ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"
ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"

ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން އާޖެންޓީނާ އަތުން ބަލިވުމަކީ އިނގިރޭސިންނަށް ހަޖަމްކުރަން އުނދަގޫވި ނަތީޖާ އެކެވެ. އެއީ ފޯކްލޭންޑްސް ހަނގުރާމައިން އިނގިރޭސިން އަތުން އާޖެންޓީނާ ބަލިވި ބަލިވުމަށް އެ ގައުމުން ހިފި ބަދަލެއް ކަމަށް ވެސް އެއް ބަޔަކު ސިފަކުރި އެވެ. އެ ނާކާމިޔާބީގެ ޒިންމާ އެޅުނީ އެ މެޗުގައި ރަތްކާޑެއް ހޯދި އިންގްލެންޑުގެ ޑޭވިޑް ބެކަމްގެ ބޮލުގަ އެވެ. އެއީ އުމުރުން 23 އަހަރުގެ ކުޅުންތެރިއާ އަށް ކުރިމަތިވި ނަފްސާނީ އުނދަގުލެކެވެ. ހަމަޖެހިލައިގެން ކުޅެވޭ ގޮތެއް ނުވެ އެވެ. ސިކުނޑިން އެކަމެއް ނުމެފިލި އެވެ.

ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"
ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"

އެކަން އެގޮތުގައި އޮއްވާ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ވާދަކުރަން ޖެހިއްޖެ އެވެ. ހީކުރި ގޮތަށް މެޗު ވަރަށް ފޯރިގަދަ އެވެ. އެހެން ދަމުން ގޮސް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އާޖެންޓީނާގެ ޑިފެންޑަރު އަދި ޓޮޓެންހަމް ހޮޓްސްޕާސްގެ މިހާރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އިންގްލެންޑުގެ ފޯވާޑް މައިކަލް އޮވެން އޭރިއާ ތެރެއިން ބިމާހަމަކޮށްލި އެވެ. ޕެނަލްޓީއެކެވެ. އެކަމަކު ރެފްރީ ޕިއަރްލުއިޖީ ކޮލީނާ ކަށިގަނޑު ފުމުނީ ރޮނގު ބަލަހައްޓަން ހުރި އެސިސްޓަންޓް ރެފްރީ އަށް ބަލާލާފައި އޭނާ ވެސް، އެއީ ޕެނަލްޓީއެއް ކަމުގެ ސިގްނަލެއް ދިނުމުންނެވެ. އެ ޕެނަލްޓީ ޖަހަން ލިބުނީ އެއްކަލަ ޒުވާން ކުޅުންތެރިއާ ބެކަމް އަށެވެ. ހަތަރު އަހަރު ވަންދެން އޭނާގެ ސިކުނޑީގައި ފުނިޖެހިފައި ހުރި ހުރިހާ އުނދަގޫތައް، ފަޔަށް ޖަމާކޮށް، ގައިގައި ހުރި ހިތްވަރެއްލާފައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލި އެވެ. އެ ގޯލާ އެކު އިނގިރޭސިން 1-0 އިން މޮޅުވުމަކީ ފުޓްބޯޅައިގައި އެގައުމަށް ލިބުނު ބޮޑު ކާމިޔާބެކެވެ. އެކަމަކު ހަގީގަތުގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ބެކަމް އަށެވެ. އިނގިރޭސި ރައްޔިތުންނަށް އޭނާ ދަރާ އޮތް ދަރަނި އަދާކުރެވުނީ އެވެ.

ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"
ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"

ބެކަމް އޭނާގެ ބަޔޯގްރަފީ ފޮތުގައި ލިޔެފައިވާ ގޮތުގައި އެ ޕެނަލްޓީ ލިބުނު ލިބުމަކީ އޭނާގެ ނަސީބެވެ. ހަމަޖެހިލައިގެން ކުޅެން ފެށުނީ އެ ހިސާބުންނެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިއާގެ ކެރިއަރާ ގުޅުން ހުރި އެ ފުރިހަމަ ނިންމުމާ އަހަރެމެންނާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ ޕެނަލްޓީ ދިނުމާ މެދު، ދުނިޔޭގެ އެއް ވަނަ ރެފްރީ ކޮލީނާގެ ހިތުގައި އުފެދުނު ޝައްކު ފިލުވައިދިނީ ރޮނގު ބަލަހައްޓަން ހުރި މި ކުޑަކުޑަ ދިވެހިރާއްޖޭގެ މުހައްމަދު ސައީދެވެ. ވޯލްޑް ކަޕުގައި ކުޅުމުގެ ނަސީބު ނުލިބުނަސް އެ މުބާރާތުގައި އަހަރެމެންގެ ހިއްސާއެއް އެބައޮތެވެ. ސައީދުގެ ސަބަބުންނެވެ. އެ ޝަރަފްވެރި ފުރުސަތު ސައީދަށް ލިބުނުތާ 16 އަހަރު ފަހުން ވެސް އެ ވާހަކަތައް އާކޮށްކޮށްފައި މި ދައްކަން ޖެހެނީ، އެ ހަނދާންތަކުން އަދިވެސް ހީބިހި ނަގާތީ އެވެ. ދިވެއްސަކު ވޯލްޑް ކަޕުން ފެނިދާނެ ކަމަށް މީހަކު ހުވަފެނުން ވެސް ދުށް ކަމެއް ނޭގެ އެވެ.

ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"
ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"

އެކަމަކު ސައީދަށް އެ މަންޒަރު ވަރަށް ކުރިން ފެންނަން ފަށައިފި އެވެ. މަރްހޫމް މުހައްމަދު ޒާހިރު ނަސީރު ކިޔަވައިދިން ކޯހަކުން ފާސްވެ ރެފްރީންގެ ތެރެއަށް ނުކުމެ 1993 ވަނަ އަހަރު ފީފާ ބެޖް ހޯދި ހިސާބުން ފެށިގެން އޭނާ އަށް ފުރުސަތުތައް އައީ ތަނަވަސްވަމުންނެވެ. އެންމެ ފުރަތަމަ ލިބުނީ އޭއެފްސީގެ 16 އަހަރުން ދަށުގެ މުބާރާތެކެވެ. އޭގެ ފަހުން އޭޝިއަން ކަޕުގެ ދެ ފައިނަލެއްގައި ކުރި އެވެ. އަދި 20 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ތިން ފަހަރު ދިޔަ އެވެ.

ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"
ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"

"ވޯލްޑް ކަޕުން ފުރުސަތު ލިބުނީމާ އާއްމުންނަށް ވަރަށް ބޮޑު ހައިރާންކަމަކަށްވި. ސަބަބަކީ އޭގެ ކުރިން އަޅުގަނޑަށް ލިބެމުން ދިޔަ ފުރުސަތުތައް އެއީ އާއްމުންނާ ހަމައަށް ތިލަވެފައިވާ ކަންކަމަށް ނުވާތީ. މަދު ނޫސްވެރިންތަކަކަށް އެނގޭނީ. އެކަމަކު އަޅުގަނޑަށް ފެނޭ އެ މަންޒަރު. އެއީ ސިސްޓަމް އޮންނަ ގޮތަކުން އެބަ އެނގޭ ކުރިއެރުން ލިބެންޏާ ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް އެރޭނެކަން. ވޯލްޑް ކަޕަކީ ކުއްލިއަކަށް ލިބުނު ފުރުސަތެއް ނޫން،" ސައީދު ބުންޏެވެ.

ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"
ވޯލްޑް ކަޕް - ދިވެހިރާއްޖެ ބްރިޖް: ނަމަކީ "ސައީދު"

އެކަމަކު ވޯލްޑް ކަޕުން ފުރުސަތު ލިބޭނެކަން ސައީދަށް ކަށަވަރުވީ 2001 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕަށް ގެންދިޔަ ހިސާބުންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސާއި ބްރެޒިލް ކުޅުނު މެޗުގައި ރޮނގު ބަލަހައްޓަން ސައީދަށް ފުރުސަތު ލިބުމާ އެކު ދިވެހިންނަށް ވެސް މިވާން އުޅޭ ގޮތެއް އެނގެން ފެށި އެވެ. އަދި އެކަން ޔަގީންވީ އެ އަހަރުގެ އޭޝިއާގެ އެންމެ މޮޅު އެސިސްޓަންޓް ރެފްރީގެ އެވޯޑް ލިބުމުންނެވެ. ސާފް ގޭމްސް އާއި ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުން ފިޔަވައި އެހާތަނަށް ފުޓްބޯޅައިގައި ކާމިޔާބެއް ލިބިފައި ނެތް ރާއްޖޭގެ އޮފިޝަލަކަށް ވޯލްޑް ކަޕުން ފުރުސަތު ލިބުން ވެގެން ދިއައީ އޭރު ދިވެހިންނަށް ލިބުނު އާދަޔާހިލާފު އުފަލެކެވެ.

