ޓީވީ އެކްޓަރު މޯހިތު ރައިނާ ވެސް ބޮލީވުޑްގެ ބޮޑު ފިލްމަކަށް ސޮއިކޮށްފި
ޓީވީ އެކްޓަރު މޯހިތު ރައިނާ ވެސް ބޮލީވުޑްގެ ބޮޑު ފިލްމަކަށް ސޮއިކޮށްފި

"ދޭވޯން ކާ ދޭވް...މަހާދޭވް" ފަދަ ޓީވީ ސިލްސިލާތައް ކުޅެފައިވާ މަޝްހޫރު ޓީވީ އެކްޓަރު މޯހިތު ރައިނާ ވެސް ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

ޓީވީ އެކްޓަރު މޯހިތު ރައިނާ ވެސް ބޮލީވުޑްގެ ބޮޑު ފިލްމަކަށް ސޮއިކޮށްފި
ޓީވީ އެކްޓަރު މޯހިތު ރައިނާ ވެސް ބޮލީވުޑްގެ ބޮޑު ފިލްމަކަށް ސޮއިކޮށްފި

ދިގު އިސްކޮޅަކާއި ވަރުގަދަ ހަށިގަނޑެއްގެ ވެރި މޯހިތު ސޮއިކުރީ ޓެރަރިސްޓުންގެ ބަޔަކު، އިންޑިއާގެ އަސްކަރިއްޔާގެ 19 އޮފިސަރެއް މަރައިލި މަޝްހޫރު ޔޫރީ އެޓޭކް ހާދިސާއަށް ބިނާކޮށް ހަދާ ފިލްމަކަށެވެ.

"ޔޫރީ" ގެ ނަން ދީފައިވާ ފިލްމުން މޯހިތު ސިފައިންގެ އޮފިސަރެއްގެ ރޯލުން ފެނިގެންދާ އިރު، މި ފިލްމްގައި ލީޑް ރޯލް ކުޅެނީ ދާދި ބޮކްސް އޮފީހުގައި އަދިވެސް ކާމިޔާބުކަމާ އެކު ހިނގަމުން އަންނަ ފިލްމް "ރާޒީ" ގެ ބަތަލު ވިކީ ކޯޝަލް އެވެ.

އަދިތިޔާ ދާރް ޑައިރެކްޓް ކުރާ ފިލްމުން ޔަމީ ގޯތަމް އާއި ޕަރޭޝް ރާވަލް ވެސް ފެނިގެން ދާނެ އެވެ.

"ޔޫރީ" އާ ބެހޭ ގޮތުން މޯހިތު އޭނާ ފިލްމަަށް އެއްބަސްވީ މިއީ އިންޑިއާގެ ދިފާއަށް މަސައްކަތް ކުރާ ހިތްވަރު ގަދަ ސިފައިންގެ އޮފިސަރުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމަކަށްވާތީ އެވެ.

"އެންމެ ފުރަތަމަ އެއްޗަކީ ގައުމު. އަހަރެން ގަބޫލުކުރަނީ މިކަހަލަ ފިލްމަކުން ފުރުސަތެއް ލިބުނީމަ ދޫކޮށްލައިގެން ނުވާނެ ކަމަށް،" ބޮމްބޭ ޓައިމްސް އަށް 35 އަހަރުގެ އެކްޓަރު ބުންޏެވެ. "މިއަށް ވުރެ ވަކި ރަނގަޅު ފުރުސަތެއް އަހަންނަކަށް ނުލިބޭނެ ބޮލީވުޑަށް ނުކުންނާކަށް."

މޯހިތު ބުނި ގޮތުގައި "ޔޫރީ" އިން އޭނާ އަށް ލިބުނު ރޯލަކީ މޮޅު އެކްޓިންއެއް ދެއްކޭ ކަހަލަ ޗެލެންޖިން ކެރެކްޓާއެކެވެ.

"ޓީވީގައި ވެސް އަހަންނަކީ އަބަދު ވެސް ޗެލެންޖިން ރޯލްތަަކަށް އިސްކަން ދޭ މީހެއް. އަނެއްކޮޅުން މި ފިލްމްގައި ވިކީ އާއި ޕަރޭޝްއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ބޮޑު ތަޖުރިބާއަކަށް ވާނެ." އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް މޯހިތު ހިންދީ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2008 ގައި މިތުން ޗަކްރަބަތީ އާއި ރިތިޝާ ބަޓް ފަދަ ތަރިން މުހިއްމު ރޯލްތައް ކުޅުނު "ޑޮން މުއްތު ސްވާމީ" ގަ އެވެ.

މޯހިތު ބޮޑު ފިލްމަކުން އަލުން ބޮޑީވުޑްގެ ދަތުރު ފަށައި ގަންނަ އިރު، އޭނާގެ ލޯބިވެރިޔާ މޯނީ ރޯއި އަކްޝޭ ކުމާރާ އެކު ބަތަލާގެ ރޯލް ކުޅޭ ފުރަތަމަ ފިލްމް "ގޯލްޑް" އަންނަ އޮގަސްޓް މަހުގެ 15 ގައި ރިލީޒް ކުރާނެ އެވެ. އަދި ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ "ބްރައްމަސްތުރާ" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.