ވީއޭއާރްގެ ބޭނުން ހިފަނީ ގޯސްކޮށް: ބްލެޓާ
ވީއޭއާރްގެ ބޭނުން ހިފަނީ ގޯސްކޮށް: ބްލެޓާ

މޮސްކޯ (ޖޫން 22) - ފީފާ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ބޭނުން ކުރަމުން އަންނަ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުންހިފަނީ ގޯސްކޮށް ކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.

ވީއޭއާރްގެ ބޭނުން ހިފަނީ ގޯސްކޮށް: ބްލެޓާ
ވީއޭއާރްގެ ބޭނުން ހިފަނީ ގޯސްކޮށް: ބްލެޓާ

ހިޔާނާތުގެ މައްސަލައެއްގައި 2015 ވަނަ އަހަރު ފުޓްބޯޅައިން ސަސްޕެންޑްކޮށްފައިވާ ބްލެޓާ ވަނީ ރަޝިއާ އަށް ވަޑައިގެން، ވޯލްޑް ކަޕުގައި މޮރޮކޯ އަތުން 1-0 އިން ޕޯޗުގަލް މޮޅުވި މެޗު ބައްލަވާލައްވައިފަ އެވެ. އެ ގައުމަށް ވަޑައިގެންނެވީ ރައީސް ލަޑިމިއާ ޕުޓިންގެ ދައުވަތަކަށެވެ.

ބްލެޓާ ވިދާޅުވީ ފުޓްބޯޅައިގެ ކަންތައްތަކަށް އޭނާގެ ލަފާދިނުމަކީ މިހާރު އެންމެ އެކަށީގެންވާ ކަމެއް ނޫން ކަަމަށާއި އެހެން ނަމަވެސް ސަޕޯޓަރެއްގެ ވިސްނުމުގައި ފާހަގަކޮށްލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"މިސާލަކަށް ބަލަމާ އަހަރެމެން ގޯލްލައިން ޓެކްނޮލޮޖީ ތައާރަފްކުރީ. އޭގެ އޮޅުން އަރާ ކަންތައްތަކެއް ދިމާނުވެ ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށް އެބަދޭ. އެކަމަކު ވީއޭއާރްގައި އެބަހުރި ގޯސް ކަންތައްތަކެއް. އަހަރެން މި ބުނަނީ ރެފްރީންނަށް އެހީތެރިކަން ނުދޭ ވާހަކައެއް ނޫން. ވީއޭއާރް އޮފިޝަލުން ނެގުމުގައި ހަރުދަނާ ގޮތްތަކެއް ގެންގުޅެން އެބަޖެހޭ. މެޗުގެ ރެފްރީ އާއި ވީއޭއާރްގެ ގުޅުން ރަނގަޅުވާން އެބަޖެހޭ. މިސާލަކަށް މެޗުގެ ރެފްރީ އަކީ ޔޫރަޕް މީހެއް. އެކަމަކު ވީއޭއާރް ރެފްރީ އަކަށް ހުރީ އޭޝިއާގެ މީހެއް. ދެ މީހުން ފައުލުގުނާ ގޮތް ތަފާތުވާ ހާލަތު އެބައާދޭ މިހެން ދާއިރު،" ބްލެޓާ ވިދާޅުވި އެވެ.

އުމުރުން 82 އަަހަރުގެ ބްލެޓާގެ ވާހަކަތަކާ ގުޅިގެން ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވީއޭއާރްގެ ކަންތައްތައް ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށާއި ފުޓްބޯޅަ އަށް ލޯބިކުރާ އެންމެން މި ބަދަލަށް މަރުހަބާ ކިޔާ ކަމަށެވެ.

ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ރަޝިއާ އަށް ދިނީ ނުފޫޒުން ކަމަށް ބްލެޓާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެކަމަކު މި ފަހަރު ޕުޓިންއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ބްލެޓާ ވިދާޅުވީ މި ފަހަރުގެ މުބާރާތުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށެވެ.

ދެން ޔޫރަޕްގައި ބާއްވާ ވޯލްޑް ކަޕެއް ހޯސްޓްކުރުމުގެ ފުރުސަތު ލިބެން ޖެހޭނީ އިންގްލެންޑަށް ކަމަށް ބްލެޓާ ވަނީ ވިދާޅުވެފަ އެވެ.

"ވޯލްޑް ކަޕް ބާއްވަން ދެން އެންމެ ރަނގަޅު ޔޫރަޕްގެ ގައުމަކީ އިންްގްލެންޑް. މިއީ ހަމައެކަނި އަހަރެން ދައްކާ ވާހަކައެއް ނޫން. މިއީ މި ދާއިރާގެ ގިނަ ބަޔެއް ރުހޭނެ ވެސް ގޮތެއް." 17 އަހަރު ވަންދެން ފީފާގެ ރައީސްގެ މަގާމު ފުރުއްވި ބްލެޓާ ވިދާޅުވި އެވެ.