ސައީދު ހަމައެކަނި ވޯލްޑް ކަޕަށް ދިޔައީކީ ނޫނެވެ. އެންމެ ފުރަތަމަ ވެސް ލިބުނީ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗެވެ. އެއަށް ފަހު ކެމަރޫނާއި ޖަރުމަނުގެ މެޗެވެ. އެހިސާބުން ނިމުނީ ކަމަށް ހީވި ނަމަވެސް ގްރޫޕް ސްޓޭޖުގައި އިންސާފުކުރި އެސިސްޓަންޓް ރެފްރީންގެ ތެރެއިން އޭޝިއާ އިން އެންމެ ގިނަ މާކްސް ހޯދައި ދެ ވަނަ ބުރުން ވެސް ފުރުސަތު ހޯދި އެވެ. އެ ބުރުގައި ބްރެޒިލާއި ބެލްޖިއަމް ކުޅުނު މެޗު ވެސް ސައީދުގެ ފަހު މެޗަކަށް ނުވި އެވެ. ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ބްރެޒިލް ވާދަކުރި ވަރުގަދަ މެޗަށް އޭނާގެ އެހީ ފީފާ އިން ހޯދި އެވެ. އެ މެޗުގައި ސައީދު އިންސާފުކުރުމަކީ ރާއްޖޭގެ ފުޓްބޯޅަ ޓީމަށް ވެސް އަށަކަށް ދެވުން ކަމަށް
"ހުވާސް" މަޖައްލާގައި އޭރު ސިފަކޮށްފައިވެ އެވެ.

ވޯލްޑް ކަޕަށް އޭނާ ދިޔައިރު، ރާއްޖެއަކީ އޮންނަ ތަނެއް ކަމެއް ވެސް ގިނަ އޮފިޝަލުންނަށް ނޭގެ އެވެ. އެކަމަކު އެނބުރި ގައުމަށް އައީ އެ މަޖައްލާ އިން ސިފަކޮށްފައިވާ ގޮތުގައި "ދުނިޔޭގެ ފުޓްބޯޅައިގެ ރަސްރަސްކަލުންގެ ބައްދަލުވުންތަކުގައި އެއްފަޅިން ފަނޑިޔާރަކަށް ހުރެ" މުޅި ގައުމު ފަހުރުވެރިކޮށްދީފަ އެވެ.

"ދިވެހި ފުޓްބޯޅަ، ދުނިޔޭގެ މަތީ ފެންވަރުން ފުލުގައި އުޅުނަސް، މި ވޯލްޑް ކަޕުގައި އަހަރެމެން ދެރަވާންޖެހޭ ހަމަ އެންމެ ސަބަބެއް ވެސް ނެތެވެ. ސައީދު އަހަރެމެންގެ ރާއްޖޭގެ ނަން، ދުނިޔޭގެ ފުޓްބޯޅައިގެ ބޮންތިއާ ހަމައަށް އުފުލާލަދީފީމު އެވެ." ސައީދަށް އެޑްރެސްކޮށްގައި އެ މަޖައްލާގައި ޝާއިއުކުރި ސިޓީގެ އިބާރާތްތަކުގައިވެ އެވެ.

ސައީދު ވެސް ހަގީގަތުގައި އެންމެ އުފާވީ "ރާއްޖެ ކަހަލަ ކުޑަކުޑަ ތަނެއްގެ މީހަކަށް ދުނިޔޭގެ އެންމެ ބޮޑެތި މީހުންނާ އެއް ފެންވަރަކަށް ދެވުނީމަ" އެވެ. އެ ހުރިހާ ތަޖުރިބާތަކެއްގެ ތެރެއިން ވެސް އެންމެ ހާއްސައީ ހަމަ އިންގްލެންޑާއި އާޖެންޓީނާގެ މެޗެވެ. އެ މެޗަށް ކޮލީނާ ހަމަޖެއްސުމުން ވެސް މެޗުގެ މުހިއްމުކަން އެނގެ އެވެ. މުޅި މެޗު އެނބުރިގެން ދިޔަ ނިންމުން ނިންމުމުގައި ސައީދުގެ ހިއްސާ އެބައޮތެވެ.

