28 ޖުލައި 2016 - 11:54

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ހުޅުދާން" ގެ ފަހު ޝޯ މިރޭ ޝްވެކް ސިނަމާގައި ދައްކާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.
ޑާކް ރެއިނުން 2014 ގައި ރިލީޒް ކުރި މި ފިލްމުގެ ތިން ޝޯއެއް ޝްވެކްގައި ދައްކަން ނިންމައި، ފުރަތަމަ ދެ ޝޯ މި މަހުގެ 14 އަދި 21 ގައި ވަނީ ދައްކައިފަ އެވެ.
އޮލިމްޕަހުގައި 2014 ގައި "ހުޅުދާން" ރިލީޒް ކުރި ނަމަވެސް، އޭރު ދައްކައިފައި ވަނީ އެންމެ ޝޯއެކެވެ. ޑާކް ރެއިނުން ބުނި ގޮތުގައި އެ ފިލްމަކީ ފެސްޓިވަލަށް ތައްޔާރު ކުރި ފިލްމެކެވެ.
އެގޮތުން މިދިޔަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ވެސް ވަނީ "ހުޅުދާން" ބައިވެރިކޮށްފަ އެވެ.
ފިލްމް އަލުން ސިނަމާ އަށް ގެންނަން ނިންމީ ފިލްމް ބަލާލަން ބައެއް މީހުން އެދެމުން ދިއުމުން ކަމަށް ޑާކް ރެއިނުން ބުންޏެވެ.
"ހުޅުދާން" ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.
އިޖުތިމާއީ މައްސަތަކެއް ދައްކުވައިދޭ "ހުޅުދާން" ގެ އެންމެ މުހިއްމު ރޯލެއް ކުޅެފައި ވަނީ ތަޖުރިބާކާރު އެކްޓަރު ހަސަން މަނިކު (ރޯނު) އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ވިދަމުން އަންނަ ޒުވާން ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އާއި ރަވީ ފާރޫގާއި މަރިޔަމް ޝަކީލާ އާއި އަހުމަދު ސައީދާއި މުހައްމަދު ފައިސަލާއި އަލީ ޝަޒްލީމާއި އާދަމް ރިޒްވީ (ރެކްސް) އާއި ފާތުމަތު ސަމާ އާއި އަލީ ނާޝިތު އަދި މޮގާގެ އަންހެން ދަރިފުޅު ކައިލީން މުހައްމަދު އަލީ ހިމެނެ އެވެ.