ލޯފަން މީހުންނަށް ތާނަ ބްރެއިލް ތައާރަފުކޮށް ލިޔަންކިޔަން ދަސްކޮށްދެނީ
ލޯފަން މީހުންނަށް ތާނަ ބްރެއިލް ތައާރަފުކޮށް ލިޔަންކިޔަން ދަސްކޮށްދެނީ

ލޯފަން މީހުންނަށް ތާނަ ބްރައިލް ތައާރަފުކޮށް، އެ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދޭން ދިވެހި ބަހުގެ އެކަޑެމީން ނިންމައިފި އެވެ.

ބްރައިލް އަކީ ލޯފަން މީހުންނަށް ހާއްސަކޮށްފައިވާ ލިޔުމުގެ ސިސްޓަމެކެވެ. ކަރުދާހުގައި އަކުރުތައް ލިޔުމުގެ ބަދަލުގައި، ބްރައިލްގައި ހުންނާނީ ތިކިތަކަކުން އަކުރުގެ ސިފަ ގެނެސް އެ ޕްރިންޓްކޮށްފަ އެވެ. އެހެންވެ އެ ތިކިތަކުގައި އަތްލުމުން، އެއީ ކޮން އަކުރެއްކަން އެނގޭނެ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް، ލޯފަން މީހުން ލިޔެކިޔުމަށް ބްރައިލް ސިސްޓަމް ބޭނުންކުރެ އެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ، ލޯފަން މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ކޯސް ހިންގަނީ، ތާނައިގެ ބްރައިލް ފޮތް ލިޔުއްވި އަލްގާރީ އަހުމަދު ރަޝީދު ތައްޔާރުކުރި މުގައްރިރަށް ކަމަށެވެ.

އެ ކޯސް ހިންގަނީ ވެސް އަހުމަދު ރަޝީދެވެ. އޭނާ ވަނީ އެކަމާ ބެހޭގޮތުން ބޭރުން ތަމްރީނު ހަދައިފަ އެވެ.

އެއް މަސް ދުވަހަށް ހިންގާ އެ ކޯހަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހިލޭ ކިޔެވޭ އެ ކޯހުން 15 ޖާގަ ކަނޑައަޅާފައިވާއިރު އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ އެވެ.

އަޝްރަފު ވިދާޅުވީ ލޯފަންނަ މީހުންނަށް ހާއްސަކޮށްގެން އެފަދަ ކޯހެއް ހިންގުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއީ ދިވެހި ބަހުގެ ތެރެއިން އެމީހުންނަށް ވެސް ހޯދައިދޭންޖެހޭ ހައްގެއް ކަމަށެވެ.

"ވަރަށް ދުވަސްވެއްޖެ އެކަން ކުރަން އުޅޭތާ. އަޅުގަނޑުމެންނާ ގުޅިގެން އެފަދަ ކަމެއް ކުރުމަކީ ވަރަށް އުފާވާ ކަމެއް،" އަޝްރަފު ވިދާޅުވި އެވެ.