21 ޖޫން 2018 - 10:08

މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާ އޮސްޓްރޭލިއާގެ ޒުވާން ވިންގް ޑެނިއަލް އަރްޒާނީ މީގެ ހަޔެއްކަ މަސް ކުރިން ވިސްނައިގެން ހުރީ އެހެން ބޮޑު މުބާރާތްތަކެކޭ އެއްގޮތަށް ޓީވީން މެޗުތައް ބަލައި، މުބާރާތުގެ ފޯރި ނެގުމަށް ޕްލޭސްޓޭޝަން ކުޅުމަށެވެ. އެކަމަކު އޭނާގެ މުޅި ހަޔާތް ބަދަލުވާވަރުގެ ކަމެއް މިދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ހިނގައިފި އެވެ. އޮސްޓްރޭލިއާގެ ކޯޗުކަމާ ހަވާލުވި ބާޓް ވެން މާވިކް ވަނީ އުމުރުން 19 އަހަރުގެ އަރްޒާނީ އަށް ވޯލްޑް ކަޕް ޓީމުން ފުރުސަތު ދިނީ އެވެ.

އީރާނަށް އުފަން އަރްޒާނީގެ އުމުރުން ހަ އަހަރުގައި އޭނާގެ އާއިލާ ސިޑްނީ އަށް ދިރިއުޅުން ބަދަލުކުރީ ދިރިއުޅުމުގައި ދަރިންނަށް ރަނގަޅު ގޮތެއް ހޯދުމުގެ ގޮތުންނެވެ. އީރާން މަގުމަތީގަޔާއި ފުޓްސަލް މުބާރާތްތަކުގައި ކުޅެމުންދިޔަ އަރްޒާނީ އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު ވެސް އޭނާގެ ހުވަފެން ދޫކޮށެއް ނުލަ އެވެ. ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ އުއްމީދުގައި ހުރި އަރްޒާނީ ހުރީ ކޮންމެ ފުރުސަތެއް ލިބުނަސް ބޭނުން ހިފާ ގޮތަށެވެ.

ކިޔަވަމުންދިޔަ ކޮލެޖް ޓީމަށް ކުޅެމުންދަނިކޮށް އަރްޒާނީ އަށް ފުރަތަމަ ފުރުސަތު ލިބުނީ އޮސްޓްރޭލިއާގެ 17 އަހަރުން ދަށުގެ ޓީމުން 2014 ވަަނަ އަހަރު އެވެ. އޭގެ ފަހުން މި އަހަރު ފެބްރުއަރީ މަހުގެ ކުރިން އަރްޒާނީ ވަނީ އޮސްޓްރޭލިއާގެ 20 އަހަރާއި 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. އުފަން ގައުމު ކަމަށްވާ އީރާނަށް ކުޅުމުގެ ފުރުސަތު ދޫކޮށްލައި އަރްޒާނީ އޮސްޓްރޭލިއާ އަށް ކުޅެން ނިންމީ ވެސް މިދިޔަ ފެބްރުއަރީ މަހު އެވެ.
"އަހަރެންގެ ދިރިއުޅުމުގެ ބޮޑުބައިގައި އަހަރެން މި އުޅެނީ މިތަނުގައި. އަހަންނަށް ފުރުސަތު ދިނީ އޮސްޓްރޭލިއާގެ ފުޓްބޯޅަ ޓީމުތަކުން. އަހަރެން މި ގައުމުގެ ފުޓްބޯޅަ އަށް ބަދަލުދޭންޖެހޭ،" އަރްޒާނީ ބުންޏެވެ.
ޖެނުއަރީ މަހު އޮސްޓްރޭލިއާގެ ކޯޗުކަމާ ހަވާލުވެ، ވެން މާވިކް ވަނީ އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން ދިރާސާ ކުރަން ފަށައިފަ އެވެ. އަރްޒާނީގެ ކްލަބް މެލްބަން ސިޓީގެ ސީނިއާ ޓީމަށް އޭނާ މެޗެއް ކުޅުނީ މި އަހަރު ޖެނުއަރީ މަހުގަ އެވެ. ވީޑިއޯތައް ބަލައި ވެން މާވިކްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އަރްޒާނީ އެވެ. އެއާ އެކު ވޯލްޑް ކަޕަށް އޮސްޓްރޭލިއާ އިން ނެގި ޕްރިލިމިނަރީ ސްކޮޑުގައި އަރްޒާނީގެ ނަން ހިމެނި އެވެ.
