23 ޖޫން 2018 - 07:58

ތަފާތު އެކި ގޮތްގޮތަށް ބޭނުންކުރެވޭ ފޫޓުފީތާތައް އަންނަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި ސްމާޓް އެކި ޒާތުގެ ފީތާތައް ހިމެނެއެވެ. އަތުގައި އޮންނަ ސްމާޓްފޯނާއެކު ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "އެރިމް ވަން" އަކީ ލޭޒާ ފީތާގެ ދުނިޔެ ފަތަހަކޮށްފާނެ މޮޅު އެއްޗެކެވެ.
އެރިމް ވަން އަކީ ފޯނުގެ އެކްސްޓާނަލް ޕޯޓަށް ޖެހޭ ގޮތަށް އުފައްދާފައިވާ ފީތާއެކެވެ. ކުޑަ ފޮއްޓެއްހެން ބައްޓަންކޮށްފައިވާ މި "ފީތާ" މަސައްކަތްކުރާނީ މީގެ އެޕްގެ އެހީގައެވެ. އެ ފޮށީގައި ނިވިދިއްލާ ފިތެއް އިނދެ އެވެ. ވީމާ، ނޭނގި ފީތާ ދިއްލިގެން ކުރިމަތިވެދާނެ މައްސަލައެއް އޮވެގެން ނުވާނެއެވެ. މި ފޮށީގެ ބަރުދަނުގައި ހުންނަނީ އެންމެ 35 ގްރާމެވެ. ޖީބުގައި ބާއްވާލައިގެން މަސައްކަތުގައި އަވަދިނެތި އުޅޭކަށް ދައްޗެއްވެސް ނުވާނެއެވެ.
އެރިމް ވަންގެ އެންމެ މޮޅު ސިފައަކީ މިއީ އޮގްމެންޓަޑް ރިއަލިޓީއިން މިން އަޅައިދޭ ފީތާއަކަށްވާ ކަމެވެ. ސީދާ ރޮނގާއި ވަށްބުރާއި ކަންކަނަށް ހުންނަ ތަންތަނުގެ މިން އަޅައިދެއެވެ. މިއަށް 130 ފޫޓުގެ ބޮޑުމިން ހުންނަ ތަންތަނުގެ މިން ބަލައިދިނުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. އެހެންވެ، ކުދިކުދި މަސައްކަތުން ފެށިގެން ބޮޑެތި މަޝްރޫއުތަކުގައި ވެސް އެހީއަކަށް ފުދޭނެއެވެ.
އައިފޯން 6 އެސް އިން ފެށިގެން ފަހުގެ އައިފޯނުތަކާއި އެންޑްރޮއިޑް 8.0 އޯރިއޯ އިން ފެށިގެން ފަހުގެ އެންޑްރޮއިޑް ފޯނުތަކުގައި އެރިމް ވަން އަޅުވައިގެން ބޭނުންކުރެވެއެވެ.