ތުރުކުމެނިސްތާން ލީގުގެ މޮޅު ކުޅުންތެރިއާ ނިއު އަށް
ތުރުކުމެނިސްތާން ލީގުގެ މޮޅު ކުޅުންތެރިއާ ނިއު އަށް

ތުރުކުމެނިސްތާން ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމް މިދިޔަ އަހަރު ހޯދި އާމިރް ގުރްބާނީގެ ސޮއި ނިއު ރޭޑިއަންޓުން ހޯދައިފި އެވެ.

ވިންގަށާއި ފޯވާޑަކަށް ވެސް ކުޅެވޭ މި ކުޅުންތެރިޔާ މި ސީޒަނުގައި ކުޅެމުން އައި ކިރްގިސްތާން ލީގުގެ ތިން ވަނައިގައި އޮތް ޑޮރްޑޮއީ ބިޝެކަށެވެ. މި އަހަރުގެ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި އުފަން ގައުމު ތުރުކުމެނިސްތާނުގެ އަހަލް އާއި ބިޝެކް ކުޅުނު ދެ ވަނަ ލެގު މެޗުގައި އޭނާ ދެ ލަނޑު ޖެހި އެވެ.

އޭގެ ކުރިން 2016 ގައި ސީޒަނުގައި ކުޅުނީ ތުރުކުމެނިސްތާން ލީގުގެ ޗެމްޕިއަންކަން އެ ފަހަރު ހޯދި އަލްތީން އަސީރަށެވެ. އޭނާ އެ ގައުމުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އެ ޓީމަށް ކުޅުނުއިރެވެ.

އޭނާ އަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ޕްރެޒިޑެންޓްސް ކަޕް ތުރުކުމެނިސްތާނުގެ ބަލްކަން އަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއާ އެވެ. ފައިނަލުގައި ލަނޑު ޖެހި އިރު މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ވެސް ހޯދި އެވެ.

އާމިރް ވަނީ 2010 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ދެ ވަނަ ބުރަށް ތުރުކުމެނިސްތާނުގެ 23 އަހަރުން ދަށުގެ ޓީމު ދަތުރުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށީ 2011 ވަނަ އަހަރެވެ. އެގޮތުން އެ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި އަދި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގައި އޭނާ ގައުމީ ޓީމަށް ކުޅުނެވެ.

އޭނާ ގެންނަން ނިއު އިން ނިންމިއިރު އެ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ކްލަބާ ވަކިވެފަ އެވެ. މުސާރަ ނުދޭތީ އެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅުމުން އެ އެސޯސިއޭޝަނުން ވަނީ އޭނާ އާއި ނިއު އިން ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ. އަނެއްކޮޅުން އާމިރާ އެކު ނިއުގައި މި ވަގުތު ބިދޭސީ ހަތަރު ކުޅުންތެރިން ތިބޭނެ އެވެ. އެއީ ސްޕެއިން ޑިފެންޑަރު ޖޯޖް ގޮޓޯ އާއި މިޑްފީލްޑަރު ކަންޑޭލާ އަދި ދާދި ފަހުން ގެނައި ރުވާންޑާ ފޯވާޑް އަތުހިއޭ ކިޕްސަން އެވެ. ސީޒަން ފެށުނުއިރު ތިބި ކުޅުންތެރިންގެ ތެރެއިން ސްޕެއިން ފޯވާޑް ގުއިލެމް މާޓީގެ ކުޅުން ދަށްވުމުގެ ސަބަބުން ފޮނުވާލިއިރު އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީ ދިޔައީ ކްލަބާ މައްސަލަ ޖެހިގެންނެވެ.