"ފެޑެރޭޝަނުން އަހަންނަށް ސްކޮޑުގައި ހިމެނިފައިވާކަން އިއުލާންކުރިއިރު އަހަރެން ހުރީ ބުނާނެ ބަހެއް ނޭނގިފައި. އެއީ އަހަރެން ދިޔައީ ވޯލްޑް ކަޕް މެޗުތައް ބަލާނެ ގޮތެއް ރާވަމުން. ޕްލޭސްޓޭޝަނުގައި ރައްޓެހިންނާ އެކު މުބާރާތް ކުޅެން ވެސް ރާވަމުން،" އަރްޒާނީ ހެވިފައި ހުރެ "ދި އޮސްޓްރޭލިއަން" އަށް ކިޔައިދިނެވެ.
ފައިނަލް ސްކޮޑުގައި އަރްޒާނީ ހިމެނުމަށް ވެން މާވިކް ވަނީ މުބާރާތަށް ތައްޔާރުވުމަށް އޮސްޓްރޭލިއާ އިން ކުޅުނު ދެ މެޗުގައި އަރްޒާނީ އަށް ފުރުސަތު ދީފަ އެވެ. ފުރަތަމަ މެޗުގައި މި މަހު އެއް ވަނަ ދުވަހު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރްޒާނީ ނުކުތީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އެ މެޗުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ޖެހިގެން އައި ދުވަހު އަރްޒާނީ އަށް ވޯލްޑް ކަޕްގެ ފައިނަލް ސްކޮޑުން ވަނީ ފުރުސަތު ދީފަ އެވެ. އޭގެ ނަޓީޖާ އަކަށްވީ ޖެހިގެން އައި މެޗުގައި ހަންގޭރީ އަތުން އޮސްޓްރޭލިއާ މޮޅުވިއިރު، އަރްޒާނީ އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނުމެވެ.
ވޯލްޑް ކަޕަށް އަރްޒާނީ ދިއުމުން މުޅި އާއިލާ އަށް ލިބުނީ އުފާވެރިކަމެވެ. އަރްޒާނީ ކުޅޭތަން ބަލަން އޭނާގެ މަންމަ ސީމާ އާއި ބައްޕަ ޖޯން ރަޝިއާ އަށް ދިޔަ އެވެ. އެކަމަކު ފްރާންސާ ދެކޮޅަށް އޮސްޓްރޭލިއާ އިން ކުޅުނު މެޗުގެ އެއް ދުވަސް ކުރިން ސީމާ އާއި ޖޯން ވަނީ އެނބުރި އޮސްޓްރޭލިއާ އަށް ގޮސްފަ އެވެ. އާއިލީ މައްސަލައަކަށްވާތީ އަރްޒާނީ އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ.
ފްރާންސް އަތުން އޮސްޓްރޭލިއާ 2-1 އިން ބަލިވި މެޗުގެ ފަހު ވަގުތު އަރްޒާނީ ވަނީ ކުޅެން އަރައިފަ އެވެ. އުމުރުން 19 އަހަރާއި 163 ދުވަސް ތެރޭ އަރްޒާނީ ގައުމީ ޓީމަށް މެޗެއް ކުޅުނުއިރު، އޭނާ ވެފައިވަނީ އޮސްޓްރޭލިއާގެ ތާރީހުގައި ވޯލްޑް ކަޕްގައި އެ ގައުމަށް މެޗެއް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިއާ އަށެވެ.
