22 ޖޫން 2018 - 19:13

ސެއިންޓް ޕީޓާސްބާގް (ޖޫން 22) – އިތުރު ވަގުތުގެ ތެރޭގައި ޖެހި ދެ ގޯލާ އެކު ކޮސްޓަ ރީކާ އަތުން 2-0 އިން މޮޅުވެ ބްރެޒިލުން ހަމަނޭވާއެއްލައި ފީފާ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ފުރަތަމަ މެޗުގައި ސްވިޒަލެންޑާ 1-1 އިން އެއްވަރުވި ބްރެޒިލަށް މިރޭ ސަލާމަތްވެވުނީ އުނދަގުލުންނެވެ. ބްރެޒިލް ހަތަރު ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ އަށް އެރިއިރު ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ސާބިއާ އެވެ. ތިން ވަނައިގައި އޮތީ އެއް ޕޮއިންޓާ އެކު ސްވިޒަލެންޑެވެ. ކޮސްޓާ ރީކާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
މިރޭ ސްވިޒަލެންޑް އަތުން މޮޅުވެގެން ސާބިއާ ދެ ވަނަ ބުރަށް ދާނެ އެވެ. އޭރުން އަނެއް ބުރަށް ދިއުމަށް ފަހު މެޗުން ސާބިއާ އަތުން ބްރެޒިލަށް ބޭނުންވާނީ އެންމެ ޕޮއިންޓެވެ. މިރޭގެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ހާލަތު ބަދަލުވާނެ އެވެ.
މިރޭގެ މެޗުގައި ބްރެޒިލްގެ ފުރަތަމ ލަނޑު ކުޓީނިއޯ ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގަ އެވެ. ވިލިއަމް އަރިމަތިން ނެގި ހުރަހެއް ރޮބާޓޯ ފިރްމީނިއޯ ބޮލުން ޖައްސާލުމުން ގެބްރިއަލް ޖީސުސް ކޮންޓްރޯލް ކުރި ވަގުތު ކުޓީނިއޯ ވަނީ އެއް ފަހަރު ބޯޅަ ގޯލުގެ އެތެރެކޮށްލައިފަ އެވެ.
މުޅި މެޗުގައި ކަހަލަ ގޮތަކަށް ބްރެޒިލް ހިފަހައްޓައިގެން ކުޅެމުން ދިޔަ ކޮސްޓަ ރީކާގެ ކުޅުން އެހިސާބުން ގެއްލުނުއިރު ބްރެޒިލްގެ ދެ ވަނަ ގޯލް ފަހު މިނެޓުގައި ޖެހީ ނޭމާ އެވެ. ކަސެމިރޯ ދިން ބޯޅަ ޑަގްލަސް ކޮސްޓާ ޖައްސާލުމުން ނޭމާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
އޭގެ ކުރިން ނޭމާ ބްރެޒިލަށް ޕެނަލްޓީއެއް ހޯދައިދިން ނަމަވެސް ވީއޭއާރް އިން ބެލުމަށް ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ދޭން ޖެހޭ ވަރުގެ ފައުލެއް ނޫން ކަމަށެވެ. ނޭމާ އަތުން ބޯޅަ ހޯދަން ވެގެން ކޮސްޓަ ރީކާގެ ކުޅުންތެރިއާ ނޭމާގެ މޭމަތީގައި އަތްއެޅުވި ނަމަވެސް ނޭމާ ވެއްޓެނީ އަމިއްލަ އަށެވެ. ޕެނަލްޓީއެއް ކަމަށް ރެފްރީ ނިންމުމުން ކޮސްޓަ ރީކާ ކުޅުންތެރިން އޭނާ ވަށާލި އެވެ. އެހިސާބުން މަޖުބުރޫވީ ރީޕްލޭ ބަލާށެވެ.
މިރޭގެ މެޗުގެ ފަށައިގެން ކޮސްޓަ ރީކަ އިން ބްރެޒިލަށް ބާރުބޮޑުކުރި އެވެ. ފުރަތަމަ ހާފުގައި ބްރެޒިލަށް ގޯލަށް އަމާޒުކޮށް ފޮނުވާލުވުނީ އެންމެ ހަމަލައެކެވެ. މާސެލޯ ފޮނުވާލި ބާރު ޝޮޓް އޭނާއާ އެއްކޮށް ރެއާލް މެޑްރިޑަށް ކުޅޭ ކޮސްޓަ ރީކާ ގޯލްކީޕަރު ކޭލާ ނާވަސް މަތަކުރި އެވެ.
ދެ ވަނަ ހާފުގައި ބްރެޒިލްގެ ކުޅުން ރަނގަޅުވި ނަމަވެސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފި ޕްރެޝަރަށް ދިޔަ އެވެ. އެގޮތުން ކުޓީނިއޯ ފޮނުވާލި ޝޮޓަކާއި ކަސެމިރޯ ބޮލުން ފޮނުވާލި ބޯޅައެއް ނާވަސް މަތަކުރިއިރު ނޭމާ ފޮނުވާލި ހިތްގައިމު ޝޮޓެއް ގޯލާ އަމާޒުނުވެ ދިޔަ އެވެ. އެކަމަކު އިތުރު ވަގުތު ކާމިޔާބު ހޯދި އެވެ.