23 ޖޫން 2018 - 07:58

އިނގިރޭސިވިލާތުގެ ޒުވާނަކު، އޭނާގެ މައިންބަފައިންނަށް ފައިސާ އަށް "ސަލާން ޖަހާތީ" މައިންފައިންނަށް ފޯނުކުރުމާއި އެ މީހުންނާ ބައްދަލުކުރުން އަދި އެ މީހުން ދިރިއުޅޭ ގެ ހުންނަ ހިސާބާ ކައިރި ވެސް ނުވާން ސަދަމްޕްޓަމްގެ މެޖިސްޓްރޭޓް ކޯޓުން އެ ޒުވާނާއަށް އަމުރުކޮށްފި އެވެ.

އުމުރުން 24 އަހަރުގެ މެތިއު ކާލީގެ އުނދަގޫ ބޮޑުވެގެން މިދިޔަ އަހަރު ވެސް އޭނާގެ މައްސަލަ މައިންބަފައިން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުން، ތަހުގީގެއް ހިންގައި 32 ހަފުތާގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.
އެކަމަކު އެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު އެނބުރި އައިސް އަނެއްކާ ވެސް ފައިސާ ދޭން އާދޭސް ކުރާތީ އުނދަގޫ ބޮޑުވެގެން މައްސަލަ އަލުން ރިޕޯޓް ކުރަން ޖެހުނީ އެވެ.
މެތިއުގެ މައިންބަފައިން ކަމަށްވާ ޕޯލް، 60، އާއި ކޮރީން، 51، ގެ ވަކީލް ލިއަމް ހަންޓް ބުނި ގޮތުގައި މެތިއު ފައިސާ ހޯދަން، މައިންފައިން އުޅޭ ގެއަށް ދިއުމުގެ އިތުރުން ދުވާލެއްގެ މައްޗަށް އެތައްފަހަރަކު ފޯނުކޮށް، ދިރިއުޅުމަށް ބުރޫ އަރުވާފައިވެ އެވެ.
"އަދިި ރޭގަނޑުގެ ފުރަމެންދަމުގައި ފޯންކޮށްފައި ފައިސާ ދޭން އެބަ އާދޭސް ކުރޭ. އެހެންވެ މިކަން ވެފައި ވަނީ މެތިއުގެ މައިންބަފައިންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ތަކުލީފަކަށް،" ކޯޓްގައި ލިއަމް ބުންޏެވެ. "ބައެއް ދުވަސް ދުވަހު އެބަހުރި ތިރީހަކަށް ފަހަރު ގުޅާފައި އުނދަގޫކޮށްފައި. އަދި އިންޒާރު ވެސް ދީ މެސެޖް ވެސްކޮށްފައި."
އޭނާ ބުނި ގޮތުގައި މައިންބަފައިން ގާތުގައި މެތިއު ފައިސާ އަށް ސަލާން ޖަހަނީ އެކިއެކި ކަންކަން ކުރިމަތިވެގެން ކަމަށް ބުނެ އެވެ. އެކަމަކު އޭނާ ދައްކާ ވާހަކަތަށް އިތުބާރު ނުކުރެވޭ ކަމަށް ބުންޏެވެ.
"އެއް ފަހަރަކު ފައިސާ އަށް އާދޭސް ކުރީ ވަޒީފާގެ އިންޓަވިއުއަކަށް ދާން ތުނބުޅި ބާލަންވެގެން ޓްރިމަރެއް ގަންނާށޭ ކިޔާފައި. އެކަމަކު ލާރި ދިން ފަހުން އަނެއްކާ ވެސް ފައިސާ އަށް ސަލާން ޖަހަން އައި އިރު ހުރީ ތުނބުޅި ވެސް ނުބާލައި،" ލިއަމް ބުންޏެވެ. "އެހެންވެ މެތިއު ފައިސާ ހޯދަނީ ދޮގު ހަދައިގެން މަގުބޫލު އުޒުރެއް ނެތި ކަމަށް އޭނާގެ މަބައިން ގަބޫލު ކުރަނީ."