އީރާން އަތްދަށުން ސްޕެއިން އުނދަގުލުން ސަލާމަތްވެއްޖެ
އީރާން އަތްދަށުން ސްޕެއިން އުނދަގުލުން ސަލާމަތްވެއްޖެ

ކަޒާން (ޖޫން 21) – ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅުނު އީރާން އަތުން 1-0 އިން ސްޕެއިން މިރޭ މޮޅުވެ ދެ ވަނަ ބުރަށް ދިއުމަށް މުހިއްމު ތިން ޕޮއިންޓް ހޯދިއިރު ގްރޫޕުގެ ވާދަވެރިކަން ވެސް ބޮޑުވެއްޖެ އެވެ.

ސްޕެއިނާއި ޕޯޗުގަލުން ހަތަރު ޕޮއިންޓް ހޯދައި ގްރޫޕް ލީޑުކުރަމުން އަންނައިރު އީރާން އަތުގައި ވެސް މޮރޮކޯ އަތުން ހޯދި ތިން ޕޮއިންޓް އެބައޮތެވެ. އެހެންވެ ފަހު މެޗުގައި މޮރޮކޯ އަތުން މޮޅުވެގެން ސްޕެއިނަށް ދެ ވަނަ ބުރަށް ދެވެން އޮތްއިރު ބާކީ ޖާގަ ލިބޭނީ ޕޯޗުގަލާއި އީރާން ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު އެއްވަރުވެއްޖެ ނަމަ ފުރުސަތު އޮންނާނީ ޕޯޗުގަލަށެވެ. އޭރުން މޮރޮކޯއާ އެއްވަރުކޮށްގެން ވެސް ސްޕެއިނަށް އަނެއް ބުރަށް ދެވޭނެ އެވެ.

ފުރަތަމަ މެޗުން މޮރޮކޯ އަތުން ފަހު ވަގުތު 1-0 އިން މޮޅުވި އީރާނުން މިރޭ ސްޕެއިނާ ދެކޮޅަށް ބޭނުންކުރީ މުޅިން ވޗެސް ޑިފެންސިވް ޓެކްޓިކްސް އެވެ. މުޅި ޓީމު އެއްކޮށް ޑިފެންސް ކުރަމުން ދިޔައިރު ސްޕެއިނަށް ކުޑަ ނަމަވެސް ޖާގައެއް ނުދެ އެވެ.

އެހެންވެ ސްޕެއިނުންވަނީ ގޯލަށް ދުރުން ޝޫޓްކޮށްގެން ވެސް ގޯލް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެގޮތުން 24 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޑޭވިޑް ސިލްވާ ފޮނުވާލި ނުރައްކާތެރި ބޯޅަ އީރާން ގޯލްކީޕަރު މަތަކުރިއިރު 46 ވަނަ މިނެޓުގައި ފޮނުވާލި ބޯޅައެއް އީރާން ޑިފެންޑަރެއްގެ ގައިގައި ޖެހި ބްލޮކްވި އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ވެސް ސްޕެއިނުގެ ހަމަލައެއް ނާކާމިޔާބުވެފައިވަނިކޮށް އެ ޓީމަށް އެންމެ ފަހުން އީރާންގެ ގޯލް ހުޅުވާލައިދިނީ 54 ވަނަ މިނެޓުގައި ޑިއެގޯ ކޮސްޓާ އެވެ. އަންދްރެސް އިނިއެސްޓާ ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ހޯދައި ކޮސްޓާ އެނބުރިލީ ވަގުތު، އީރާން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި އަލުން ކޮސްޓާގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް ވަނީ ގޯލުގެ ތެރެއަށެވެ. މިއީ އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް މި ފަހަރު ޖެހި ތިން ވަނަ ގޯލެވެ.

އީރާނަށް އެއްވަރުކުރަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވަނިކޮށް އެ ޓީމުގެ ސައީދު އިއްޒަތުﷲ ގޯލެއް ޖެހި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.