ޓެސްޓުގައި މަކަރު ހެދުން ހުއްޓުވަން ގައުމުން އިންޓަނެޓް ކަނޑާލައިފި
ޓެސްޓުގައި މަކަރު ހެދުން ހުއްޓުވަން ގައުމުން އިންޓަނެޓް ކަނޑާލައިފި

އަލްޖިއާސް (ޖޫން 21) - އަލްޖީރިއާގައި ހައި ސްކޫލް އިމްތިހާނުގައި ދަރިވަރުން މަކަރު ހެދުން ހުއްޓުވުމަށް މުޅި ގައުމުން އިންޓަނެޓުގެ ޚިދުމަތް ކަނޑާލާ ގޮތަށް ހަމަޖައްސައިފި އެވެ.

އަލްޖީރިއާގައި ހައި ސްކޫލް ޑިޕްލޮމާ އިމްތިހާން ފެށުމާ އެކު މުޅި ގައުމުން މޯބައިލް ފޯނުތަކާއި ފިކްސްޑް ލައިން އިންޓަނެޓް އެއްގަޑިއިރަށް ކަނޑާލާނެ އެވެ. ސަބަބަކީ އިމްތިހާން ކަރުދާސް ލީކު ކުރުން ހުއްޓުވުމެވެ. އިންޓަނެޓުގެ ޚިދުމަތް ކަނޑާލާނީ ޓެސްޓް އޮންނަ ދުވަސްތަކުގައި، މި މަހު 20-25 އަށެވެ.

އަލްޖީރިއާ އިން މި ގޮތަށް ހަދަން ނިންމީ 2016 ވަނަ އަހަރު އިމްތިހާން ކަރުދާސް އޮންލައިންކޮށް ލީކުކޮށްފައިވާތީ އެވެ. އެހެންވެ ކަމާ ބެހޭ ފަރާތްތަކުން މިދިޔަ އަހަރު ވަނީ ސޯޝަލް މީޑިއާ ހުއްޓުވައިދިނުމަށް ސާވިސް ޕްރޮވައިޑަރުންގެ ކިބައިން އެދިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ނޫރިއާ ބެންގަބްރިތު ވިދާޅުވީ ޓެސްޓް އޮންނަ މުއްދަތުގައި އަލްޖީރިއާގައި ފޭސްބުކް ބްލޮކްކުރާނެ ކަމަށެވެ.

މީގެ އިތުރުން އަލްޖީރިއާގައި އިމްތިހާން ބާއްވާ 2،000 އަށް ވުރެ ގިނަ ހޯލަށް އިލެކްޓްރޯނިކް އެއްވެސް ޑިވައިސްއެއް ދަރިވަރުންނާއި ސްކޫލް ސްޓާފުން ވެއްދުން ވަނީ މަނާކޮށްފަ އެވެ. އަދި އިމްތިހާން ހޯލްތަކުގެ ބޭރުގައި ވަނީ މެޓަލް ޑިޓެކްޓަރު ހަރުކޮށްފަ އެވެ. އިމްތިހާން ކަރުދާސް ޕްރިންޓް ކުރާ ތަންތަނުގައި ވަނީ ސާވޭލަންސް ކެމެރާ އާއި މޯބައިލް ފޯން ޖޭމާސް ވެސް ހަރުކޮށްފަ އެވެ.

އަލްޖީރިއާގެ ހައި ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 700،000 ދަރިވަރުން ބައިވެރިވެ އެވެ. އިމްތިހާނުގެ ނަތީޖާ ލިބޭނެ ކަމަށް ބެލެވެނީ ޖުލައި 22 ވަނަ ދުވަހު އެވެ.