އާއިލާތައް ވަކިކުރުމުގެ ސިޔާސަތު ޓްރަމްޕް ނިމުމަކަށް ގެންނަވައިފި
އާއިލާތައް ވަކިކުރުމުގެ ސިޔާސަތު ޓްރަމްޕް ނިމުމަކަށް ގެންނަވައިފި

ވޮޝިންޓަން (ޖޫން 21) - ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ވަންނަ ފަރާތްތަކުގެ ތެރޭން ކުޑަ ކުދިންނާއި އެ ކުދިންގެ މައިންބަފައިން ވަކިކުރުމުގެ ސިޔާސަތު ކުރިއަށް ނުގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

އާއިލާތައް ދެ ތަން ކުރުމުގެ ސިޔާސަތަށް ޓްރަމްޕް ނިމުން ގެންނަވާފައި މި ވަނީ ބައިނަލްއަގުވާމީ ގޮތުން ކުރިމަތި ކުރަމުން ދިޔަ ޕްރެޝަރާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ ގަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ވަންނަ އުޅެނިކޮށް އަތުލައިގަންނަ މީހުން ބަންދު ކުރުމުން އެ މީހުންގެ ދަރިން އެކަނިވެރިވެފައި ތިބި ފޮޓޯތައް ފެނުމުން އަސަރު ކުރި ކަމަށެވެ.

އަނބިކަނބަލުން މެލަނިއާ އާއި ދަރިކަނބަލުން އިވަންކާ ވެސް ވަނީ އެ ސިޔާސަތު ނިމުމަކަށް ގެނައުމަށް އޭނާގެ ކިބައިން އެދިފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ބުނީ މެއި 5 އާއި ޖޫން 9 އާ ދެމެދު 2،206 ބެލެނިވެރިންގެ 2،342 ކުދިން ވަކިކޮށްފައިވާ ކަމަށެވެ.

އާއިލާތައް ދެތަން ކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނައި ގަރާރުގައި ސޮއި ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އާއިލާތައް ވަކިވާން އެމަނިކުފާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ބޯޑަރު ހުރަސްކޮށް އެމެރިކާ އަށް ގަވާއިދާ ޚިލާފަށް ވަންނަން އުޅޭ މީހުންނަށް ދައުވާ ކުރަން ކުރިއަށް ގެންދާ "ޒީރޯ ޓޮލެރަންސް ސިޔާސަތު" ދަމަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދެވީ "ރިޔާސީ ގަރާރަކުން" އެ ސިޔާސަތު ބަދަލު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ކޮންގްރެސް އިން ފާސްކުރާ ބިލަކުން ކަމަށެވެ.