22 ޖޫން 2018 - 08:15

މި މަހުގެ 29 ގައި ރިލީޒްކުރާ ސަންޖޭ ދަތުގެ ބައޮގްރިފިކަލް ޑްރާމާ "ސަންޖޫ" ގައި ސަންޖޭގެ ރޯލް ކުޅުވަން ބޭނުންވީ ރަންވީރު ސިންގް ލައްވައި ކަމަށް އެ ފިލްމްގެ ޕްރޮޑިއުސަރު ވިންދޫ ވިނޯދް ޗޯޕްޅާ ބުނެފި އެވެ.

ދަ ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިލްމްގެ ލީޑް ރޯލަށް ރަންބީރު ކަޕޫރް ގެންނަން ބޭނުންވާ ވާހަކަ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ ބުނުމުން އެކަމާ އެހާ ހިތްހަމައެއްނުޖެހުނެވެ.
"ސަންޖޫގެ ވާހަކަ އަހަންނަށް ނެރޭޓްކޮށް ދިނީމަ ފުރަތަމަ ވެސް ހިޔާލަށް އައީ ރަންވީރް. އަހަންނަށް އޭރު ގަބޫލު ކުރެވުނު ގޮތުގައި ސަންޖޭގެ ރޯލަށް އެންމެ ފިޓްވާނީ ރަންވީރް. އެހެންވެ ރަންބީރު މި ފިލްމު ކުޅުވުން ހިރާނީ ބޭނުންވާ ވާހަކަ ބުނީމަ އަހަރެން އެކަމަކާ އުފަލެއް ނުވި،" ވިންދޫ ބުންޏެވެ. "އަހަންްނަށް ގަބޫލު ކުރެވުނު ގޮތުގައި ރަންބީރަށް ވުރެ މޮޅަށް، ރަންވީރު ސަންޖޭގެ ރޯލް ކުޅޭނެ."
އެކަމަކު ހިރާނީ ފައި ވިއްދާފައި ހުރީ ކޮންމެހެން ވެސް ރަންބީރް ލައްވައި "ސަންޖޫ" ކުޅުވަން ކަމަށް ވިންދޫ ބުންޏެވެ. އެހެންވެ އެކަމާ ފަހުން އެއްބަސްވާން ޖެހުނީ ކަމަށް ބުންޏެވެ.
"ދެން ރަންބީރް ފިލްމަށްވި ތައްޔާރީތަކާއި އޭނަ ކުރި މަސައްކަތް ފެނިފައި ފަހުން އަހަންނަށް ގަބޫލު ކުރެވުނު ރަންބީރު ހަމަ ސަންޖޭގެ ރޯލަށް ވަރަށް ފިޓްވާކަން،" 1942 އަ ލަވް ސްޓޯރީ ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ވިންދޫ ބުންޏެވެ. "އެެހެންވެ އަހަރެން ކުރިން ދެއްކި ވާހަކަތައް އަނބުރާ ގެންނަން ޖެހުނީ."
ވިންދޫ ބުނި ގޮތުގައި "ސަންޖޫ" ނިމިފައި އޮތް ގޮތާ ދޭތެރޭ އޭނާ މިހާރު މާ ބޮޑަށް ވެސް ހިތްހަމަޖެހެ އެވެ. އަދި ފިލްމް ބެލުންތެރިންނަށް ގެނެސް ދެނީ ސަންޖޭގެ ހަޔާތް ވަރަށް ބޮޑަށް ދިރާސާ ކުރުމަށް ފަހު ކަމަށް ބުންޏެވެ.
"މީގެ ވާހަކައާ އެކު ފުރަތަމަ ހިރާނީ އާއި އަބިޖާތު [ސްކްރީން ރައިޓަރު އަބިޖާތު ޖޯޝީ] އައިމަ އަހަންނަށް ފުރަތަމަ މީގެ ވާހަކަ ވެސް އެހާ ގަޔާވާ އެއްޗަކަށް ނުވި. ހިތަށް އެރީ އޭގައި ހުރެދާނޭ ހަމަ ހަގީގަތާ އެއްގޮތް ނޫން ކަންތައްތަކެއް ވެސް،" އޭނާ ބުންޏެވެ. "އެކަމަކު ސަންޖޫއަކީ ވަރަށް ބޮޑަށް ސަންޖޭ ހަޔާތް ރިސާޗްކޮށްގެން ހަދާފައި އޮތް ފިލްމެއް."
މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމްގެ ތެރޭގައި ހިމެނޭ "ސަންޖޫ" ގެ ކާސްޓުންގެ ތެރޭގައި ސޯނަމް ކަޕޫރް، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، ޖިމް ސަރްބް، މަނީޝާ ކޮއިރަލާ، ޕަރޭޝް ރަވަލް، ދިއާ މިރްޒާ އަދި ކަރިޝްމާ ތަންނާ ހިމެނެ އެވެ.