21 ޖޫން 2018 - 19:30

ސަމާރާ (ޖޫން 21) – ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސީ ގައި މިރޭ ޑެންމާކާ 1-1 އިން އެއްވަރުކޮށް އޮސްޓްރޭލިއާ އިން ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި އެވެ.
މި ވަގުތު ހަތަރު ޕޮއިންޓާ އެކު ޑެންމާކް އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ފްރާންސެވެ. އޮސްޓްރޭލިއާ އެއް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ޕެރޫ އެވެ. މިރޭ ޕެރޫ އަތުން މޮޅުވެގެން ފްރާންސަށް ދެ ވަނަ ބުރަށް ދާއިރު ޕެރޫ ކަޓާނެ އެވެ. އަނެއް ޓީމު ކަށަވަރުވާނީ ފަހު މެޗުތަކަށް ފަހު އެވެ. ހުރިހާ ގޮތަކުން ވެސް ފުރުސަތު ބޮޑީ 2002ގެ މުބާރާތުގެ ފަހުން ދެ ވަނަ ބުރަށް ގޮސްފައިނުވާ ޑެންމާކަށެވެ.
މިރޭގެ މެޗުގެ ހަތް ވަނަ މިނެޓުގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ނިކޮލައި ޖޯގެންސަން ދިން ބޯޅަ ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު އެރިކްސަން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލީ އެހާމެ މޮޅަށް ޖަހަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮސްޓްރޭލިއަ ކެޕްޓަން މިލޭ ޔެޑިނަޗް ވަނީ ޕެނަލްޓީއަކުން އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މިއީ އޭނާ ވޯލްޑް ކަޕުގެ ޖެހިޖެހިގެން ތިން މެޗުގައި ޖެހި ތިން ވަނަ ޕެނަލްޓީ އެވެ. އޭރިއާ ތެރެއިން ޑެންމާކުގެ ޔޫސުފް ޕޯލްސަން އަތުގައި ބޯޅަ ޖެހުމުން ރެފްރީ ފުރަރަމަ ޕެނަލްޓީ ނުދިން ނަމަވެސް ވީއޭއާރްގެ އެހީގައި ނިންމީ ޕެނަލްޓީއެއް ކަމަށެވެ.
ނަތީޖާ ނެރެން އޮސްޓްރޭލިއާގެ އާރޮން މޫއީ އަށް ފުރުސަތު ލިބި ބޭކާރުވިއިރު ޑެންމާކުގެ ޔޯގެންސަން އާއި ޕިއޮނީ ސިސްޓޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ވެސް ނުހިފުނެވެ.
މިރޭގެ މެޗަކީ ޑެންމާކުގެ އެރިކްސަން ޖެހި ގޯލަކީ އެންމެ ފަހުން ކުޅުނު 15 މެޗުން ޖެހި 13 ގޯލެވެ. އޭނާ ވަނީ އިތުރު ފަސް ގޯލް ޖަހަން ވެސް މަގުފަހުުކޮށްދީފަ އެވެ.