21 ޖޫން 2018 - 08:46

ދަރިން މާ ބޮޑަށް ކޮންޓްރޯލްކޮށްގެން، އަމިއްލަ އަށް ކަންކަން ކުރަން ފުރުސަތު ނުދީ ގެންގުޅޭ ނަމަ އަހުލާގީ މައްސަލަތަކާ އެކު ކުދިންގެ އުޅުން ވެސް ގޯސްވާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް މިނިސޯޓާ އިން ހެދި އެ ދިރާސާގައި ބުނި ގޮތުގައި ދަރިން "އޯވަ ކޮންޓްރޯލް" ކުރުމަކީ އެ ކުދިންނަށް އަމިއްލަ އަށް އުޅެން ދަސްވާން ހުރަސް އަޅާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން، މީހުންނާ އެކު އުޅެން ނޭނގުމާއި މުޖުތަމައު ތެރޭގައި ކަންކަމާ ކުރިމަތިލާން އެ ކުދިންނަށް ނޭނގޭނެ ކަމަށް ބުންޏެވެ. އަދި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވެސް ކުޑަވެ އެވެ.
އެކަމަކު އެއާ ހިލާފަށް ދަރިންނަށް އަމިއްލަ އަށް ކަންކަން ކުރަން ފުރުސަތު ދިނުމާއި ކަންކަން ނިންމަން ވެސް ފުރުސަތު ދިނުމަކީ ދަރިން ބޮޑެތިވަމުން އަންނަ އިރު، މުސްތަގުބަލުގައި ފައިދާތައް ކުރާނެ ކަމެއް ކަމަށް ދިރާސާގައި ބުންޏެވެ.
"މާ ބޮޑަށް ދަރިންގެ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށްވާ ނަމަ ކުދިންގެ ކިޔެވުމުގެ ގާބިލިއްޔަތު ކަމަށް ވެސް އަސަރު ކުރާނެ. އެހެންވެ އެބަ ޖެހޭ ދޫތަކެއް ދިނުމުގެ އިތުރަށް ކުދިންނަށް އިހުތިޔާރުތަކެއް ވެސް ދޭން،" ދިރާސާ ޓީމްގައި ހިމެނޭ ޑރ. ނިކޯލް ޕެރީ ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓް ސައިކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކުދިންގެ އަމިއްލަ ބޭނުންތަކާއި އިހުސާސްތައް ބޭރުކޮށްލުމުގެ ފުރުސަތު ދީ ކުދިން ދައްކާ ވާހަކަތައް ވެސް މައިންބަފައިން އަޑު އެހުން ވަރަށް މުހިއްމެވެ.
އެކަމަކު އެފަދަ ފުރުސަތުތައް ނުދީ އޮބަހައްޓައިގެން ދަރިން ގެންގުޅޭ ނަމަ، ސްކޫލް ފަދަ ތަންތަނުގައި ދަރިންގެ ފަރާތުން އަހުލާގީ މައްސަލަތައް ކުރިމަތިވާނެ ކަމަށް ބުންޏެވެ. އެހެންވެ އުމުރުން ދެ އަހަރުން ފެށިގެން ވެސް ދަރިންނަށް ދޫތަކެއް ދޭން ޖެހޭނެ އެވެ.
ޑރ. ޕެރީ ވިދާޅުވި ގޮތުގައި ދޫ ދީގެން، ކަންކަން އަމިއްލަ އަށް ކުރުމުގެ ފުރުސަތު ދަރިންނަށް ދީގެން ގެންގުޅޭ ނަމަ، އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި ކެރިގެން ކަންކަމާ ކުރިމަތިލުމުގެ ގާބިލްކަން ވެސް ދަރިންގެ ކިބައިގައި އަށަގަންނާނެ އެވެ.
"އަދި އެފަދަ ކުދިންނަކީ ބޮޑުވަމުން އަންނަ ވަރަކަށް ކަންކަމާ ކުރިމަތިލާން އެނގޭ، މީހުންނާ އެކު އަމިއްލަ އަށް އުޅެން އެނގޭ ކުއްޖަކަށްވޭ،" އޭނާ ވިދާޅުވި އެވެ.