21 ޖޫން 2018 - 13:44

އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ފެނަކަ އިން ހަދާ 15 ބުރީގެ ޓަވަރު އިމާރާތް ކޮށްދޭނެ ބަޔަކު ނުވެގެން ތިންވަނަ ފަހަރަށް އިއުލާން ކޮށްފި އެވެ.

ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކުންފުނިން އިއްޔެ ކުރި އިއުލާނުގައި ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ޓަވަރުގެ ދެ ކޮޓަރި އާއި އެއް ކޮޓަރީގެ އެޕާޓްމަންޓުތަކުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންޖެހޭ ކަމަށެވެ.
ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން ފެނަކަ އިން މީގެ ކުރިން ވެސް ދެ ފަހަރަކު އިއުލާން ކުރި އެވެ.
ފެނަކައިގެ ޓަވަރު އިމާރާތް ކުރުމަށް 12،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާއިރު، އެތަނުގައި 168 ފްލެޓް ހުންނާނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައި ވެ އެވެ. ފެނަކަ ކޯޕަރޭޝަންގައި 2،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ހުޅުމާލޭގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މީގެ ކުރިން ވެސް ސަރުކާރުގެ ކުންފުނިތަކުން ވަނީ ޓަވަރުތައް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި (އެމްޕީއެލް) ސްޓެލްކޯ، އައިލެންޑް އޭވިއޭޝަނާއި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތައް ހިމެނެ އެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ނިންމާފައިވާއިރު، މި މަޝްރޫއު އަންނަ އަހަރަށް ނިމޭނެ ކަމަށް ސަރުކާާރުން ބުނެ އެވެ.