ޕްރެޝަރާ ހެދި ޑެޝޯމްޕްސް އަށް ހަމަނިދި ނުލިބޭ
ޕްރެޝަރާ ހެދި ޑެޝޯމްޕްސް އަށް ހަމަނިދި ނުލިބޭ

މި ފަހަރުގެ ވޯލްޑް ކަޕުގައި ގިނަ ބަޔެއްގެ ފޭވަރިޓަކީ ފްރާންސެވެ. އަމިއްލަ ގައުމުގައި މީގެ ދެ އަހަރު ކުރިން އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުން ލިބުނު ނާކާމިޔާބީން އިބްރަތް ހާސިލްކޮށް ފްރާންސް މި މުބާރާތުގައި ކާމިޔާބު ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އެކަމަކު މި ފަހަރުގެ މުބާރާތް ބޯމަތިވެފައިވަނިކޮށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް މި ވަނީ ދަނޑުން ބޭރުން ޕްރެޝަރު ބޮޑުވެފަ އެވެ. ފުރަތަމަ މެޗުން އޮސްޓްރޭލިއާ އަތުން ހަނި ގޮތަކަށް ފްރާންސް މޮޅުވި ނަމަވެސް އެ ޓީމަށް އަމާޒުވި ފާޑުކިޔުންތައް ގިނަ އެވެ.

ޑިޝޯމްޕްސް ހުރީ 2020 ގެ ނިޔަލަށް ފްރާންސް ގައުމީ ޓީމުގެ ކޮންޓްރެކްޓުގަ އެވެ. އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕްގައި ނަތީޖާ ނުކުންނަ ގޮތަކުން ފްރާންސްގެ ކޯޗުކަން ޑިޝޯމްޕްސް އަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ފްރާންސް ކޯޗުކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރިކަމުގެ އިޝާރާތެއް ދާދި ފަހުން ރެއާލް މެޑްރިޑްގެ ކޯޗުކަން ދޫކޮށްލި ޒިނެދިން ޒިދާނާއި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވަނީ ދީފަ އެވެ.

ވޯލްޑް ކަޕްގައި މިރޭ ފްރާންސް ނުކުންނާނީ ޕެރޫއާ ދެކޮޅަށެެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝޯމްޕްސްއާ އެންމެ ގިނައިން ކުރެވުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުންނެވެ. ޑެޝޯމްޕްސް ނޫސްވެރިން ގާތުގައި އެދުނީ މެޗުގެ ސުވާލުތަކަށް އިސްކަން ދިނުމަށެވެ.

ފްރާންސުން މި ފަހަރުގެ ވޯލްޑް ކަޕަށް އައީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޓީމުން ބާކީ ކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ، މެންޗެސްޓާ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަދި އާސެނަލްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް ހިމެނެ އެވެ. ވަރުގަދަ ސްޓްރައިކް ފޯސް އެއް އޮތް ފްރާންސަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު 10 މެޗުން ޖެހުނީ 18 ލަނޑެވެ. އެއީ ވެސް ޑެޝޯމްޕްސް އަށް އޮތް ޕްރެޝަރެކެވެ.

އޮސްޓްރޭލިއާއާ ދެކޮޅަށް ފްރާންސް 2-1 އިން މޮޅުވިއިރު، އެ ޓީމުން ޖެހި ފުރަތަމަ ގޯލަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ލިބުނު ޕެނަލްޓީ އެކެވެ. ފްރާންސް މޮޅުވި ލަނޑަކީ އޮސްޓްރޭލިއާގެ އާމިރް ބެހިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ފްރާންސް ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަަމަށްވާ ޖޫލިއަން ލޯރެންސް ބުނީ މި މެޗުން ފްރާންސަށް މޮޅެއް ލިބުނު ނަމަވެސް މިއީ އެ ޓީމުގެ ކޯޗު ޑެޝޯމްޕްސް އަށް ކުރިމަތިވި އިތުރު ޕްރެޝަރެއް ކަމަށެވެ.

"ތެދެއް. ފްރާންސް މޮޅުވެއްޖެ އޮސްޓްރޭލިއާ އަތުން. އެކަމަކު ފްރާންސްގެ ފުޓްބޯޅައިގެ ކަންތައްތަކަށް ބަލާއިރު މިއީ ޑެޝޯމްޕްސް އަށް ލިބުނު ބައްޔެއް. އެއާ އެކު އޭނާ އަށް އޮތް ޕްރެޝަރު އަނެއްކާ ބޮޑުވީ. އަހަންނަށް ހިއެއްނުވޭ އެކަމާ ހެދި އޭނާ އަށް ހަމަނިދި ލިބޭނެހެން،" ލޯރެންސް ބުންޏެވެ.

ޕެރޫއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ފްރާންސް އިން ދެ ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ އޮސްޓްރޭލިއާ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮލިވިއޭ ޖިރޫޑާއި ބްލައިސް މަޓުއިޑީ ފުރަތަމަ އެގާރައިގައި ހިމެނުމެވެ.

މިރޭގެ މެޗަކީ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅެދޭ 100 ވަނަ މެޗެވެ. އޭނާ ބުނީ މި މެޗު ހާއްސަވާނީ ކާމިޔާބު ލިބިއްޖެނަމަ ކަމަށާއި ބަލިވެއްޖެނަަމަ މިއީ ލިބޭނެ ބޮޑު ދެރައެއް ކަމަށެވެ.

ފްރާންސާއި ޕެރޫ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.