21 ޖޫން 2018 - 13:29

އޯކްލޭންޑް (ޖޫން 21) - ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑެން އަށް އަންހެން ބޭފުޅަކު މިއަދު ލިބިވަޑައިގެންފި އެވެ.

މިއީ ގައުމެއްގެ ވެރިކަމުގެ މަގާމުގައި ހުންނެވި ލީޑަރަކު ފަހުގެ ތާރީޚެއްގައި ރައްކައުވެވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. އޯކްލޭންޑުގެ ހޮސްޕިޓަލެއްގައި އާޑަން އެޑްމިޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނެވެ. ބޭފުޅަކު ލިބިވަޑައިގަތުމާ ގުޅިގެން އާޑަން ވަނީ ހަ ހަފުތާގެ ޗުއްޓީއެއް ނަންގަވައިފަ އެވެ. އެކަމަނާ ނެންގެވީ ވިހެއުމާ ގުޅިގެން މުވައްޒަފުން ނަގާ ޗުއްޓީ އެވެ. ޗުއްޓީގައި ހުންނަވާ މުއްދަތުގައި ބޮޑު ވަޒީރުގެ މަސްއޫލިއްޔަތު ވަނީ ބޮޑު ވަޒީރުގެ ނައިބް ވިންސްޓަން ޕީޓާސް އަށް ހަވާލު ކުރައްވައިފަ އެވެ.
ބޭފުޅަކު ލިބިވަޑައިގެންނެވިކަން އުމުރުން 37 އަހަރުގެ އާޑަން އިއުލާންކުރެއްވީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އަދި އެކަމަނާ ވަނީ އޮކްލެންޑް ހޮސްޕިޓަލުގެ ސްޓާފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ކަމަށް އާޑަން އިންތިޚާބުވެވަޑައިގެންނެވީ އޮކްޓޯބަރު މަހު އެވެ. އެކަމަނާ އާލާސްވެއިންނެވިކަން އިއުލާން ކުރީ ޖެނުއަރީ މަހު އެވެ.
އާޑަން އަކީ 1856 ވަނަ އަހަރުގެ ފަހުން ނިއު ޒީލެންޑުގައި ބޮޑު ވަޒީރުކަން ކުރައްވާ އެންމެ ޒުވާން ބޭފުޅާ އެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ ވެރިކަމުގައި ހުންނަވަނިކޮށް 1990 ވަނަ އަހަރު ވަނީ ބޭފުޅަކު ލިބިވަޑައިގެންފަ އެވެ. އެއީ ވެރިކަމުގައި ހުންނަވަނިކޮށް ރައްކައުވެވަޑައިގެންނެވި ފުރަތަމަ ލީޑަރެވެ.