22 ޖޫން 2018 - 15:49

ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު މެންދުރު ފަހު ފަށައިފި އެވެ.

ހަތަރު އަހަރަށް ފަހު ބާއްވާ ކޮންގްރެސްގައި އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ގާތްގަނޑަކަށް 400 މެމްބަރުންނާ އެކު ކުރިއަށް ގެންދާ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕާޓީގެ 30 މަގާމަކަށް މީހުން އިންތިހާބު ކުރާނެ އެވެ.
އިންތިހާބު ބާއްވަން ނިންމާފައިވާ، މުހިއްމު މަގާމްތަކުގެ ތެރޭގައި ޕާޓީގެ ލީޑަރާއި ރައީސާއި ނައިބު ރައީސާއި ހަތަރު ނައިބު ލީޑަރުންގެ އިތުރުން ޒުވާނުންގެ ލީގާއި އަންހެނުންގެ ލީގުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ އާއި ދެ މެމްބަރުން ހިމެނެ އެވެ. އަދި ކައުންސިލަށް 15 މީހަކު އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ.
ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު ކުރިމަތިލާފައި ނުވާތީވެ، އެކަމާ މެދު ގޮތެއް ނިންމުމަށް ވެސް މިއަދު މަޝްވަރާ ކުރާނެ އެވެ. ގާސިމް އިބްރާހިމަށް އެ މަގާމަށް ކުރިމަތި ނުލެއްވެނީ އޭނާ އަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ހެދި އެވެ.
ކޮންގްރެސްގައި ޕާޓީގެ އާ ދިދަ އާއި ލޯގޯ ވެސް އިފްތިތާހު ކުރާނެ އެވެ. ޕާޓީގެ އަސާސީ ގަވައިދަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމުގައި އޮންނަ އޮތުމުގެ ބަދަލުގައި ޕްރައިމަރީއެއް ބާއްވައި ޓިކެޓް ދޭ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ.
އަދި ޕާޓީގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްގެ މަގާމު އިތުރުކުރަން ހުށަހަޅާނެ އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމާ ހަވާލުވާ ކޮންމެ ބޭފުޅަކަށް އެ ޕާޓީގެ ކައުންސިލް މެމްބަރުކަން ދިނުމަށް ވެސް ނިންމާނެ އެވެ. އަދި ރާއްޖޭގައި އޮންނަ ކޮންމެ މިނިސްޓްރީއަކަށް އެ ޕާޓީގައި ކޮމެޓީއެއް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ.