އައިސްލެންޑް: ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް!
އައިސްލެންޑް: ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް!

މީގެ 15 ވަރަކަަށް އަހަރު ކުރިއަށް ބަލާއިރު އައިސްލެންޑަށް ފުޓްބޯޅަ ދަނޑުތަކުގައި މާ ބޮޑު ސަމާލުކަމެއް ނުލިބޭނެ އެވެ. އެކަމަކު މިދިޔަ ދެ އަހަރު ތެރޭ އެ ޓީމުން ފުޓްބޯޅައިގައި ހޯދާފައިވާ ކާމިޔާބަށް ބަލާއިރު، ގިނަ ބަޔެއްގެ ލޯ އެ ޓީމުގެ ވާހަކަތަކަށް އަމާޒުވާނެ އެވެ. އާބާދީގައި އެންމެ ތިން ލައްކަ އެއްހާ މީހުން އުޅޭ އައިސްލެންޑުން ފުޓްބޯޅައިގެ އެންމެ އުހަށް އައިސް ނަތީޖާ ނެރެން ފަށާފައިވާއިރު، މިއީ ފުޓްބޯޅައިގެ ގިނަ ބަޔަަކަށް ލިބިފައިވާ ހައިރާންކަމެކެވެ.

އައިސްލެންޑް: ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް!
އައިސްލެންޑް: ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް!

މީގެ ހަ އަހަރު ކުރިއަށް ބަލާއިރު އައިސްލެންޑަކީ ދުނިޔޭގެ ރޭންކިންގައި 131 ވަނައިގައި އޮތް ގައުމެކެވެ. އެކަމު މިދިޔަ އަހަރުތަކުގައި ކުރި ބުރަ މަސައްކަތުން މިހާރު އެ ޓީމު އޮތީ ދުނިޔޭގެ ރޭންކިންގެ 22 ވަނައިގަ އެވެ. މިއީ ފާހަގަކުރަން ޖެހޭ ބޮޑު ކުރިއެރުމެކެވެ.

އައިސްލެންޑް: ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް!
އައިސްލެންޑް: ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް!

ބްރެއިދަބިލިކް ސްޕޯޓްސް އެރީނާ އަކީ އައިސްލެންޑުގެ ކުޅިވަރުގެ ހަމައެކަނި ބޮޑު ވަސީލަތެވެ. އެ ތަނުގެ އެއް ޝިއާރަކީ "ފުޓްބޯލް ފޯ އެވްރިވަން" އެވެ. އައިސްލެންޑުގެ އެންމެ ދުވަސްވީ ފުޓްބޯޅަ ކްލަބުން އުފައްދާފައިވާ މި ސްޕޯޓްސް އެރީނާ ދުރުން ބަލާއިރު ހީވާނީ ގުދަނެއް ހެންނެވެ. އެކަމަކު އެތަނުގެ ފުރިހަމަކަން އެނގިގެންދާނީ އެތެރެ ބަލާލުމުންނެވެ. އެއް ފަހަަރާ 100 ކުދިންނަށް ފުޓްބޯޅަ ކުޅެވޭ ގޮތަށް ހަދާފައިހުރި މި ސްޕޯޓްސް އެރީނާގައި އެެހެން ކުޅިވަރުތަކާ އެކު 500 ކުޅުންތެރިންނަށް ފަހަރަކު އެ ސްޕޯޓްސް އެރީނާ ބޭނުންކުރެވެ އެވެ. މި ސްޕޯޓްސް އެރީނާގެ ބޮޑު މަސައްކަތް ފެށުނީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.

ބްރެއިދަބިލިކަށް ޔޫތު ކޯޗުން ހޯދުމުގައި އައިސްލެންޑް ފުޓްބޯޅަ އެސޯސިއޭޝަނާ އެކު ގިނަ މަސައްކަތްތަކެއް ކުރެވެ އެވެ. ގިނަ މީހުން ޔޫތު ކޯޗުކަމަށް އަންނަނީ އެހެން ވަޒީފާތައް އަދާކުރަމުން އިތުރު ވަގުތުގައި އާމްދަނީ ހޯދުމުގެ ގޮތުންނެވެ. ހެކޮން ސްވެރިސަން އަކީ ކުރިން ހިސާބު ޓީޗަރެކެވެ. ކުޅިވަރުގައި ޝާމިލްވެ އުޅޭހިތްވާތީ ބްރެއިދަބިލިކުގައި އޭނާ ޔޫތު ކޯޗިން ފެށި އެވެ. ކޯޗުންނަށް މުސާރަ ދެނީ ކުދިންގެ ފަރާތުން ލިބޭ އަހަރީ ފީ އަކުންނެވެ. އަހަރީ ފީގެ އަގު ހުރިހާ ކުދިންނަށް ވެސް ހަމަހަމަ އެވެ. އެއީ ލޯކަލް ކައުންސިލުން ކަނޑައަޅާފައިވާ ގަވައިދުގެ ތެރެއިންނެވެ.

"އުމުރުން 6 އަހަރާއި 19 އަހަރުން ދެމެދުގެ އެއްވެސް ކުއްޖެއް ބާކީ ނުކުރުން އަހަރެމެންގެ ވިސްނުމަކީ އަންހެން ވެސް ފިރިހެން ވެސް އަންނަންވީ. ހުރިހާ ކުދިންނަށް ބުނެދޭނީ އެކައްޗެއް. ނެގޭނީ އެއް ފީ އެއް،" ސްވެރިސަން ބުންޏެވެ.

ލޯކަލް ކައުންސިލްގެ ފަރާތުން އަހަރަކު އައިސްލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނާ ގުޅިގެން ޔޫތު ކޯޗުންނަށް ވާން ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ޔުއެފާ ކޯޗިން ލައިސަންސް/ ބެޖް ހޯދައިދޭން ހުރިހާ ހަރަދެއް ބަލަހައްޓައިދެ އެވެ. އޭގެ ނަތީޖާ އަކަށްވީ ޔޫތު ކޯޗުން ގިނަވެ އައިސްލެންޑްގެ ގްރާސްރޫޓް އިތުރަށް ފުރިހަމަ ވެގެންދިއުމެވެ.

"ޔޫތު ކޯޗުން ގިނަވެ މަސައްކަތް ކުރަން ފަސޭހަވި. ދެން ހުރިހާ އެންމެނަށް އެއްވަރަށް ވަސީލަތްތައް ފޯރުކޮށްދިނުމުގެ ނަތީޖާ އަކީ އެއްވެސް ހުނަރެއް ބާކީވެ ނުދިޔުން. މިއީ އަސްލު އައިސްލެންޑުގެ ފުޓްބޯޅައިގެ ފަހުގެ ޖީލުގެ ފެށުން އައިގޮތަކީ،" ސްވެރިސަން ބުންޏެވެ.

އައިސްލެންޑް ފުޓްބޯޅަ އެސޯސިއޭޝަންގެ ޔޫތު ހެޑް ތޯލަކޫރް އާނަސޮން ވިދާޅުވީ ކުޅުންތެރިން ތަރައްގީ ކުރުމުގައި އެއްވެސް ކުޅުންތެރިއަކުގެ ހިތްވަރު އެލުނަ ދީގެން ނުވާނެ އެވެ. އަދި އެންމެ ބޮޑަށް މަސައްކަތްކުރަން ޖެހޭނީ ކުޅުންތެރިން ބައިބައިނުވާ ގޮތް ހެދުމަށް ކަމަށެވެ. ގްރޫޕެއްގެ ގޮތުގައި ކުޅުންތެރިން ތަރައްގީ ކުރުމުގެ ފައިދާ ބޮޑުވާނެތީ އެވެ.

އެ މަސައްކަތުގެ ނަތީޖާ ނެރުމުގެ ގޮތުން އައިސްލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ 2008 ވަނަ އަހަރު އެ ގައުމުގައި ބިދޭސީ ކުޅުންތެރިންނަށް ނުކުޅެވޭނެ ގޮތް ހަދައިފަ އެވެ. އެއާ އެކު ކްލަބްތަކަށް މަޖުބޫރުވީ ޒުވާން ކުޅުންތެރިން ލައިގެން ކުޅޭށެވެ. އައިސްލެންޑް ގައުމީ ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން 64 އިންސައްތަ ކުޅުންތެރިންނަކީ އޭރުން ފެށިގެން ފުރުސަތު ލިބެން ފެށި ކުޅުންތެރިންނެވެ.

އައިސްލެންޑް ފުޓްބޯޅަ ސަޕޯޓަރުންގެ ޔޫނިއަން ކްލަބެއް ކަމަށްވާ ތޯލްފަންގެ ވައިސް ޗެއާމަން ސްވެއިން އެސްގައިރްސަން ބުނީ މީގެ ކުރިން އައިސްލެންޑުގައި ފުޓްބޯޅައިގެ ކަންކަމުގައި އުޅޭ މީހުންނަށް ޖަހަނީ ޖޯކު ކަމަށެވެ. ބޮޑު މުބާރާތެއްގައި އައިސްލެންޑް ކުޅޭނެ ކަމަށް ގަބޫލުކުރަނީ ވެސް މަދު މީހެކެވެ.

އައިސްލެންޑުގެ ކޯޗުކަމާ 2011 ވަނަ އަހަރު ސްވިޑެންގެ ލާސް ލެގަބެކް ހަވާލުވެ އޭނާ ފެށީ ހިތްގައިމު ޕްރޮޖެކްޓަކުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އުއްމީދެއް ލިބުނެވެ. ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކޮށް ލެގަބެކް ބޭނުންވީ އައިސްލެންޑް ގޮވައިގެން ފުޓްބޯޅައިގެ އެންމެ އުހަށް ދިއުމަށެވެ. އޭނާގެ ފުރަަތަމަ މަސައްކަތަކަށްވީ އެ ގައުމުގެ ކުރިއަރަމުން އަންނަ ކުޅުންތެރިން ޔޫރަޕްގެ ފުޓްބޯޅަ ޓީމުތަކަށް ގެންދިއުމުގެ މަސައްކަތެވެ. އައިސްލެންޑް ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެވަޓަންގެ ގިލްފީ ސިގަޑްސަން އާއި ކުރިއަށްކުޅޭ އަލްފީ ފިންބޯގަސަން އަކީ އެ ވިސްނުމުގެ ތެެރެއިން ޔޫރަޕަށް ދިޔަ ކުޅުންތެރިންނެވެ.

އެކި ދިރާސާތައްކޮށް ލެގަބެކް ބޭނުންވީ 2016 ވަނަ އަހަރު ޔޫރޯ އަށް އައިސްލެންޑް ގެންގޮސްދޭށެވެ. އޭނާ އެ މަސައްކަތް ފެށުމުން އައިސްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ އަށް ފުރިހަމަ ސަޕޯޓް އޮތްކަން އިއުލާންކުރި އެވެ. އަދި އެ ގައުމުގެ ފުޓްބޯޅަ އަށް މަރުދޭ ހުރިހާ ސަޕޯޓަރުން ވެސް އެކަމުގައި ބައިވެރިވި އެވެ.

ޔޫރޯ ކޮލިފައިންގައި އައިސްލެންޑުގެ ވިދުންދިޔައީ މެޗަކަށް ފަހު މެޗެއް ގަދަވަމުންނެވެ. ވަރުގަދަ ނެދަލެންޑްސްގެ މައްޗަށް ދެ ލެގުގައި ކުރިހޯދުމާ އެކު އައިސްލެންޑަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބެން ފެށި އެވެ. އައިސްލެންޑުގެ އާބާދީގެ ބޮޑުބަޔެއް ފްރާންސްގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ދިޔައިރު، އެ މުބާރާތުގައި އައިސްލެންޑްގެ ފުރަތަމަ ފެނިލުން ވެސް ހާއްސަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ އައިސްލެންޑުން ވަނީ އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުން ހަންގޭރީއާ ވެސް އެއްވަރުކޮށް، ގްރޫޕްގެ ފަހު މެޗުގައި އޮސްްޓްރިއާގެ މައްޗަށް ކުރިހޯދައި އައިސްލެންޑުން މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދި އެވެ.

ދެ ވަނަ ބުރުގައި އިންގްލެންޑްގެ މައްޗަށް ހޯދި ހައިރާންކުރަނިވި ކާމިޔާބީއާ އެކު އައިސްލެންޑްގެ އަޑު މުޅި ޔޫރަޕްގައި ގަދަވި އެވެ. އައިސްލެންޑްގެ ސަޕޯޓަރުންގެ އަތްތިލަބަޑީގެ (ވައިކިން ކްލެޕް) އަޑުން މުޅި ދަނޑު ގުގުމާލާފައި އޮތްއިރު، އައިސްލެންޑަށް ވުރެން 155 ގުނަ ބޮޑު އިންގްލެންޑުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ތބީ މާޔޫސްވެފަ އެވެ. އައިސްލެންޑަށް ދަތުރު ނިމުނީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ބަލިވުމުންނެވެ.