"ޕެނަލްޓީ ދިނީ ކޮލީނާ. އެކަމަކު ޕެނަލްޓީ ދިނުމުގެ ކުރިން ސަތޭކަ ޕަސެންޓް ކަށަވަރުކުރަން އަހަންނާ ދިމާލަށް ބަލާލި. އެ ހިސާބުން އަހަރެން ސިގްނަލެއް ދިނިން. އޭރަކު ކޮމިއުނިކޭޝަންސް ސެޓެއް ނުހުރޭ ވިއްޔާ. އޭރު ކުރެވެން އޮންނަ ގޮތަށް ސިގްނަލެއް ދިނީ،" ސައީދު ބުންޏެވެ.

އެ މެޗަށް ފަހު ރެފްރީޒް ރޫމަށް ބެކަމް އައިސް ސައީދުމެންނާ ބައްދަލުކުރި އެވެ. ސައީދު ބުނި ގޮތުގައި މެޗުގެ ތެރޭގައި ކުޅުންތެރިން ހިތްހަމަނުޖެހިހެން އުޅުނު ނަމަވެސް ދުވަހަކު ވެސް ފަހު ކަށިގަނޑަށް ފަހު އެފަދަ އެއްވެސް ކަމެއް ނުފެނެ އެވެ. ރެފްރީޒް ރޫމަށް އައިސް ރެފްރީންނާ ސަލާންގަލާންކޮށް ހަދަނީ މޮޅުވި ޓީމުގެ ކެޕްޓަން އެކަންޏެއް ނޫނެވެ. ބަލިވި ޓީމުގެ ކެޕްޓަން ވެސް މެ އެވެެ.

"މެޗު ނިމުމާ އެކު ހުރިހާ ކަމެއް ނިމުނީ. މެޗަށް ފަހު ކުޅުންތެރިން އައިސް ބައްދަލުކޮށް ވާހަކަދައްކައިލާ ހަދާނެ،" ގދ. ތިނަދުއަށް އުފަން ސައީދު ބުންޏެވެ. "ނަސީބަކުން އަހަރެން ކުރި މެޗެއްގައި ކުޅުންތެރިން ހިތްހަމަނުޖެހިގެން އުޅޭ ފަދަ ކަމެއް ދިމަލެއް ނުވެސް ވޭ."

މިހާރު އަމުދުން އެފަދަ ޝައްކެއް އުފެދޭނެ ޖާގަތައް ނުދޭން ފީފާ އިން މިވަނީ ޓެކްނޮލޮޖީގެ އެހީ ހޯދައިފަ އެވެ. ރީޕްލޭ ބަލައިގެން ގޮތް ނިންމުމުގެ ފުރުސަތު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އާ އެކު ރެފްރީންނަށް ލިބެ އެވެ. އެއް ބަޔަކު ފާޑުކީ ނަމަވެސް ސައީދު ދެކޭ ގޮތުގައި އެއީ ރަނގަޅު ބަދަލެކެވެ.

"ބައެއް މީހުން އެބަ ދެކޭ ކުޅިވަރަކީ އިންސާނުން ހަމަ ލޮލަށް ފެންނަ ފެނުމެއްގެ މައްޗަށް އިންސާފުކުރަން ޖެހޭ ކަމެކޭ. ފޯރިގަދަ ވަނީ ހިޔާލުތަފާތުތަކެއް އުޅެންޏާއޭ. އެކަމަކު ހަގީގަތް ވާން ޖެހޭނީ ހަގީގަތަށް. ކަމެއް ރަނގަޅުކުރަން، ބޭއިންސާފުން ދިޔަނުދޭން އެ އަންނަ ކޮންމެ އެއްޗެއް ވާނީ ހެޔޮ ބަދަލަކަށް،" ސައީދު ބުންޏެވެ.

އޭނާ މިސާލަކަށް ނެގީ ޖެހުންތައް ޖަހާއިރު ކުޅުންތެރިން ތިބެން ޖެހޭތަން ފާހަގަކުރަން ރެފްރީން ޖަހާ ސްޕްރޭ އިންނެވެ. ކުރިން ނަމަ ދިފާއީ ފާރަށް ކުޅުންތެރިން އެތުރެން ޖެހޭ ހިސާބަށް ނުޖެހިގެން ނުވަތަ ރެފްރީ އެނބުރާލި ވަގުތު ކުރިއަށް ޖެހި އެތައް ވަގުތެއް ގެއްލެ އެވެ. މިހާރު ވަރަށް ފަސޭހަ އެވެ.

