މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް
މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް

ނިއު ދިއްލީ (ޖޫން 21) - މި އަހަރުގެ ވޯލްޑް ކަޕް ބަލަން ރަޝިޔާ އަށް ދާނެތޯ ރައްޓެއްސަކު ކުރި ސުވާލުގެ ޖަވާބު ދޭން، ދެކުނު އިންޑިއާގެ ކެރަލާގައި ދިރިއުޅޭ، ކްލިފިން ފްރާންސިސް އަށް މާ އުނދަގުލެއް ނުވި އެވެ.

މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް
މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް

"ޔަގީނުން ވެސް އަހަރެން ވޯލްޑް ކަޕް ބަލަން ރަޝިޔާ އަށް ދާނަން،" ފްރާންސިސް ބުނެލި އެވެ.

މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް
މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް

އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ނަމަވެސް ފްރާންސިސް ދިރިއުޅޭ ކެރަލާ އިން ރަޝިޔާ އަށް ދާން މަތިންދާ ބޯޓު ޓިކެޓް ގަންނަން ފައިސާ ހޯދާނެ ގޮތެއް އޭނާ އަކަށް ނޭނގެ އެވެ. ފްރާންސިސްއަކީ ވަގުތީ ހިސާބު ޓީޗަރެކެވެ. އޭނާ އަށް ލިބެނީ ދުވާލަކު 40 ޑޮލަރެވެ.

މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް
މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް

"އަހަރެންނަށް ފަހުން ވިސްނުނީ ރަޝިޔާ އަށް ދަތުރުކޮށް އަދި އެ ގައުމުގައި އެއް މަސް ދުވަހު ހުންނާނެ ވަރަށް ފައިސާ ނެތްކަން. ދެން ރަޝިޔާ އަށް ދެވޭނެ އެންމެ އަގު ހެޔޮ ގޮތަކީ ކޮބައިތޯ އަހަރެންގެ އަމިއްލަ ނަފްސާ ސުވާލުކޮށްލިން. ޖަވާބަކަށްވީ ބައިސްކަލުގައި ރަޝިޔާ އަށް ދިއުން،" ފްރާންސިސް ބުންޏެވެ.

މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް
މެސީއާ ބައްދަލު ކުރަން އިންޑިއާ މީހަކު ބައިސްކަލްގައި ރަޝިޔާ އަށް

ރައްޓެހިން ގާތު ފްރާންސިސް އެ ވާހަކަ ބުނުމުން އެ މީހުން ގަބޫލެއް ވެސް ނުކުރި އެވެ. އެކަމަކު އެ ޚިޔާލައިގެން ކުރިއަށްދާން ފްރާންސިސް ނިންމި އެވެ.

ރަޝިޔާ އަށް ދިއުމުގެ ދަތުރު ފްރާންސިސް ފެށީ މިދިޔަ ފެބްރުއަރީ މަހު 23 ވަނަ ދުވަހު އެވެ. ފުރަތަމަ ދަތުރުކުރީ ވައިގެ މަގުން ދުބާއީ އަށެވެ. އޭގެ ފަހުން ފެރީގައި އީރާނަށެވެ. އެކަމަކު ރަޝިޔާގެ ވެރިރަށް މޮސްކޯއާ ހަމައަށް ފޯރާން އޭނާ އަދިވެސް 4،200 ކިލޯ މީޓަރު (2،600 މޭލު) ދަތުރު ކުރަން ޖެހެ އެވެ. އެ ދަތުރު ކުރަން ފްރާންސިސް ނިންމީ ބައިސްކަލުގަ އެވެ.

ފްރާންސިސް އުއްމީދުކޮށްގެން ހުރީ އެންމެ ފަހުން އޭނާ އަށް ލިބޭނެ އިނާމަކީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާ ބައްދަލުވުން ކަމަށެވެ.

"އަހަރެން ބައިސްކަލް ދުއްވަން ވަރަށް ލޯބި ކުރަން. އަދި އަހަރެންނަކީ ފުޓުބޯޅައާ ހެދި މޮޔަވާ މީހެއް،" ފްރާންސިސް ބުނެފައިވެ އެވެ.

