22 ޖޫން 2018 - 01:02

ނޮވޮގްރޮޑް (ޖޫން 22) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، މިރޭ އެންމެ ފަހުގެ ރަނަރަޕް އާޖެންޓީނާ 3-0 އިން ބަލިކޮށް 20 އަހަރަށް ފަހު ދެ ވަނަ ބުރުން ކްރޮއޭޝިއާ ޖާގަ ކަށަވަރުކުރިއިރު، މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ގެއްލި އާޖެންޓީނާ އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ކްރޮއޭޝިއާ އެންމެ ފަހުން ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ކުޅުނީ 1998 ވަނަ އަހަރު އެވެ. އެ ޓީމުން ވަނީ އެ ފަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އަނެއްކޮޅުން މިއީ 60 އަހަރު ތެރޭ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް މެޗަކުން އާޖެންޓީނާ ތިން ލަނޑުގެ ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.

ކްރޮއޭޝިއާ ގްރޫޕްގެ އެއް ވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އައިސްލެންޑަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އާޖެންޓީނާ އަށް ވެސް ވަނީ ޕޮއިންޓެެއް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ނައިޖީރިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި މާދަމާ އައިސްލެންޑް ކުޅޭނީ ނައިޖީރިއާއާ ދެކޮޅަށެވެ. އާޖެންޓީނާ އެންމެ ފަހުން ވޯލްޑް ކަޕެއްގެ ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ދިޔައީ 1974 ވަނަ އަހަރު އެވެ. އެކަމަކު އެ ފަހަރު އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސްފަ އެވެ. މި ފަހަރު އަނެއް ބުރުގެ ޖާގައެއް އާޖެންޓީނާ އަށް ލިބެން އޮތީ ފަހު މެޗުގައި ނައިޖީރިއާ ބަލިކޮށް ދެން ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
މެޗު ފަށައިގެން އާޖެންޓީނާ އިން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް ކައުން އެޓޭކުގައި ކްރޮއޭޝިއާ އިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އިވާން ޕެރިސިޗް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު ވިލީ ކަބަލޭރޯ ވަނީ މަތަކޮށްފަ އެވެ.
އެންހެލް ޑީ މާރިއާ ބެންޗުގައި ބައިންދައިގެން ފެށި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ސާޖިއޯ އަގުއޭރޯ އަށް ފުރަތަމަ ހަާފުގައި މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނުއިރު، އެ ދެ ކުޅުންތެރިން ހުއްޓުވަން ކްރޮއޭޝިއާ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ފުރަތަމަ ހާފުގައި އާޖެންޓީނާ އަށް ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ މި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުންދިޔަ އެންޒޯ ޕެރޭޒް އަށެވެ. ކްރޮއޭޝިއާ ފަހަތުން ހެދުނު ގޯހަކުން އޭރިއާ ތެެރެއިން މުޅިން ހުސްކޮށްހުރެ އެންޒޯ ޕެރޭޒް ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ކުރިން އެ ޓީމުގެ އަކޫނިއާ ނަަގައިދިން ހުރަހެއް ބޭރަށްދިޔައީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ އެވެ.
މި ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާ އިން ވަނީ އިތުރު ހުސް ފުރުސަތެއް ނަގާލައިފަ އެވެ. ކްރޮއޭޝިއާގެ ސީމް ވިސާލްކޯ އަރިމަތިން ނަގައިިދިން ބޯޅަ އޭރިއާތެެރެއިން މުޅިން ހުސްކޮށް އަރައި މާރިއޯ މަންޒުކިޗް ބޮލުން ޖެހި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ.
ދެ ވަނަ ހާފުގެ ފުރަތަމަ ހަމަލާ އުފެއްދީ އަގުއޭރޯ އެވެ. އޭރިއާތެރެއިން އަގުއޭރޯ ފޮނުވާލި ބޯޅަ ބާރެއް ނެތްއިރު ކްރޮއޭޝިއާގެ ކީޕަރު ޑެނިއަލް ސުބަސިޗް ވަނީ އެ ބޯޅަ އަތައްނަަގައިފަ އެވެ.
އާޖެންޓީނާ އަށް މައްސަލަތައް ދިމާވީ މެޗުގެ 53 ވަނަ މިނިޓްގައި ކަބަލޭރޯ އަށް ހެދުނު ބޮޑު ގޯހަކުން ކްރޮއޭޝިއާ އިން ލަނޑު ޖެހުމުންނެވެ. ކަބަލޭރޯ ކުރިއަށްޖަހަން ފޮނުވާލި ބޯޅަ އެނބުރިގެން އައިސް ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށްހުރި އަންޓޭ ރެބިޗް އަށެވެ. ބޯޅަ މަތީގައި އޮއްވައި އެއް ފަހަރުން ޖަހައި ރެބިޗް ވަނީ އެ ބޯޅަ ގޯލުގެ ކަނުގައި ތަތްކޮށްލައިފަ އެވެ. ލަނޑު ޖެހިތާ ދެ މިނިޓް ފަހުން ރެބިޗް ވަނީ ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފަ އެވެ.
ކްރޮއޭޝިއާ އިން ލީޑުނެގުމާ އެކު އާޖެންޓީނާ އިން ވަނީ ދެ ބަަދަލެއް ގެނެސްފަ އެވެ. ކްރިސްޓިއަން ޕަވޯން އާއި ގޮންޒާލޯ ހިގައިން ވަނީ ކުޅެން އަރައިފަ އެވެެ. މެޗުގެ 63 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ހިގައިން ނަގައިދިން ބޯޅަ މެކްސިމިލިއާނޯ މޭޒާ ފޮނުވާލުމުން ކީޕަރު ސުބަސިޗް އަތުގައި ޖެހިފައި ނުކުތްވަގުތު މެސީ އަށް ލިބުމުން ފޮނުވާލި ނަމަވެސް ކްރޮއޭޝިއާގެ އިވާން ރަކިޓިޗް ވަނީ އެ ބޯޅަ ބްލޮކްކޮށްފަ އެވެ.
މެޗުގެ ފަހު 20 މިނިޓަށް އާޖެންޓީނާ އިން ވަނީ ޕައޮލޯ ޑީބަލާ ކުޅެން އަރުވައިފަ އެވެ. ކުޅެން އެރިތާ ދެ މިނިޓް ފަހުން ޑީބަލާ ފޮނުވާލި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
އާޖެންޓީނާ އިން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ކްރޮއޭޝިއާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް އެވެ. އޭރިއާ ބޭރުން މޮޑްރިޗް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ކަބަލޭރޯ އަތުގައި ޖެހިފަ އެވެ.
އޭގެ ފަސް މިނިޓް ފަހުން ކްރޮއޭޝިއާގެ ރަކިޓިޗް ޖެހި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އެކަމަކު އިތުރު ވަގުތުގައި ކައުންޓަ އެޓޭކަކުން ލިބުނު ފުރުސަތަކުން ރަކިޓިޗް ވަނީ ކްރޮއޭޝިއާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.