22 ޖޫން 2018 - 18:42

ޖަކާޓާ (ޖޫން 22) - ޖަކާޓާގެ ސްޓާބަކްސް ކެފޭއެއްގައި 2006 ވަނަ އަހަރު ދިން ހަމަލާގައި ރޯލެއް އަދާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މުސްލިމް ލީޑަރު އަމާން އަބްދުއްރަހްމާނަށް މަރުގެ ހުކުމް މިއަދު އިއްވައިފި އެވެ.
ސުރަބަޔާގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި ވަނީ 26 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި ހަމަލާ ދިނުމުގައި ބައިވެރިވި 13 މީހުން ވެސް ހިމެނެ އެވެ. ހަމަލާ ދީފައި ވަނީ ދެ އާއިލާއަކުންނެވެ. ޖާނުންފިދާވުމުގެ ހަމަލާގައި ވަނީ ހަތް އަަހަރުގެ ކުޑަ ކުދިން ވެސް ބޭނުންކޮށްފަ އެވެ.
ފުލުހުން ބުނެފައި ވަނީ ބޮމުގެ ހަމަލާ ދިން މީހުންނަކީ އަބްދުއްރަހުމާންގެ ނެޓްވޯކުގެ މީހުން ކަމަށެވެ. ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ޓެރަރިޒަމާ ގުޅުން ހުރި މައްސަލައެއްގައި އަބްދުއްރަހުމާން ޖަލުގައި ހުރެގެން ވެސް ވަނީ އިންޑޮނީޝިއާގެ އެކި ހިސާބުތަކުގައި ހަމަލާ ދިނުމަށް އިރުޝާދު ދީފައި ކަމަށެވެ. އަދި އޭނާ އުފައްދާފައިވާ ޖަމާ އަންޝޫރަތު ދައުލަތް ޖަމާއަތާއި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ޖަކާޓާގެ ކޯޓުން ބުނެފައި ވަނީ އަބްދުއްރަހުމާން ހިންގާފައިވާ ކުށްތަކަށް އޭނާ އަށް ލުޔެއް ދެވެން ނެތް ކަމަށެވެ. އދި އޭނާ އަށް އިއްވި ހުކުމް އިސްތިއުނާފް ކުރަން ވަނީ ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ.