21 ޖޫން 2018 - 11:50

ކޮލަމްބޯ (ޖޫން 21) - ސްރީ ލަންކަން ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް އިއްޔެ ދަށަށް ވެއްޓިއްޖެ އެވެ.
ޑޮލަރަކަށް އިއްޔެ މާރުކޮށްފައި ވަނީ 160.17 ރުޕީސް އެވެ. ލަންކާ ރުޕީސްގެ އަގު މިހާ ބޮޑު ތަން މީގެ ކުރިން ދަށްވެފައެއް ނުވެ އެވެ. ރުޕީސްގެ އަގު ދަށްވަމުން މިދަނީ ފައިސާގެ އަގު ހިފެހެއްޓުމަށް ލަންކާގެ މަރުކަޒީ ބޭންކުން ފިޔަވަޅުތަކެއް އަޅަމުން ދަނިކޮށެވެ.
އެކްސްޗޭންޖް ރޭޓަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މިދިޔަ މަހު އެކަނި ވެސް މަރުކަޒީ ބޭންކުން ވަނީ 190 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.
ޑީލަރުން ލަފާކުރާ ގޮތުގައި ލަންކާ ރުޕީސްގެ އަަގު އަހަރު ނިމޭއިރު 163-165 އަށް ދަށަށް ދާނެ އެވެ.
ލަންކާގެ އިގްތިސާދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ. އިގްތިސާދީ ކުރިއެރުން މިދިޔަ އަހަރު ހުރީ 3.1 ޕަސެންޓުގަ އެވެ. މިއީ ވޭތުވެދިޔަ 16 އަހަރު ތެރޭ ނުދޭ ވަރުގެ ދަށްވުމެކެވެ. ލަންކާގެ ބެލެންސް ޝީޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ގައުމީ އެއާލައިން ސްރީ ލަންކަން އަށް ވަމުންދާ ގެއްލުމާއި ދަރަންޏެވެ. ސްރީ ލަންކަންގެ ދަރަނި މިހާރު ވަނީ ދެ ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ގައުމީ އެއާލައިން ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިހާތަނަށް އިންވެސްޓަރުންގެ މާބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެއް ނުވެ އެވެ.