ފްލެޓް ފޯމު ހުށަހަޅަން ލުއިތަކެއް ދީފި
ފްލެޓް ފޯމު ހުށަހަޅަން ލުއިތަކެއް ދީފި

ބޯހިޔާވަހިކަމަށް މި ސަރުކާރުން ހުޅުވާލި 7،000 ފްލެޓަށް އެދި ފޯމު ހުށަހަޅަން ލުއިތަކެއް ހައުސިން މިނިސްޓްރީން ދީފި އެވެ.

ފްލެޓް ފޯމު ހުށަހަޅަން ލުއިތަކެއް ދީފި
ފްލެޓް ފޯމު ހުށަހަޅަން ލުއިތަކެއް ދީފި

ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތައް 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 50،000 ފޯމު ވަނީ ނަގައިފަ އެވެ. އެ ފޯމުތައް މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި 31 ގެ ނިޔަލަށް ބަލައިގަތުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް މިރޭ ވިދާޅުވީ ފްލެޓަށް އެދި ފޯމު ހުށަހެޅުމުގައި ޝަރުތުތަކެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ރައްޔިތުންނަށް އުނދަގޫވާ ބައެއް ކަންކަމަށް ލުއިތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. ފްލެޓަށް އިއުލާންކުރިއިރު، ހުރިހާ ކެޓަގަރީއަކުން ވެސް ފްލެޓަށް އެދޭއިރު އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.

އެކަމަކު، އެ ޝަރުތަށް ބަދަލު ގެނެސް، ފަޒާލް ވިދާޅުވި ގޮތުގައި، އުފަން ދުވަހުގެ ސެޓްފިކެޓް ހުށަހަޅަން މިހާރު މަޖުބޫރު ވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ، ދަފްތަރުގައި ހިމެނޭ މީހުންނަށް ދޫކުރާ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓަށް އެދޭއިރު އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓަށް އެދޭއިރު، އެ މީހެއްގެ ބޭންކް ސްޓޭޓްމަންޓު ހުށަހަޅަން ޖެހެ އެވެ. މި ލިއުން ހޯދަން ގިނަ އަދަދެއްގެ ބަޔަކު ބޭންކްތަކުގައި ކިޔޫ ޖެހޭ ކަން ފާހަގަކުރައްވައި ފަޒާލް ވިދާޅުވީ ޑައުންލޯޑްކޮށްގެން ހުށަހަޅާ ބޭންކް ސްޓޭޓްމެންޓް ވެސް ބަލައިގަންނާނެ ކަމަށެވެ.

"ބޭންކް ސްޓޭޓްމެންޓްގައި ބޭންކުގެ ސްޓޭމްޕް އަދި ސޮއި އޮންނާކަށް ނުޖެހޭ. ޑައުންލޯޑްކޮށްގެން ގެންނަ ސްޓޭޓޭމެންޓުތައް ވެސް ބަލައިގަތުމަށް ވަނީ ނިންމާފައި،" ފަޒާލް ވިދާޅުވި އެވެ.

"އެއާއެކު، ފޯމު ލާން އަންނާކަށް، ޕަވާ އޮފް އެޓާނީއެއް ވެސް ބޭނުމެއް ނުވާނެ. ބަދަލުގައި، ފޯމު ހިފައިގެން އަންނަ މީހާގެ އައިޑީކާޑު އޮވެއްޖެ ނަމަ ފޯމު ލެވޭނެ."

ފްލެޓަށް ފޯމު ހުށަހަޅަން އެދޭ ނަމްބަރު ނަގަން ޖެހެނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި ދަރުބާރުގެ އިން ވެސް ނަމްބަރު ދޫކުރެ އެވެ. ފޯމް ހުށަހަޅަން ކިޔޫގައި ތިބުމުގެ ބަދަލުގައި ހައުސިން މިނިސްޓްރީން އެދެނީ، ކިއުބީ މެދުވެރިކޮށް ބަލައި ނަމްބަރު ޖެހެން ކައިރިވުމުން ދަރުބާރުގެއަށް ދިއުމަށެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފޯމު ނަގާފައި ވަނީ، އުމުރުން 18-40 ދެމެދަށް ޚާއްސަ ކުރި ކެޓަގަރީންނެވެ. މި މަޝްރޫއުގައި މިހާތަނަށް ފްލެޓަށް އެދުނު މީހުންގެ އަދަދު ފަހުން އާއްމުކުރާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.

އެ މަޝްރޫއުން ފްލެޓް ނުލިބުނު މީހުންނަށް ސަރުކާރުން ދެއްކި ހައްލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ 80،000 ފްލެޓެވެ. އެ މަޝްރޫއު ރައީސް ޔާމީން ފައްޓަވައި ދެއްވައި، ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި މި އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ ހައްލަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.