ހުދައިދާ އެއާޕޯޓަށް ޔަމަން ސިފައިން ވަދެއްޖެ
ހުދައިދާ އެއާޕޯޓަށް ޔަމަން ސިފައިން ވަދެއްޖެ

ސަންއާ (ޖޫން 20) - ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮތް ހުދައިދާ އެއާޕޯޓަށް އެ ގައުމުގެ ސިފައިން ވަދެގެންފި އެވެ.

ޔަމަން ސަރުކާރުގެ މަދަދު ލިބޭ ސިފައިން ހުދައިދާ އެއާޕޯޓުގެ ބޮޑު ބައެއް ހިފީ ޔޫއޭއީ ސިފައިންގެ އެހީތެރިކަމާ އެކު އެވެ. ހުދައިދާގެ އެއާޕޯޓާއި ބަނދަރު އޮތީ ހޫތީންގެ ބާރުގެ ދަށުގަ އެވެ. ހުދައިދާގެ ބަނދަރަކީ ޔަމަނަށް ގެންދާ އެހީ ބޭލުމުގައި މުހިންމު ބަނދަރެކެވެ.

ހޫތީންގެ ބާރުގެ ދަށުން ހުދައިދާ ހިފުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ޔޫއޭއީ އާއި ސައުދީ އަރަބިއާ ސިފައިން ގުޅިގެން ފަށައިފަ އެވެ. ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ހުދައިދާ އެއާޕޯޓަށް ސަރުކާރު ސިފައިން ވަދެފައި ވަނީ އެ ސިޓީގެ ދެކުނުން ކަމަށެވެ. އަދި އެއާޕޯޓް ހިފުމުގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ ހޫތީ ހަނގުރާމަވެރިން އަތުލައިގެންފަ އެވެ.

ކޯލިޝަނުން ބުނީ ހުދައިދާ ބަނދަރު ބޭނުންކޮށްގެން ހޫތީން ގެންދަނީ ވަގަށް ހަތިޔާރު އެތެރެ ކުރަމުން ކަމަށެވެ. އަދި ހޫތީންނަށް ހަތިޔާރު ފޯރުކޮށްދެނީ އީރާނުން ކަމަށް ވެސް ކޯލިޝަނުން ތުހުމަތު ކުރެ އެވެ.