22 ޖޫން 2018 - 12:53

ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުކުރަން ދެ ގައުމުގެ މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން މިއަދު ބުނެފި އެވެ.
އިންޑިއާގެ "ދަ ހިންދޫ"ގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދާއި އިންޑިއާގެ ފޮރިން ސެކެރެޓަރީ މިދިޔަ ހަފުތާގައި ބައްދަލު ކުރެއްވި އެވެ. އަދި ދެ ގައުމުގެ އެހެން ބައެއް އޮފިޝަލުން ވެސް މިދިޔަ ހޯމަ ދުވަހު ބައްދަލު ކުރެއްވި ކަމަށް އެ ނޫހުގައިވެ އެވެ. މީގެ އިތުރުން ދެ ގައުމުގެ ދިފާއީ ކަންކަމާ ބެހޭ އިސް އޮފިޝަލުންތަކެއް ވެސް މިމަހު ފަހުކޮޅު ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
އިންޑިއާ އާއި ރާއްޖޭގެ ވެރިންގެ މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެގޮތުން ދާދިފަހުން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އިންޑިއާއަށް ވަޑައިގަތުމުން އަނބުރާ ފޮނުވާލި އެވެ. އޭނާ އަނބުރާ ފޮނުވާލި ސަބަބެއް އިންޑިއާ ސަރުކާރުން މިހާތަނަށް ވެސް ހާމަ ނުކުރާއިރު، އެ މައްސަލާގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވެސް ހާޒިރުކުރި އެވެ.
މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ވިސާ އާކޮށް ނުދޭ މައްސަލަ ހައްލުކޮށްދޭން ވެސް އިންޑިއާއިން ވަނީ ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފަ އެވެ. އެކަމަކު އިމިގްރޭޝަނުން ބުނެފައި ވަނީ އެއްވެސް ގައުމެއް ތަފާތު ނުކޮށް، ވިސާ އާއި ވޯކްޕާމިޓް އިންޑިއާ މީހުންނަށް ވެސް ދެމުން ގެންދާ ކަމަށެވެ.
ދާދިފަހުން އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ރާއްޖެއިން ކުރިމަތިލި އިންތިޚާބުގައި ވެސް އިންޑިއާ އިން ރާއްޖެއާ ދެކޮޅަށް ވޯޓު ދީ، ކެމްޕެއިން ކުރި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ. އެކަމަކު ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާގެ ވޯޓު ރާއްޖެއަށް ދޭނެ ކަމުގެ ޔަގީންކަން އެ ގައުމުން އޮތީ ދީފަ އެވެ.