ރޮނާލްޑޯގެ ޖާޒީ ހޯދަން ރެފްރީ އެދިފައެއް ނުވޭ: ފީފާ
ރޮނާލްޑޯގެ ޖާޒީ ހޯދަން ރެފްރީ އެދިފައެއް ނުވޭ: ފީފާ

މޮސްކޯ (ޖޫން 22) – ވޯލްޑް ކަޕުގައި ބުދަ ދުވަހު މޮރޮކޯ އަތުން 1-0 އިން ޕޯޗުގަލް މޮޅުވި މެޗުގެ ހާފް ވަގުތު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖާޒީ ހޯދަން އެ މެޗުގެ ރެފްރީ އެމެރިކާގެ މާކް ގައިގާ އެދުނު ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ރެފްރީ އަށް އެ ތުހުމަތުކުރީ، މެޗުގައި ރެފްރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި މޮރޮކޯ ޓީމުގެ ނޫރުއްދީން އަމްރާބަތެވެ. މެޗަށް ފަހު އަމްރާބަތު ބުނީ ރެފްރީއާ ބެހޭގޮތުން އެއްޗެއް ނޭގޭ ކަމަށާއި އެކަމަކު އޭނާ ހުރީ ރޮނާލްޑޯއާ ވަރަށް ގަޔާވެފައި ކަމަށެވެ.

"އަދި ޕޯޗުގަލް ޑިފެންޑަރު ޕެޕޭގެ ފަރާތުން އަހަންނަށް އިވުނު ރެފްރީ ފުރަތަމަ ހާފުގައި ރޮނާލްޑޯ ގާތު އެދުނު ކަމަށް އޭނާގެ ޖާޒީ ހޯދަން. ކޮންކަމަކާ ބެހޭގޮތުން މި ވާހަކަދައްކަނީ؟ ވޯލްޑް ކަޕުގައި؟ މިއީ ސާކަސްއެއް ނޫން،" އަމްރާބަތު ބުންޏެވެ.

މިކަމާ ބެހޭގޮތުން ފީފާ އިން ނެރުނު ބަޔާނުގައި ބުނީ އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ގައިގާ ދޮގުކުރާ ކަމަށާއި އެއްވެސް ގޮތަކަށް އެފަދަ އެދުމެއް އެދިފައިނުވާނެ ކަމަށެވެ. އަދި ފީފާ އިން ވަނީ އަމްރާބަތު އެގޮތަށް ވާހަކަދެއްކީތީ އެކަން ކުށްވެރިކޮށްފަ އެވެ.

ފީފާ އިން އިތުރަށް ބުނީ ރެފްރީން ތިބޭނީ އެ މީހުންގެ އަހުލާގާއި ވޯލްޑް ކަޕުގައި ޓީމުތަކާ އޮންނަން ޖެހޭ ގުޅުންތަކާ މެދު ސާފު އިރުޝާދުތަކެއް ލިބިގެން ކަމަށާއި މެޗަކަށް ހަމަޖައްސާވައިވާ ރެފްރީއެއްގެ ގޮތުގައި ގައިގާ އަމަލުކޮށްފައިވަނީ ޕްރޮފެޝަނަލް އުސޫލުތަކާ އެއްގޮތަށް އަދި ނަމޫނާ ގޮތެއްގެ މަތިން ކަމަށެވެ.

އެ މެޗުން ބަލިވުމާ އެކު މޮރޮކޯ ވަނީ މުބާރާތުން ކަޓައިފަ އެވެ. މުޅި މެޗުގައި ވެސް އެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.