20 ޖޫން 2018 - 19:11

މޮސްކޯ (ޖޫން 20) – ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ހަމައެކަނި ގޯލާ އެކު މޮރޮކޯ އަތުން ޕޯޗުގަލް 1-0 އިން ހޯދި އުނދަގޫ މޮޅާ އެކު ދެ ވަނަ ބުރުގެ ފުރުސަތު އެ ޓީމު ބޮޑުކުރިއިރު މުބާރާތުން އެންމެ ފުރަތަމަ ކެޓި ޓީމަކަށް މޮރޮކޯ ވެއްޖެ އެވެ.

މެޗުގެ ހަތަރު ވަނަ މިނެޓުގައި ރޮނާލްޑޯ ލަނޑު ޖަހައި ޕޯޗުގަލަށް ކުރި ހޯދައިދިން ނަމަވެސް މުޅި މެޗު ކޮންޓްރޯލްކޮށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ހޯދީ ހުޅަނގު އެފްރިކާ އަށް ނިސްބަތްވާ މޮރޮކޯ އެވެ. ފުރަތަމަ މެޗުން އީރާން އަތުން ފަހު ވަގުތު 1-0 އިން ބަލިވި މެޗުގައި ވެސް އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ހަތަރު ޕޮއިންޓް ހަމަކޮށް ޕޯޗުގަލް އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އީރާނެވެ. އެ ޓީމުން މިރޭ ބައްދަލުކުރާނީ އެއް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ސްޕެއިނާ ދެކޮޅަށެވެ. މޮރޮކޯ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
ފުރަތަމަ މެޗުގައި ސްޕެއިން ކޮޅަށް ހެޓްރިކެއް ހެދި ރޮނާލްޑޯ މިރޭ ވެސް ފެށުން ރަނގަޅުކުރީ ހަތަރު ވަނަ މިނެޓުގައި ޔޮއާއޯ މުޓީނިއޯ ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މި ލަނޑާ އެކު އޭނާ ވެފައިވަނީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ޔޫރަޕް ކުޅުންތެރިއާ އަށެވެ. ރޮނާލްޑޯ 85 ގޯލާ އެކު އެއް ވަނަ ހޯދީ 84 ގޯލާ އެކު އޮތް ސްޕެއިނާއި ހަންގޭރީ އަށް ކުޅުނު ފެރެންކް ޕުސްކަސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ރޮނާލްޑޯ މިވަގުތު އޮތީ މުޅި ދުނިޔޭގެ ލިސްޓުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ 109 ގޯލާ އެކު އީރާނުގެ އަލީ ދާއީ އެވެ.
ރޮނާލްޑޯ ގޯލް ޖެހިތާ ހަތަރު މިނެޓު ފަހުން ތަފާތު ބޮޑުކޮށްލަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ދެން ފެނިގެން ދިޔައީ މޮރޮކޯ އިން މެޗުގެ ކޮންޓްރޯލް ނަގައި ޕޯޗުގަލަށް ނުރައްކާކުރަން ފެށި މަންޒަރެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން މެހްދީ ބެނާޝިއާ އަށް ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. އެންމެ ފުރަތަމަ 11 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ގޯލްކީޕަރު ރުއި ޕެޓްރީޝިއޯ ސަލާމަތްކުރިއިރު 45 ވަނަ މިނެޓުގައި މުޅިން ހުހަށް އެރި ނަމަވެސް ލައްވާނުލާ ދިޔައީ އެވެ.
ފުރަތަމަ ހާފުގައި ޕޯޗުގަލަށް ވެސް އިތުރު ފުރުސަތެއް ލިބުނެވެ. އެގޮތުން 38 ވަނަ މިނެޓުގައި ރޮނާލްޑޯ މުޅިން ހުސްކޮށްލާފައި ދިން ބޯޅަ ގޮންކާލޯ ގުއެޑެސް އޭރިއާ ތެރެއިން ފޮނުވާލުމުން މޮރޮކޯ ގޯލްކީޕަރު މަތަކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން ވެސް މޮރޮކޯގެ އެޓޭކިން ކުޅުމެއް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ. އެކަމަކު ފުރުސަތުތައް ދިޔައީ ބޭކާރުވަމުންނެވެ. އެގޮތުން 55 ވަނަ މިނެޓުގައި 56 ވަނަ މިނެޓުގައި ޔޫނުސް ބިލްހަންދާ ފުލުފުލުގައި ފޮނުވާލި ދެ ބޯޅަ ވެސް ކީޕަރު މަތަކުރި އެވެ. ފަހުން ތިން ފުރުސަތު ވެސް ލިބުނީ ޔުވެންޓަސް އަށް ކުޅޭ މޮރޮކޯގެ އިތުބާރު ޑިފެންޑަރު ބެނާޝިއާ އަށެވެ. އޭނާ 60 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑި މަތިން ދިޔައިރު 78 ވަނަ މިނެޓުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އެވެ. އަދި ފަހު ވަގުތުކޮޅުގެ ތެރޭ އޭރިއާ ތެރެއިން ލިބުނު ބޯޅަ ވެސް ފޮނުވާލެވުނީ ހުރަސް ދަނޑި މަތިންނެވެ. މެޗުގެ ފަހު މިނެޓުގައި ހަކީމް ޒިޔާޝަށް ވެސް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު މުޅިން ހުހަށް ހުރެ ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ޕޯޗުގަލް ޑިފެންޑަރަކު ބްލޮކްކުރީ އެވެ.