ޔޫރޯ އަށް ފަހު ލެގަބެކް އައިސްލެންޑް ކޯޗުކަން ދޫކޮށްލި އެވެ. އެކަމަކު ދެން އެ ޓީމާ ހަވާލުވީ ލެގަބެކްގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޑެންޓިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ހެއިމީރް ހަލްގްރިމްސަން އެވެ. އޭނާ ވެސް މަސައްކަތް ފެށީ ބޮޑު އިތުބާރަކާ އެކު އެވެ. ފަސް އެނބުރި ބެލުމެއް ނެތި އެވެ. ކޮލިފައިން ބުރުގައި ވަރުގަދަ ޓީމުތައް ފަހަތަށް ޖައްސާލުމަށް ފަހު އައިސްލެންޑް ދުނިޔޭގެ ބޮޑު ފުޓްބޯޅަ މުބާރާތުން ފުރުސަތު ހޯދި އެވެ. މިއީ އައިސްލެންޑްގެ ކުޅިވަރު ތާރީހުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ޔުނިވާސިޓީ އޮފް އައިސްލެންޑުގެ ޕްރޮފެސަރު ވީޑާ ހަލްޑޯސަން ބުނީ ދުނިޔޭގެ ފުޓްބޯޅައިގައި މާ އަވަސް ދުވެލީގައި ކުރިއަށްދާން އުޅުނު ގައުމުތަކަށް ދެރަ ލިބިފައި އެބަހުރި ކަމަށާއި އެކަމާ ސަމާލުވާން ޖެހޭ ކަމަށެވެ. އޭނާ މިސާލު ދެއްކީ ނޯވޭ އިންނެވެ. ނޯވޭ އަކީ ނުވަދިހައިގެ އަހަރުތަކުގައި ފުޓްބޯޅައިގެ އެންމެ އުހުގައި އުޅުނު ގައުމެކެވެ. ދުނިޔޭގެ ދެ ވަނަ އަށް ވެސް އެ ޓީމު އެރި އެވެ. އެކަމަކު މިހާރު ނޯވޭ އޮތީ އަޑިގަޑެއްގެ ތެރޭގަ އެވެ.

ހަލްޑޯސަންގެ ނަޒަރުގައި ނޯވޭ އަށްވީ ފަދަ ގޮތެއް އައިސްލެންޑަށް ނުވުމުގެ އެންމެ ބޮޑު ސިއްރަކީ އާބާދީ ކުޑަވެފައި އެންމެންގެ ގުޅުން ބޮޑުވުމެވެ. އައިސްލެންޑުގެ ހުރިހާ ކުޅުންތެރިންނަކީ އެ ގައުމުގެ އެންމެނަށް ދެކެ ފަރިތަ ބައެކެވެ. ފާޑުކިޔުމެއް ނޯވެ އެވެ. އެންމެން ވެސް ތިބެނީ އެއް ރޫހެއްގަ އެވެ. ކާމިޔާބު ހޯދުމުގެ ވިސްނުން ގެންގުޅެނީ އާއިލީ ރޫހެއްގަ އެވެ. އައިސްލެންޑު ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ވެސް އެކި ވަޒީފާ އަދާކުރާ ބަޔަކަށް ވެފައި އެކި މާހައުލުތަކުން ވެސް ސަޕޯޓަރުންނާ ދިމާވެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އައިސްލެންޑް ކުޅުނު ފުރަތަމަ މެޗުން ވަނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު އާޖެންޓީނާއާ 1-1 އިން އެއްވަރުވެފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ފެނިލުމުގައި ވެސް އައިސްލެންޑުން ތަފާތު ދެއްކި އެވެ. އެ މެޗު އެ ގައުމުގެ 99 އިންސައްތަ މީހުން ބެލިކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ ވެސް އެ ގައުމަށް ލިބިފައިވާ އިތުރު ހިތްވަރެކެވެ.

މި ގްރޫޕުގައި ރޭ ކުޅުނު މެޗުން ކްރޮއޭޝިއާ ވަނީ 3-0 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ. އެއާ އެކު އައިސްލެންޑަށް ދެ ވަނަ ބުރުގެ ޖާގަ ހޯދުމަށް ވަނީ އުއްމީދެއް ލިބިފަ އެވެ. މިއަދު ނައިޖީރިއާގެ މައްޗަށް ކުރިހޯދައިފިނަމަ ފަހު މެޗުން ކްރޮއޭޝިއާއާ އެއްވަރުކޮށްލައިގެން ވެސް ދެ ވަނަ ބުރުގެ ޖާގައެއް އައިސްލެންޑަށް ލިބޭނެ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އައިސްލެންޑް ވަނީ ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދައިފަ އެވެ.