ފްރާންސިސް އެންމެ ފުރަތަމަ ޕްލޭން ކުރީ ޕާކިސްތާން މަގުން ދަތުރު ކުރުމަށެވެ. ނަމަވެސް އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވުމުން އެ ދަތުރު އެ ގޮތަށް ކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ ދަތުރުގެ މިސްރާބު ބަދަލު ކުރަން ޖެހުމުން ފްރާންސިސް އަތުން ވަނީ އިތުރަށް ޚަރަދު ކުރަން ޖެހިފަ އެވެ.

"އަހަރެންގެ ބައިސްކަލް ދުބާއީ އަށް ގެންދެވޭ ގޮތެއް ނުވި. އެހެންވެ އާ ބައިސްކަލެއް 700 ޑޮލަރަށް ދުބާއީން ގަންނަން ޖެހުނީ. އެކަމަކު އެއީ ދިގު ދަތުރުތަކަށް އެކަށީގެންވާ ބައިސްކަލެއް ވެސް ނޫން،" ފްރާންސިސް ބުންޏެވެ.

އީރާނުގެ ބަންދާރު އައްބާސް ބަނދަރަށް ފްރާންސިސް އަށް ފޯރީ މާޗް 11 ވަނަ ދުވަހު އެވެ. އީރާނުގައި 45 ދުވަސް ފްރާންސިސް ހޭދަކުރި އިރު އެ ގައުމުގެ ހޮޓަލެއްގައި އޭނާ ހުރީ އެންމެ ދެ ދުވަހު އެވެ.

ފްރާންސް އަށް ދުވާލަކު ޚަރަދު ކުރެވެން އޮތީ 10 ޑޮލަރު ކަމަށްވިޔަސް އީރާނުގައި އޭނާ ދާ ކޮންމެ ތަނަކުން މީހުން ވަނީ އެ މީހުންގެ ގޭގައި އޭނާ ހުރުމަށް ދައުވަތު ދީފަ އެވެ. އަދި ބައެއް މީހުން ކެއުމާއި ބުއިން އޭނާ އަށް ފޯރުކޮށްދިނެވެ.

ފްރާންސިސް އަށް ދެން އޮތް މަންޒިލަކީ އާޒަބައިޖާން އެވެ. ބޯޑަރު ފުލުހުން ވަނީ ގިނަ އިރުތަކެއް ވަންދެން ފްރާންސިސް ހިފަހައްޓައިފަ އެވެ. އެއީ އޭނާގެ އަތުގައި ހުރި ލިޔުންތައް ސައްހަ ކުރުމަށެވެ. އޭނާގެ ލިޔުންތަކުގައިވާ ފޮޓޯތަކާއި އޭނާ ހުރި ގޮތް ތަފާތުވުމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ބައިސްކަލް ދުއްވުމުން ފްރާންސިސްގެ ބަރުދަން ލުއިވެފައި ވުމުން އޭނާގެ ސިފަ އަށް ވަނީ ބަދަލު އައިސްފަ އެވެ.

"އަހަރެންގެ ޕާސްޕޯޓުގައި އިން ފޮޓޯއާ އަހަންނާ ވައްތަރެއް ނޫން. އެހެންވެ އަހަރެންގެ ލިޔުންތައް ޔަގީން ކުރަން ބޯޑަރު ފުލުހުން އަށް ގަޑިއިރު ހޭދަކުރި،" ފްރާންސިސް ބުންޏެވެ.

އާޒަބައިޖާންގެ ހޮޓަލެއްގައި ހުރެވޭ ވަރަށް ފްރާންސިސް އަތުގައި ފައިސާ ނެތުމުން އޭނާ ހޭދަކުރީ ޕާކްތަކުގައި ޓެންޓް ޖަހައިގެންނެވެ.

ޖޯޖިއާއާ ހަމައަށް ދިއުމުން ފްރާންސިސް އަށް އަނެއްކާވެސް މައްސަލައަކާ ދިމާވި އެވެ. އެ ގައުމަށް ނާރުވާ އޭނާ ފޮނުވާލީ އެވެ. އެހެންވެ ދަތުރުގެ ޕްލޭން އަނެއްކާވެސް ބަދަލު ކުރަންޖެހުނެވެ.