އެކަމަކު އެފަދަ އެއްވެސް ފަސޭހައެއް ނެތް ޒަމާނެއްގައި ވެސް ސައީދު ވަނީ އުހަށް ދަތުރުކޮށްފަ އެވެ. އުފެދޭ ސުވާލަކީ ނިސްބަތުން ދިވެހި ފުޓްބޯޅަ ނިކަމެތި ހާލަތެއްގައި އޮތް ދުވަސްވަރެއްގައި އޭނާ އެހިސާބަށް ދަތުރުކުރުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ސައީދު ފާހަގަކުރީ ދެ ކަމެކެވެ. ފުރަތަމަ ކަމަކީ ރޮނގު ބަލަހައްޓާ މީހަކަށް ހާއްސަވުމެވެ. ބައެއް އޮފިޝަލުންނަކީ ރެފްރީކަންކުރަމުން ރޮނގު ބަލަހައްޓާ މީހުންނެވެ. އެކަމަކު ނޭގި ނަމަވެސް ކޮންމެވެސް އެއް ކަމަކަށް ހާއްސަވެފައި އޮތުމަކީ އެކަމުން ކުރިއަށް ދިއުމަށް ފަސޭހަތަކެއްވި ކަމެކެވެ. އަނެއް ކަމަކީ ފިޓްނަސް އެވެ. ރެފްރީންގެ އަތުން ބައެއް ފަހަރު ހެދޭ ގޯސްތައް އިދާރާތަކުން ދޫކޮށްލަފާނެ އެވެ. އެކަމަކު ފިޓްނަސްގެ ކަމެއްގައި އެއްވެސް ދުލޭނެ ނުދޭނެ އެވެ. އޮއްގަލުގެ ތެރޭގައި، އިމެއް މިނެއް ނެތް ވެލި ޓްރެކުގައި ދުވަން ޖެހުނަސް އޭނާ އެކަމަށް ފަރުވަ ބެހެއްޓި އެވެ. ރަށެއްގައި ހުއްޓާ ކޫޕާ ޓެސްޓް ޖަހަން ކުއްލިއަކަށް މެލޭޝިއާ އަށް ދާން އަންގަފާނެ އެވެ. އެކަމަކު ވެސް ހާސްކަމެއް ނެތި އޭނާ ފާސްވެ އެވެ. އުމުރުން 56 އަހަރުގައި އަދިވެސް ސައީދުގެ ފިޓްނަހަށް ބަދަލެއް ނާންނަ ކަމަށް އޭނާގެ ގާތް ބައެއް އޮފިޝަލުން ބުނެ އެވެ. ސައީދުގެ އަނެއް ހާއްސަ ކަމަކީ އޮފްސައިޑް ނިންމުންތައް ނިންމުމުގައި އޭނާގެ ހަލުވިކަމެވެ.

ކޮންމެ ވޯލްޑް ކަޕަކާ ދިމާކޮށް ސައީދުގެ ވާހަކަ ދެއްކި ނަމަވެސް ހަގީގަތުގައި ސައީދުގެ މަސައްކަތް ގައުމީ ފެންވަރެއްގައި ވަޒަންކުރެވިފައެއް ނުވެ އެވެ. ވޯލްޑް ކަޕަށް ފަހު އޭނާ އެނބުރި ގައުމަށް އައުމުން ހޫނު މަރުހަބާއެއް ކިޔާފައެއް ނުވެ އެވެ. ދިދަ ފައްޗެއްގެ ކުލައެއް ނުފެނެ އެވެ. ބޮޑުބެރުގެ އަޑެއްނީވެ އެވެ. ކުރުނބަލުގެ ރަހައެއް އަރަކު ނުލަ އެވެ. އެކަމަކު ބޯޓުން ފޭބިއިރު މާފައްޗެއް ހިއްޕައިގެން އޮލިމްޕިކް ކޮމިޓީގެ އޭރުގެ ރައީސް މަރްހޫމް މުހައްމަދު ޒާހިރު ނަސީރު ހުންނެވި ހުރުވުން ވެގެން ދިޔައީ ސައީދަށް ލިބުނު ނުހަނު ބޮޑު އުފަލަކަށެވެ.

ވޯލްޑް ކަޕުން ފުރުސަތު ލިބޭ ކުދި އެހެން ގައުމުތަކުގެ އޮފިޝަލުން އެނބުރި ގައުމަށް ދިއުމުން ކިޔާފައިވަނީ ބަތަލުންގެ މަރުހަބާ އެވެ. ޝަރަފްތަކާއި އިނާމްތައް ލިބުނެވެ. އެ އޮފިޝަލުން ފަހުން ދިމާވެގެން ސައީދު ގާތު، ގައުމަށް ދިއުމުން ކޮންކަމެއްހޯ އޮތީ އަހާލީމާ ސައީދަށް ހުންނަން ޖެހެނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ.

