29 ޖުލައި 2016 - 06:55

އައިފޯން 7 ނެރޭ ދުވަސް ނުހަނު ކައިރިވެފައި ވަނިކޮށް އެޕަލް އަށް ރަން ބިހެއް އެޅިއްޖެ އެވެ. އެއް ބިލިއަން ވަނަ އައިފޯނު ވިކިއްޖެ އެވެ. ސަޕޯޓަރުންނަށް ލިބިފައި ވަނީ ތިޔަ ހީކުރާ ކަހަލަ އުފަލެއް ނޫނެވެ. ސެޕްޓެމްބަރު 12 ވަނަ ދުވަހު އައިފޯން 7 ވިއްކަން ފަށާނެ ކަމަށް ބުނާ އަޑު ވެސް ވަނީ ހަމަ އެހައި ގަދަވެފަ އެވެ.
އައިފޯން ވިޔަފާރި ދޭތެރެ ދޭތެރެއިން ކޮށިއަރަ އެވެ. އެޕަލުން ބުނަނީ އެއީ އާ އުފެއްދުންތަކާ ދިމާ އަށް ދާއިރު މެދުވެރިވެދާނެ ހާލަތެއް ކަމަށެވެ. އެކަމަކު 2013 ގައި އެޕަލް އަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއެއް ނުލިބުނެވެ. ވިޔަފާރި ކޮންމެވެސް ވަރަކަށް ދަށްވެ އެ އިހުސާސް އެޕަލްކުރި އެވެ.
އެޕަލް އަކީ މާކެޓްގައި އިތުބާރު ބޮޑު ކުންފުންޏެވެ. ދަމަކުން ބަޑިއެއް ޖަހާ މިސާލުގައި ވިޔަފާރި ހީނަރުވެލި ނަމަވެސް ދުޅަހެޔޮ ވިޔަފާރިގައި ގިނަ ދުވަސް ހޭދަކުރެ އެވެ. އައިފޯން 7 މާކެޓަށް ނެރެން ވަގުތު ކުޑަތަންވެފައި ވާއިރު އަނެއްކާ ވެސް ވަނީ ވިޔަފާރި އަށް ހީނަރުކަން އައިސްފަ އެވެ. އެއީ ބޮޑު ކަމެއް ކަމަށް އެޕަލް ނުދެކެ އެވެ. އައިފޯން 7 އެ ތަން ފޫބައްދާނެކަން އެޕަލް އަށް ޔަގީންވެ އެވެ.
އެއް ބިލިއަން އައިފޯނު ވިކުމަކީ ވަރަށް ބޮޑު ކާމިޔާބީ އެކެވެ. މެނޭޖްމަންޓާއި މުވައްޒަފުން އެކަން ފާހަގަކުރެ އެވެ. ދުނިޔޭގެ މާކެޓް ހިއްސާ އެޕަލް އަށް ފުކެއް އުނިވި ނަމަވެސް އެއް ބިލިއަން އައިފޯނު ވިކުނު ޚަބަރާ އެކު އެކަން ވަނީ ހަނދާނުން ފޮހެވިފަ އެވެ.
އައިފޯން 7 މާކެޓަށް ނެރުމުގެ ކުރިން އެޕަލް ވިޔަފާރީގައި ގެންގުޅޭ އުސޫލުތަކަށް ބަދަލެއް ގެންނާނެ ކަމަށް ލަފާކުރެވެ އެވެ. ޗައިނާ މާކެޓުން އެޕަލް އަށް ފުރުސަތު ހަނިވެދާނެ ކަމަށް ބަލައި، މީގެ ކުރިން އެޕަލް ނުވަންނަ މާކެޓްތަކަށް ވަނުމެވެ. އެޕަލް އަށް ވިޔަފާރި ދަށްވެފައި ވަނީ ޗައިނާ ސްމާޓްފޯން ކުންފުނިތަކުގެ ސަބަބުންނެވެ. އޮބި ނޯންނަހާ މޮޅު އެހައި ރީތި ފޯނުތައް ނުހަނު ހެޔޮ އަގުގައި އުފައްދައި އެ ކުންފުނިތަކުން ދަނީ ވިއްކަމުންނެވެ.