22 ޖޫން 2018 - 08:16

ޖާންވީ ކަޕޫރްގެ ފުރަތަމަ ފިލްމް "ދަޅަކް" ރިލީޒް ވާން ކައިރިވަމުން އަންނަ އިރު، އެ ފިލްމްގެ ޒުވާން ބަތަލާ އަށް ޑައިރެކްޓަރު ޝަޝަން ކައިތާން ވަރަށް ބޮޑަށް ތައުރީފުކޮށްފި އެެވެ.
ޝަޝަންކް ބުނި ގޮތުގައި ޖާންވީީ ވަނީ އޭނާ ބޭނުންވި ގޮތަށް ފިލްމަށް މަސައްކަތްކޮށް ދީފަ އެވެ. އަދި އޭނާގެ އެކްޓިން ވަރަށް ފުރިހަމަ ކަމަށް ބުންޏެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެން ޖާންވީ އާއި އިޝާން [ފިލްމްގެ ބަތަލު] އަށް ވަރަށް ބޮޑަށް ހަނދާންކޮށް ދިނިން. ސްކްރިޕްޓަކީކަން އެންމެ މުހިއްމު އެއްޗަކީ. އެހެންވީމާ އޭގައި ހުރި ފެންވަަރަކަށް، އަކުރުން އަކުރަން ޖެހޭނެ އިމޯޝަންތައް ނެރެދޭން،" ޝަޝަންކް ބުންޏެވެ. "ކަންވީ ވެސް އެހެން. އަހަރެން ހަމަ އުންމީދު ކުރި ގޮތަށް، އަދި ބޭނުންވި ފެންވަރަށް ޖާންވީ އެބަހުރި އެކްޓްކޮށް ދީފައި."
އޭނާ ބުނި ގޮތުގައި "ދަޅަކް" ބަލައިފައި މިއީ ޖާންވީގެ ފުރަތަމަ ފިލްމް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރާނެ އެވެ.
"އެހާ ވެސް ޖާންވީ މޮޅު. އަހަރެން ބުނާނީ މިއީ ވަރަށް ވަރުގަދަ ބަތަލާއަކަށް ވެގެން ދާނޭ،" ޝަޝަންކް ބުންޏެވެ.
ޝަޝަންކް ބުނި ގޮތުގައި "ދަޅަކް" ޝޫޓް ކުރަމުން ދަނިކޮށް، ޖާންވީގެ މަންމަ ސްރީދޭވީ މަރުވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
"އަހަރެންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މަންމަ މަރުވުމަށް ފަހު އަލުން ޖާންވީ ސެޓަށް އައިސް ކުރިން މަސައްކަތް ކުރި ރޫހުގައި މަސައްކަތް ނުކުރެވިދާނެތީ،" އޭނާ ބުންޏެވެ. "އެކަމަކު އެ ހިތާމަ ސެޓްގައި ނުދައްކައި ވަރަށް ފުރިހަމަކޮށް، ވަރަށް ވެސް ރަނގަޅަށް ޖާންވީ ވަނީ މަސައްކަތްކޮށް ދީފައި. އެ ހިތްވަރަށްޓަކައި އަހަރެން ޖާންވީ އަށް ސެލިއުޓް ވެސް ކުރަން."
އަންނަ މަހުގެ 20 ގައި "ދަޅަކް" ރިލީޒް ކުރާ އިރު، މީގެ ޓްރެއިލާ ވެސް ވަނީ ބެލުންތެރިންނަށް މިހާރު ދައްކާލައިފަ އެވެ. އަދި ފިލްމްގެ ޓައިޓްލް ލަވަ އިއްޔެ ވަނީ ރިލީޒްކޮށްފަ އެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށްފައިވާ "ދަޅަކް" އަކީ 2016 ގައި ރިލީޒް ކުރި މަރާޓީ ފިލްމް "ސައިރާތު" އަސްލަކަށް ބަލައިގެން ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.
ޝަޝަންކް ބުނި ގޮތުގައި އެ މީހުންގެ ފިލްމަކީ "ސައިރާތު" ގެ ރިމެކިންއެއް ނޫނެވެ.
"މިއަށް އަހަރެމެން ހުންނާނެ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި. އެކަން ފިލްމް ބަލާލީމަ ބެލުންތެރިންނަށް ވަޒަންކޮށްލެވޭނެ،" އޭނާ ބުންޏެވެ. "އަހަރެން ފަހުރުވެރިވަން ދަޅަކް އަށް ކުރެވުނު މަސައްކަތަށް."
މި ފިލްމުން ޖާންވީއާ އެކު ފެނިގެންދާ އިޝާން ޙައްތަރުއަކީ ޝާހިދު ކަޕޫރްގެ ކޮއްކޮ އެވެ.