"އެފްއޭއެމް މީހަކު ވެސް ނުދޭ. ހަމައެކަނި ޒާހިރު ނަސީރު ވަޑައިގެންނެންވީ. ހަގީގަތުގައި ވަރަށް އުފާވި ޒާހިރު ހުންނެވީމާ. ސަބަބަކީ އަޅުގަނޑު ރެފްރީކަމަށް އެންމެ ފުރަތަމަ ނުކުތްއިރު ކިޔަވައިދިނީ ޒާހިރު ކަމަށްވާތީ،" ސައީދު ބުންޏެވެ.

ކުޅިވަރުގައި ދިވެއްސަކަށް މިހާތަނަށް ލިބުނު އެންމެ މަތީ އެއް ވަނަ އަކީ ސައީދަށް 2001 ވަނަ އަހަރު އޭޝިއާގެ އެންމެ މޮޅު އެސިސްޓަންޓް ރެފްރީގެ އެވޯޑް ލިބުން ކަމަށްވީ ނަމަވެސް، އިނާމާ "ހަވާލުވާން" ޖެހުނީ އުފަލެއް އިހުސާސްވާ ގޮތަކަށް ނޫނެވެ. އެ އެވޯޑް ދިން އިރު އޭނާ ތަމްރީން ޕްރޮގްރާމެއްގައި ހުރުމުން އޭއެފްސީން އޭރު ނިންމީ އެފްއޭއެމުން ބާއްވާ ވަކި ރަސްމިއްޔާތެއްގައި އެ އެވޯޑް ދޭގޮތަށެވެ. އެކަމަކު އެކަމާ އުޅޭނެ މީހަކު ނުވި އެވެ. އެ އެވޯޑް އޭއެފްސީގެ އިދާރާގައި ހިރަސްފުސް އަރައި ދަމިލަ ޖަހާފައި އޮއްވާ ރާއްޖެ ގެނެވުނީ އޭގެ 13 އަހަރު ފަހުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީއަކަށް ހުސެއިން ޝާހިދު ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތުންނެވެ. އެކަމަކު ސައީދުގެ އަތަށް އެވޯޑް އެރީ އޭތި މާލެ ގެނައިތާ އަހަރެއް ފަހުން ބާޒާރު ކޮތަޅެއްގަ އެވެ.

އެހެންވިޔަސް 2015 ވަނަ އަހަރު އޭނާ އަށް އޭއެފްސީގެ ސިލްވާ އެވޯޑް ހޯދައިދިނުމަށް އެފްއޭއެމްގެ އޭރު އިސް މަގާމެއްގައި ހުންނެވި ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ކޮށްދިން މަސައްކަތް އޭނާ ޝުކުރުވެރިކަމާ އެކު ފާހަގަކުރެ އެވެ. ސުޒޭން އަމިއްލަ އަށް އިސް ނަގައިގެން އެ އިނާމަށް ސައީދުގެ ނަން ހުށަހަޅައިގެން އިނާމް ލިބުނުއިރު މެނޭޖްމަންޓް އޮތީ ބަދަލުވެފަ އެވެ. އެ އެވޯޑް ވެސް ސައީދާ ހަވާލުކުރީ ފަހުން ބޭއްވި އެހެން ރަސްމިއްޔާތެއްގަ އެވެ.

ސައީދަށް ހައްގު އިނާމްތައް އޭނާގެ އަތަށް އެރުން ލަސްވިޔަސް، ފުޓްބޯޅަ ދަނޑުގައި އޭނާގެ ނިންމުންތައް އެހާމެ އަވަހެވެ. އޭނާގެ އަގުވަޒަންކުރުމުގައި ކަމާބެހޭ އިދާރާތައް ފަހަތަށް ފަޔަށް ބުރަވެފައިވީ ނަމަވެސް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އޭނާ އަބަދުވެސް ހުރީ ކުރިއަށް ފިޔަވަޅެއް އަޅައިގެންނެވެ. އެދިޔަ ބާރުގައި ގޮސް ހުއްޓާލީ ވޯލްޑް ކަޕާއި ދިވެހިރާއްޖެ ގުޅުވާލަދިނުމަށް ފަހު އެވެ.