21 ޖޫން 2018 - 14:46

ތޮއްޑޫގައި ބާއްވާ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ތޮއްޑޫ ބްރައިޓް ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ޔަންގް ސްޓާސް އިން ހޯދައިފި އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން ޔަންގް ސްޓާސް އިން ހޯދި މުހުތާރް ނަސީރު (ޓޫކިލޯ)ގެ ކެޕްޓަންކަމުގައި ކުޅުނު ހެލޯ ބޭބީ ބަލިކުރުމަށް ފަހު އެެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. ޕެނަލްޓީ ޖަހައިގެން ޔަންގް ސްޓާސް މޮޅުވީ 6-5 އިންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔަންގް ސްޓާސް ޓީމުގެ ކެޕްޓަން އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު މުހައްމަދު އިންޝާދު އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާއަށްދޭ އެވޯޑް ތިން ކުޅުންތެރިއަށް ލިބުނެވެ. އެއީ އިންޝާދު އާއި އަހުމަދު ޒައިދު އަދި ކުރިން ނިއު ރޭޑިއަންޓާއި ދ. ކުޑަހުވަދޫ ޓީމަށް ކުޅުނު އިބްރާހިމް އުސާމަތު އެވެ. ކޮންމެ ކުޅުންތެރިއަކު ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.
މުބާރާތުގެ މޮޅު ފޯވާޑަކަށް ވައި މެކްސްގެ ޒައިދު ހޮވުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކީ އެ ޓީމުގެ އަހުމަދު ޝިޔާމް އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ޔަންގް ސްޓާސްގެ ހަަސަން އިބްރާހިމް ހޮވުނުއިރު، އެންމެ މޮޅު މިޑްފީލްޑަރަކީ ހެލޯ ބޭބީގެ އިބްރާހިމް ޖާވިދު އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ އެފްސީ ލެޖެންޑްގެ އިބްރާހިމް އަޒީފް އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ އެފްސީ ލެޖެންޑް އެވެ.
މިއީ ތޮއްޑޫ ބްރައިޓް ކްލަބުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ މި މުބާރާތް ބޭއްވި 25 ވަނަ އަހަރެވެ. މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 45،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ވަނީ ދީފަ އެވެ.
ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ކުޅޭ މި މުބާރާތަކީ މެދު ރާއްޖެތެރޭގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް ފުޓްބޯޅަ މުބާރާތެވެ.