21 ޖޫން 2018 - 16:18

ނިއު ރޭޑިއަންޓުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި ކްލަބުން އޭނާ ދޫކޮށްލައިފި އެވެ.
ނިއު އިން ބުނީ ކޮންޓްރެކްޓް އުވާލީ ދެ ފަރާތުން އެއްބަސްވެގެން ކަމަށާއި ކްލަބަށް ކޮށްދިން ހިދުމަތްތަކަށް ދަގަނޑޭ އަށް ޝުކުރުއަދާކުރާ ކަމަށެވެ. އިތުރު ތަފްސީލެއް ކްލަބުން ނުދެ އެވެ.
މިގޮތަށް ނިންމިއިރު ދަގަނޑޭ ވަނީ މުސާރައިގެ ލަސްވުންތަކެއް އުޅޭތީ ކޮންޓްރެކްޓް ބާތިލްކުރަން އެފްއޭއެމް އަށް އަންގާރަ ދުވަހު ހުށަހަޅައިފަ އެވެ. އެހެންވެ ބެލެވެނީ ފަހުން ދެ ފަރާތުން ވާހަކަދައްކައިގެން ކޮންޓްރެކްޓް ބާތިލްކުރަން ނިންމީ ކަމަށެވެ.
ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) އެ ދުވަހު ބުނީ މުސާރަ ދިނުމުގައި ލަސްވުންތަކެއް އުޅޭ ކަމަށާއި އެކަމަކު އެ މައްސަލަ ވާހަކަދައްކައިގެން ހައްލުކުރެވޭނެ ކަމަށެވެ.
"މިދިޔަ އަހަރު ވެސް ދޭން ޖެހޭ ފައިސާތަކެއް ނުދެވި ލަސްވި. އެކަމަކު އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން އެ ފައިސާ ދައްކައި ހަލާސްކުރިން. މި އަހަރު ވެސް ދަގަނޑޭގެ އިތުރުން ސެންޓޭ (އަލީ ފާސިރު) އަދި އިމްރާންގެ ވެސް ޑިލޭތަކެއް އެބައުޅޭ،" ޓެޑް ވިދާޅުވި އެވެ.
ދަގަނޑޭ ދެން ބަދަލުވާނެ ކަމަށް ބެލެވެނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އެ ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ދަގަނޑޭ އަށް ކޮންމެ ކްލަބަކުން ވެސް ޝައުގުވެރިވާނެ ކަމަށް ބުނެ އެފަދަ އިޝާރާތެއް ދީފަ އެވެ.
އެ މައްސަލަ އަންގާރަ ދުވަހު އެފްއޭއެމް އަށް ލީ ނަމަވެސް އެރޭ ދަގަނޑޭ ވަނީ އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ. ފަހު ހާފުގައި އަރައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނުއިރު އެ މެޗަށް ފަހު މާލޭ ލީގުގެ އައްޑަނަ ވެސް އުފުލާލި އެވެ. ދަގަނޑޭ ދިއުމާ އެކު ދެން ނިއުގައި ހުރި ހަމައެކަނި ސެންޓަ ފޯވާޑަކީ ދާދި ފަހުން ގެނައި ރުވާންޑާގެ ފޯވާޑް އަތުހިއޭ ކިޕްސަން އެވެ. އެންމެ ފުރަތަމަ ގެނައި ސްޕެއިން ފޯވާޑް ގުއިލެމް މާޓީގެ ބަދަލުގައި ގެނައި ކިޕްސަން ވަނީ އެރޭ މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ.
ދަގަނޑޭ އަކީ މި ސީޒަނުގައި ނިއު ދޫކޮށް ދިޔަ ދެ ވަނަ ކުޅުންތެރިއާ އެވެ. އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީ ދިޔައީ ކްލަބުން މުސާރަ ނުދޭ ކަމަށް ބުނެ އެވެ. އެކަމަކު ނިއު އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ކްލަބުން ބުނީ އޭނާ ދިޔައީ ކޮންޓްރެކްޓުގައި ނެތް ކަންކަމަށް ޑިމާންޑްކުރާތީ ދޫކޮށްލަން ނިންމާފައިވަނިކޮށެވެ. އެކަމަކު ފުރައިގެން ދިޔައީ ކްލަބަށް ނޭގި ކަަމަށާއި އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށެވެ.
ދަގަނޑޭ ނިއުއާ ތިން ވަނަ ފަހަރަށް ގުޅުނީ މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާ ހަމައިންނެވެ. މިދިޔަ އަހަރުގެ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު މިއު ކާމިޔާބުކުރުމުގައި ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.
ކްލަބް ވެލެންސިއާ އިން 2001 ގައި ކެރިއަރު ފަށައި އެ ކްލަބަށް ހަތަރު އަހަރު ކުޅުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ގަ އެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު އެނބުރި ނިއުއާ ގުޅުނީ 2012 ވަނަ އަހަރެވެ. އެ އަހަރު މެޗަކުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކޮށް އަދި ޕްރެޒިޑެންޓްސް ކަޕް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.
ޖެހިގެން އައި 2013 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ. އެ ފަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ ވަނީ 50 އަށް ވުރެ ގިނަ ގޯލް ޖަހައި ރެކޯޑް ހަދައިފަ އެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ނިއު ގެންގޮސްދިނެވެ.