މުއްދަތު ހަމަވިއިރު ވޯޓާސް ލިސްޓަށް 1،700 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅި
މުއްދަތު ހަމަވިއިރު ވޯޓާސް ލިސްޓަށް 1،700 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅި

ރިއާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވި އިރު، 1،700 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރޭ 10:30ގައި ހަމަވިއިރު، މުޅި ރާއްޖެއިން 1،778 ޝަކުވާ ލިބިފައިވާ ކަމަށެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި ގޮތުގައި، ވޯޓާސް ލިސްޓަށް މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންނާއި 18 އަހަރުން ދަށުގެ ކުދިންގެ ނަންތައް ވޯޓާސް ލިސްޓުގައި ހުރުމެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުން ވެސް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅި ކަމަށެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ ވޯޓާސް ލިސްޓާ ގުޅޭ 800 އަށް ވުރެ ގިނަ މައްސަލަ އީސީއަށް ހުށަހެޅި އެވެ.

"އެ ޝަކުވާތައް ބަލައި އެ ކަންކަން އިސްލާހުކުރުމަށް ފަހު، ގާނޫނުގައި އޮންނަ މުއްދަތުގައި ފުރިހަމަ ދާއިމީ ލިސްޓެއް ނެރޭނަން،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން، ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންނެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ އެ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭނެ ކަމަށެވެ. އެ ޖަވާބާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައި ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.