ފްރާންސިސް އަތުގައި އޮތީ އާޒަބައިޖާނަށް ވަނުމުގެ ސިންގަލް ވިސާއެއް ކަމުން އޭނާ އަށް އެނބުރި އެ ގައުމަށް ވެސް ދެވޭނެ ގޮތެއް ނެތެވެ. އެހެންވެ ދެ ގައުމުގެ ބޯޑަރުގައި އެއް ދުވަސް ހޭދަކުރަން ޖެހުނެވެ. އޭނާ އަށް ދެ ވަނަ ފަހަރަށް އާޒަބައިޖާނަށް ވަދެވުނީ ކުއްލި ގޮތަކަށް ވިސާ ހަމަޖައްސައިދިނުމުންނެވެ.

"ދެން އަނެއްކާ ވެސް ޖެހުނީ ރަޝިޔާ އަށް ދާނެ އިތުރު މަގެއް ހޯދަން. ކޮންމެވެސް މީހަކު ބުނި އާޒަބައިޖާން އާއި ރަޝިޔާގެ ސަރަހައްދެއް ކަމަށްވާ ދަގެސްތާން އެއް ބޯޑަރަކުން ގުޅިފައިވާ ކަމަށް. އަހަރެން ދަގެސްތާނަށް ދިޔައީ އެއީ ކިހާ ނުރައްކާ ތަނެއްކަން ނޭނގި. އެކަމަކު އުނދަގޫ ކަމެއް ނެތި ދަގެސްތާނަށް ޖޫން 5 ވަނަ ދުވަހު އެތެރެވެވިއްޖެ،" ފްރާންސިސް ކިޔައި ދިނެވެ.

ދަގެސްތާނުގައި ފްރާންސިސް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ވާހަކަ ދައްކާ ބަސް ނޭނގުމެވެ. ދަގެސްތާނުގެ ގިނަ މީހުންނަކަށް އިނގިރޭސި ބަހެއް ނޭނގެ އެވެ.

"އިންޑިއާ މީހަކު ބައިސްކަލެއްގައި ދަގެސްތާނަށް ދިޔަކަން އެނގުމުން ގިނަ މީހުންނަށް ލިބުނީ ހައިރާންކަން،" ފްރާންސިސް ބުންޏެވެ.

ފްރާންސިސް ވަނީ މޮސްކޯގެ ދެކުނުން އޮންނަ ޓަމްބޯވްއާ 460 ކިލޯ މީޓަރަށް މިހާރު ކައިރިވެފަ އެވެ. ޖޫން 26 ވަނަ ދުވަހު ފްރާންސާއި ޑެންމާކް ކުޅޭ މެޗަށް އޭނާ މޮސްކޯގައި ހުންނަން ޖެހެ އެވެ. ފްރާންސިސްގެ އަތުގައި އޮތީ އެ މެޗުގެ ޓިކެޓް އެކަނި ކަމަށްވާތީ އެވެ.

"އެކަމަކު އަހަރެން ސަޕޯޓް ކުރަނީ އާޖެންޓީނާ އަށް. މެސީ އަކީ އަހަރެންގެ ފެވަރިޓް. އަހަރެންގެ ހުވަފެނަކީ މެސީއާ ބައްދަލު ކުރުން. އަދި އަހަރެންގެ ބައިސްކަލުގައި މެސީ ސޮއި ކުރުން،" ފްރާންސިސް ބުންޏެވެ.

ފްރާންސިސްގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން އިންޑިއާ ވެސް ވޯލްޑް ކަޕުގައި ކުޅުމެވެ. އަދި އޭނާގެ ވާހަކަ ކިޔުމަށް ފަހު ގިނަ މީހުން ބައިސްކަލް ދުއްވަން ޝަައުގުވެރިވުމަކީ ވެސް ފްރާންސިސް އުއްމީދު ކުރާ ކަމެކެވެ.