23 ޖޫން 2018 - 08:00

މިހާރު ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ، އައިޝްވާރިޔާ ރާއީގެ ފިލްމް "ފެނީ ހާން" ގެ ލަވައެއްގައި އޭނާ އިންޑިއާގެ މެނޯޑާގެ ގޮތުގައި ދައްކުވައިދޭ ލަވައެއް ހިމަނަން ނިންމައިފި އެވެ.

އެކަން ފިލްމްގެ ޑައިރެކްޓަރު އަތުލް މަންޖްރޭކަރް ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ "ފެނީ ހާން" ގައި އައިޝްވާރިޔާ ފެނިގެން ދާނީ ވަަރަށް މަޝްހޫރު އަދި ޒުވާނުންގެ މެދުގައި އެހާމެ މަގުބޫލް ލަވަކިޔުންތެރިއެއް/ނެށުންތެރިއެއްގެ ރޯލުން ކަމަށެވެ.
އެހެންވެ ފިލްމްގައި އައިޝްވާރިޔާގެ ފަރި ހަރަކާތްތައް ދައްކުވައިދޭ ވަރަށް ފުރިހަމަ ލަވައެއް ހިމަނަން ބޭނުންވީ ކަމަށް އަތުލް ބުންޏެވެ. މި ލަވައިގެ ނެށުން ތައްޔާރުކޮށް ދެނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ރިހާނާ އާއި ބިޔޯންސޭގެ އިތުރުން ކުރީގެ ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަން ފަދަ ފަންނާނުންތަކެއްގެ ލަވަތަކުގެ ކޮރިއޯ ހަދައި ދީފައިވާ ފްރޭންކް ގެޓްޒަން ޖޫނިއާ އެވެ.
އަތުލް ބުނީ ލަވައިގެ ނެށުން ތައްޔާރުކޮށްދޭން ފްރޭންކަށް ހުށަހެޅީ އޭނާ މީގެ ކުރިން ކޮށްފައި ހުރި ކާމިޔާބު މަސައްކަތްތަކުންނާއި އަދި އޭނާ އިންޓަނޭޝަލް އޯޑިއަންސްގެ މެދުގައި ވަރަށް ވެސް މަޝްހޫރު ފަންނާނަކަށްވާތީ ކަމަށެވެ.
"އައިޝްވާރިޔާގެ ލަވައިގެ ކޮރިއޯ ހަދައިދޭން އަހަރެމެން ހުށަހެޅުމާ އެކު، ފްރޭންކް ވަނީ ވަގުތުން އެއްބަސްވެފައި. އަދި އޭނާ ހުރީ އައިޝްވާރިޔާއާ އެކު މަސައްކަތްކޮށްލަން ލިބުނީމަ ވަރަށް ވެސް ހިތްހަމަޖެހިފައި،" އަތުލް ބުންޏެވެ.
"ފެނީ ހާން" ގައި އިންޑިއާގެ މެޑޯނާގެ ގޮތުގައި އައިޝްވާރިޔާ ފެނިގެންދާ ލަވައަކީ ވަރަށް ބޮޑު ހަރަދެއް ވެސް ކޮށްގެން ޝޫޓްކުރާ ލަވައެކެވެ.
މި ފިލްމަކީ ޓީ ސީރީޒާއި މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު އޯމް ޕްރަކާޝް މެހެރާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
އޮގަސްޓް މަހުގެ ތިނެއްގައި ރިލީޒްކުރާ "ފެނީ ހާން" ގެ ބަތަލުންނަކީ އަނިލް ކަޕޫރާއި ރާޖްކުމާރް ރާއޯ އެވެ. މި ފިލްމަކީ 2000 ވަނަ އަހަރު ނުކުތް ބެލްޖިއަމްގެ ފިލްމް "އެވްރިބަޑީ އިޒް ފޭމަސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.