21 ޖޫން 2018 - 10:55

މޮސްކޯ (ޖޫން 21) – ޑެންމާކުގެ ޑިފެންޑަރު ޔޮނަސް ނޫޑްސަން ވޯލްޑް ކަޕުގައި ކުޅެން ރަޝިއާގައި ހުއްޓާ ދަރިއަކު ލިބުމުން، އަންހެނުންނާއި ދަރިފުޅު ދެކިލަން އެނބުރި ގައުމަށް ގޮސްލާފައި އަންނަން އެ ޓީމުގެ ކުޅުންތެރިން ޕްރައިވެޓް ޖެޓެއް ޗާޓަރުކޮށްދީފި އެވެ.
އުމުރުން 25 އަހަރުގެ މި ކުޅުންތެރިޔާގެ އަންހެނުން ވިއެހީ ޑޮކްޓަރު ދީފައިވާ ތާރީހަށް ވުރެ މާކުރިންނެވެ. އެހެންވެ އެކަންވީ އޭނާ އަށް ކުއްލި ހަބަރަކަށެވެ. އެއާ އެކު ޕެރޫ އަތުން މޮޅުވި މެޗަށް ފަހު ހުރިހާ ކުޅުންތެރިން ޗަންދާ ނަގައިގެން، ޖެޓެއް ހިފައި އޭނާ ގައުމަށް ފޮނުވާލި އެވެ. އަދި ހޯމަ ދުވަހު އެނބުރި އައިސް ޓީމުގެ ކޭމްޕާ ވަނީ ގުޅިފަ އެވެ.
"ސްކޮޑުގައި ވަރަށް ގިނަ ބައްޕައިން އެބަތިބި. އަހަރެމެން އެބަ ހަނދާންކުރަން ޖެހޭ އަހަރެމެންނަކީ އިންސާނުންކަން، ފުޓްބޯޅަ ކުޅުންތެރިންނެކޭ އެއްގޮތަށް،" ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް ބުންޏެވެ.
ކެސްޕާ ބުނީ އޭނާ އަކީ ވެސް ބައްޕައެއް ކަމަށާއި ދަރިފުޅު ވިހޭ ހަބަރު ލިބި އެތަނުގައި އެވަގުތު ނުހުރެވުމުން ވާނެ އުނދަގޫ އިހުސާސްކުރަން ނޭގޭ ކަމަށެވެ.
"އޭނާ އަށް އޭނާގެ ދަރިފުޅު ފެންނާނެ ގޮތް ހަދަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ބޭނުންވީ،" ކެސްޕާ ބުންޏެވެ.
ވޯލްޑް ކަޕުގައި ޑެންމާކް ދެން ކުޅޭ މެޗުގައި މިއަދު ހަވީރު ރާއްޖެ ގަޑިން 5 ޖަހާއިރު ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.