21 ޖޫން 2018 - 20:01

ސްޓެލްކޯ ކައިރީގައި ހުންނަ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ އެއް ނަންބަރު ޝެޑުން، ތެޔޮ އަޅައިދޭނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށާއި އަނެއް ދެ ޝެޑް ސައިކަލަށް ހާއްސަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެފްއެސްއެމް އިން މާލޭގައި ވެހިކަލްތަކަށް ތެޔޮ އަޅަން ތިން ޝެޑެއް ހިންގަ އެވެ. އެއީ ސްޓެލްކޯ ކައިރީގައި ހުންނަ ޝެޑްގެ އިތުރުން އައިޖީއެމްއެޗް ކައިރީގައި ހުންނަ ޝެޑާއި ކާނިވާ ކައިރީގައި ހުންނަ ޝެޑެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން، ސައިކަލްތަކަށް ތެޔޮ އަޅައިދޭނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ޝެޑުންނާއި ކާނިވާ ކައިރީގައި ހުންނަ ޝެޑުން ކަމަށެވެ. ނަމަވެސް އެގޮތަށް ހަމަޖެއްސީ ކީއްވެގެން ކަމެއް އެ ކުންފުނިން ނުބުނެ އެވެ.
ސްޓެލްކޯ ކައިރީގައި ހުންނަ ޝެޑުން ހަމައެކަނި ބޮޑެތި ވެހިކަލްތަކަށް ތެޔޮ އަޅައިދޭ ގޮތަށް ހަމަޖެއްސިއިރު، ބްރިޖާ ގުޅުވައިގެން މެރީބްރައުން ރެސްޓޯރަންޓުން ފެށިގެން އެމްޓީސީސީގެ ހުޅުމާލެ ފެރީ ޓާމިނަލާ ދެމެދު މަގުތައް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް ކުރަމުން އަންނާތީ މަގުތަކުގެ ޓްރެފިކަށް ވަނީ ދަތިވެފަ އެވެ.