އޮގަސްޓް 15: އަކްޝޭ ކުމާރާއި ޖޯން އަބްރަހަމްގެ ކުރިމަތިލުމެއް
އޮގަސްޓް 15: އަކްޝޭ ކުމާރާއި ޖޯން އަބްރަހަމްގެ ކުރިމަތިލުމެއް

އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގާކުރާ އޮގަސްޓް 15، މި އަހަރުވެގެން ދާނީ ބޮކްސް އޮފީހުގައި އަކްޝޭ ކުމާރާއި ޖޯން އަބްރަހަމްގެ ކުރިމަތިލުމަކަށެވެ.

ގާތް ދެ އެކުވެރިންގެ ގޮތުގައި ވެސް މަޝްހޫރު ދެ އެކްޓަރުންގެ ދެ ފިލްމް އެ ދުވަހު ސިނަމާތަކަށް އަންނާނެ އެވެ. އެއީ އަކްޝޭގެ "ގޯލްޑް" އާއި ޖޯންގެ ސަތިޔަމޭވް ޖަޔަތޭ (އެސްއެމްޖޭ) އެވެ.

ރީމާ ކަތުގީ ޑައިރެކްޓްކޮށްފައިވާ އެކްސެލް އެންޓަޓައިމަންޓްގެ "ގޯލްޑް" އަކީ އިންޑިއާގެ ކުޅިވަރު ތާރީހުގެ ސޮފުހާތަކެއްގެ ހަނދާންތައް އާކޮށްދޭނެ ބައޮގްރަފިކަލް ޑްރާމާއެކެވެ. މީގައި ކިޔައިދޭނީ 1947 ގައި އިންޑިއާ އަށް މިނިވަންކަން ލިބުމަށް ފަހު، ވާދަކުރާ 1948 ގެ އޮލިމްޕިކްގައި އިންޑިއާ އަށް ހޮކީން ރަން މެޑެލް ގެނެސްދޭ ހާދިސާ އެވެ.

"ގޯލްޑް" ގައި އަކްޝޭ ފެނިގެން ދާނީ އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ސަންދީޕް ސިންގްގެ ރޯލުންނެވެ. ފިލްމްގެ މައިގަނޑު ވާހައަކީ އޭނާ ޓީމް ތައްޔާރު ކުރަން ކުރާ މަސައްކަތެވެ. މި ފިލްމްގައި އަކްޝޭއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ މަޝްހޫރު ޓީވީ ބަތަލާ މޯނީ ރޯއި އެވެ.

މިއީ ބޮލީވުޑް ފިލްމެއްގެ ބަތަލާގެ ރޯލުން އޭނާ ފެނިގެންދާ ފުރަތަމަ ފިލްމް ވެސް މެ އެވެ. "ގޯލްޑް" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަމިތު ސާދް، ކުނާލް ކަޕޫރް އަދި ވިނީތު ސިންގް ކުމާރް ހިމެނެ އެވެ.

ޖޯންގެ "އެސްއެމްޖޭ" އަކީ ޓިޕްސް އަށް މިލަޕް ޒަވޭރީ ޑައިރެކްޓްކޮށްދޭ އެކްޝަން ތުރިލާއެކެވެ. މި ފިލްމްގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ އަލަށް ތައާރަފުވާ އައިޝާ ޝަރްމާ އެވެ. އޭނާއަކީ "ތުމް ބިން 2" ފަދަ ފިލްމް ކުޅުނު ނީހާ ޝަރްމާގެ ކޮއްކޮ އެވެ.

"އެސްއެމްޖޭ" ގެ އިތުރު ކާސްޓުންގެ ތެރޭގައި މަނޯޖް ބަޖްޕާއީ އަދި އަމްރިތާ ޙަންވިލްކަރް ހިމެނެ އެވެ.

ޖޯންގެ އެންމެ ފަހުގެ ފިލްމް "ޕަރްމަނޫ" އަކީ މި އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ވިޔަފާރި އެންމެ ރަނގަޅު އެއް ފިލްމެވެ. ފަންސާސް ކްރޯޑްގެ ބަޖެޓަކުން ހަދައި، މެއި މަހުގެ 25 ގައި ރިލީޒް ކުރި ފިލްމަށް މިހާތަނަށް 87 މިލިއަން ކްރޯޑް ލިބިފައިވެ އެވެ.

ފެބްރުއަރީ 9 ގައި ރިލީޒް ކުރި އަކްޝޭގެ "ޕެޑްމޭން" އަށް ބޮކްސް ބޮކްސް އޮފީހުގައި ޖުމްލަ 120 ކްރޯޑްގެ އާމްދަނީއެއް ލިބުނު އިރު، އެ ފިލްމް ހަދަން ހޭދަކޮށްފައި ވަނީ އެންމެ 20 ކްރޯޑް ރުޕީސް އެވެ.

އަކްޝޭ އާއި ޖޯން ބޮކްސް އޮފީހުގެ ކުރިމަތިލުމަކަށް ނުކުންނަ އިރު، މި ދެ ތަރިން ވަނީ އެކުގައި ވެސް ބައެއް ފިލްމްތައް ކުޅެފަ އެވެ. އޭގެ ތެރޭގައި "ގަރަމް މަސާލާ"، "ހައުސްފުލް 2"، "ދޭސީ ބޯއި" އަދި "ޑިޝޫމް" ހިމެނެ އެވެ.