"މަންމަ އާއި ބައްޕަ އެނބުރި އޮސްޓްރޭލިއާ އަށް ދިޔައީ އާއިލާގެ ކޮންމެވެސް ކަމެއް ދިމާވެގެން. އެކަމާ މާ ބޮޑަށް (އަހަރެން) ވާހަކަ ދައްކަން ނެތިން. އަހަރެންގެ ކޮއްކޮ އާއި އާއިލާގެ މީހުންތައް ދަނޑުން ފެނުމުން އަހަންނަށް ލިބުނީ ވަރަށް ބޮޑު އުފަލެއް،" އާއިލާގެ ސަޕޯޓް އޮތްކަން ފާހަގަކުރަމުން އަރްޒާނީ ބުންޏެވެ.
ދަނޑުމަތީގައި ކުރެވުނު ތަޖުރިބާތަކާ ބެހޭގޮތުން އަރްޒާނީ ހުރީ ސުވާލުކުރި ނޫސްވެރިޔާ ގާތުގައި ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ކޮންމެ މަންޒަރެއް ވެސް އޭނާ އަށް ސިފަވީ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ގޮތަކަށެވެ.
"ހުރިހާ ކަމެއް ވެސް ވަރަށް ހާއްސަ. ހުރިހާ މަންޒަރެއް ވެސް ވަރަށް ފުރިހަމަ. މިއީ ހަމަ ހުވަފެނެއް ކަހަލަ. ޕްލޭސްޓޭޝަނުގައި އަހަރެންގެ ޓީމަށް ކުޅެމުންދިޔަ ކުޅުންތެރިން ގްރީޒްމަން އާއި ޕޮގްބާ ދަނޑުމަތީގައި އިދިކޮޅު ޓީމުން ފެނުމުން އަހަންނަށް ހުރީ އާދަޔާހިލާފު އިހުސާސެއް ކުރެވިފައި. މި ތަޖުރިބާ އަކީ އަހަންނަށް ލިބޭ ހިތްވަރެއް. ބޭނުންވަނީ ސަޕޯޓަރުންނަށް ބަދަލުދޭން،" އަރްޒާނީ އުއްމީދާ އެކު ހުރެ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ޑެންމާކާ ދެކޮޅަށް އޮސްޓްރޭލިއާ މިއަދު ހަވީރު ކުޅޭ މެޗުގައި ޓީމުގެ ފުރަތަމަ އެގާރައިން އަރްޒާނީ އަށް ފުރުސަތުދޭން ވެން މާވިކް ދަނީ ވިސްނަމުންނެވެ.
ޑެންމާކް ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން އަކީ ދެކުނު އެފްރިކާގައި 2010 ވަަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭރު އެރިކްސަންގެ އުމުރަކީ 18 އަހަރެވެ. މިހާރު އެރިކްސަން އަކީ ދުނިޔޭގައި އެ މަގާމަށް ކުޅޭ އެންމެ މޮޅު ކުޅުންތެރިންގެ ތެެރެއިން އެކަކެވެ. އަރްޒާނީ އަށް ވެސް އެ ފަދަ ފުރުސަތެއް ހޯދިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން އޭނާ ދިނީ އުއްމީދީ ޖަވާބެކެވެ.
"މިހާރު މިހުރި ހިސާބަށް އާދެވޭނެ ކަމަށް މީގެ ފަސް މަސް ކުރިން އަހަރެން ހިއެއް ނުކުރަން. ކިހިނެއް ކުރިއަށްވާން ހުރި ކަމެއް އެނގޭނީ. ދިރިއުޅުމުގައި އަހަންނަށް ދަސްވެފައި އޮތް އެންމެ ބޮޑު ކަމަކީ އުއްމީދުގައި ހުރެ ބުރަ މަސައްކަތްކުރާނަމަ ހުރިހާ ކަމެއް ވެސް ހާސިލްވާނެ." އަރްޒާނީ ބުންޏެވެ.
އޭނާ ބުނީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި މިއީ އޭނާގެ ހަޔާތުގައި ކުރާ އެންމެ މުހިއްމު އަދި އެންމެ އާދަޔާހިލާފު ތަޖުރިބާ ކަމަށެވެ.