީ ސަޕޯޓަރުން ޓީމު ފަހަތުގައި ހިތްވަރުދޭން ތިބުމަށް ކަމަށެވެ.

ވޯލްޑް ކަޕްގެ އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް އެންމެ ފަހުގެ ޗެމްޕިއަން ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް މުބާރާތުގައި ކުޅުނު އޭރުގެ ޗެމްޕިއަން ސްޕެއިން ގްރޫޕް ސްޓޭޖުން ކެޓިއިރު، 2010 ވަނަ އަހަރުގެ މުބާރާތުގައި އޭރުގެ ޗެމްޕިއަން އިޓަލީ ވެސް ވަނީ ކަޓައިފަ އެވެ. އަދި 2002 ވަނަ އަހަރު ފްރާންސް ވެސް ކެޓީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި ވާދަކުރަނިކޮށެވެ.

ޖަަރުމަނު މިހާތަނަށް އަދި ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ކަޓާފައެއްނުވެ އެވެ. އެކަމަކު މިރޭ ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެނަމަ ޖަރުމަނު އުނދަގޫ ހާލަތަކަށް ވެއްޓޭނެ އެވެ. އެކަމަކު މިރޭ ކުޅޭ މި ގްރޫޕްގެ ތިން ވަނަ މެޗުން ކޮރެއާ އަތުން މެކްސިކޯ މޮޅުވެ، ސްވިޑެން އަތުން ޖަރުމަނު ބަލިވެއްޖެނަމަ އެ ޓީމު ކަޓާނެ އެވެ. ސްވިޑެން ވަނީ ކުޅުނު ފުރަތަމަ މެޗުން ވަނީ ކޮރެއާ އަތުން މޮޅުވެފަ އެވެ. މިރޭ ޖަރުމަނާއި ސްވިޑެން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.