21 ޖޫން 2018 - 22:11

ޔެކަޓެރިންބާގް، ރަޝިއާ (ޖޫން 21) – ފީފާ ވޯލްޑް ކަޕުގައި މިރޭ ޕެރޫ އަތުން 1-0 އިން މޮޅުވެ ފްރާންސުން މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދިއިރު ޕެރޫ އެނބުރި ގައުމަށް ދާން ޖެހިއްޖެ އެވެ.
ފްރާންސް ހަ ޕޮއިންޓާ އެކު ދެ ވަނަ ބުރަށް ދިޔައިރު މި ގްރޫޕުން އަނެއް ޖާގަ އަށް ވާދަކުރަނީ ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ޑެންމާކާއި އެއް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އޮސްޓްރޭލިއާ އެވެ. ފަހު މެޗުން ފްރާންސް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ޑެންމާކަށް އަނެއް ބުރަށް ދެވޭނެ އެވެ. އޮސްޓްރޭލިއާ އަށް ފުރުސަތު އޮތީ ޕެރޫ އަތުން މޮޅުވެ އަދި ފްރާންސް އަތުން ޑެންމާކް ބަލިވެ އަދި ލަނޑުގެ ގޮތުން ވެސް ކުރި ހޯދައިގެންނެވެ. ޕެރޫ ކެޓީ ޕޮއިންޓެއް ނުލިބި ފުލުގައި އޮވެ އެވެ.
މިރޭގެ މެޗުގައި ފްރާންސްގެ ހަމައެކަނި ގޯލް 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ފްރާންސް ގައުމީ ޓީމަށް ބޮޑު މުބާރާތެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިއާ އަށެވެ. އޮލިވާ ޖިރޫ ފޮނުވާލި ބޯޅަ ޕެރޫގެ ގޯލްކީޕަރުގެ ގައިގައި ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް އެމްބާޕޭ އެތެރެކޮށްލީ އެވެ.
އޭގެ ކުރިން ފްރާންސަށް ލަނޑު ޖަހަން ތިން ފުރުސަތު ލިބުނެވެ. އެންމެ ފުރަތަމަ 11 ވަނަ މިނެޓުގައި އޭރިއާ ބޭރުން ޕައުލް ޕޮގްބާ ފޮނުވާލި ބާރު ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން 15 ވަނަ މިނެޓުގައި ޖިރޫ ޖައްސާލި ބޯޅައެއް އެންޓޮއިން ގްރިޒްމަން ހޯދައި ފޮނުވާލުމުން ޕެރޫގެ ގޯލްކީޕަރު ސަލާމަތްކުރި އެވެ. އަދި 33 ވަނަ މިނެޓުގައި ޕޮގްބާ ދިން ހިތްގައިމު ޕާހަކަށް އެމްބާޕޭ އަރައި ފުންނާބުން ޖެހުމުން ގޯލަށް ނުވަނީ ކިރިޔާ އެވެ. މި ހާފުގައި ޕެރޫގެ ކެޕްޓަން ޕައޮލޯ ގުއެރޭރޯ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ.
ދެ ވަނަ ހާފުގައި ޕެރޫން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ހޯދައި ފްރާންސަށް ނުރައްކާކުރި އެވެ. އެގޮތުން 50 ވަނަ މިނެޓުގައި ޕެރޫގެ ޕެޑްރޯ އަކީނޯ ގޯލެއް ނުޖެހީ ކިރިޔާ އެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ ގޮސް ޖެހުނީ ގޯލުގެ ދަނޑީގަ އެވެ. ފްރާންސުން ފަހު ވަގުތު ލީޑު ފުޅާކުރަން ފުރުސަތު ލިބުނެވެ. އެގޮތުން 81 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއާ އޮސްމާނޭ ޑެމްބެލޭ އަރައި ޕެރޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާގައި ޖެހި ބޯޅަ ދަނޑީގައި ޖެހުނުއިރު ޖިރޫ އަށް ލިބުނު ބޯޅަ ޕެރޫގެ ޑިފެންޑަރަކު ބްލޮކްކުރީ އެވެ.