21 ޖޫން 2018 - 08:46

މެކްސިކޯގެ ފަސް އެކުވެރިޔަކު، ރަޝިއާގައި މިހާރު ކުރިއަށްދާ ވޯޑް ކަޕް ބަލަންދާން ވަރަށް ކުރިން ތައްޔާރުވާން ފެށި އެވެ. އެގޮތުން ބަހެއް ގަނެ، ކުލަތަކުން ޒީނަތްތެރިކޮށްގެން މިދިޔަ އަހަރު އެޕްރީލް މަހުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރަން ވެސް ރޭވި އެވެ.
އެކަމަނު ނަސީބު ދިމާ ކުރި ގޮތުން ފަސް އެކުވެރިންގެ ތެރެއިން އެކެއްގެ އަންހެނުން ވޯލްޑް ކަޕް ބަލަން ދާން ހުއްދައެއް ނުދިނެވެ.
އެހެންވެ ދަތުރުގައި އޭނާ އަށް ބައިވެރިވެވޭ ގޮތެއް ނުވި އެވެ. މިކަން އަނެއް ހަތަރު އެކުވެރިންނަށް ބޮޑު ހިތާމައަކަށްވި ނަމަވެސް، އެ މީހުން ވަނީ ވަރަށް ތަފާތު ކަމެއްކޮށްލައިގެން އެތައް ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ.
އަނބިމީހާ، އެކުވެރިޔާ ހިފެހެއްޓުމުން އެކުވެރިންނާ އެކު ވޯލްޑް ކަޕަށް ދިޔައީ "ފުރާނަ ނެތް" މީހެކެވެ.
އެކަމަކު ހަތަރު އެކުވެރިންނާ އެކު، ޒޭވިއާ ވެސް މިހާރު އަންނަނީ ވޯލްޑް ކަޕް ތަޖުރިބާކޮށް އެތައް ބަޔަކާ އެކު މަޖާ ނަގަމުންނެވެ. އޭނާ ހުރީ ދިރުމެއް ފުރާނައެއް ނެތް ހާލަތެއްގަ އެވެ. ކާޑްބޯޑް ކަރުދާހަކަށް ނަކަލު ކުރި ޒޭވިއާގެ އިސްކޮޅު ވަރުގެ ސިފަ، މީހާގެ ބައްޓަމަށް ކަފާލައިގެން، ހަތަރު އެކުވެރިން އަންނަނީ އެ މީހުންގެ ދަތުރުގައި އޭނާ ބައިވެރި ކުރަމުންނެވެ.
އެ ފޮޓޯގައި ޒޭވިއާ ލައިގެން ހުންނަ ނޫ ކުލައިގެ ޓީޝާޓްގެ މޭމަތީގައި ޖަހާފައި އިންނަނީ "ވޯލްޑް ކަޕް ބަލަން ދާން އަންހެނުން ހުއްދަ ނުދިން" ކަމަށެވެ.
ދާ ކޮންމެ ތާކަށް ޒޭވިއާގެ ސޫރަ ހިފައިގެން ހަތަރު އެކުވެރިންދާތީ އެތައް ބައެއްގެ ލޮލުގައި މިކަން އަޅެ، ސޯޝަލް މިޑިއާގައި ވެސް މި ވާހަކަތައް މިހާރު ވައިރަލްވެއްޖެ އެވެ. މީސްމީހުން ޒޭވިއާ އެކު އެކި ގޮތަށް ސެލްފީ ނަގައި، އަންނަނީ އަޕްލޯޑް ކުރަމުންނެވެ.
ރަޝިޔާގެ އިތުރުން، ދުނިޔޭގެ ވަރަށް ގިނަ މީޑިއާތަކަށް ވެސް ޒޭވިއާ އާއި އޭނާގެ ހަތަރު އެކުވެރިންގެ ވާހަކަ މިހާރު އަރައިފި އެވެ. މި ވާހަކަ ވަރަށް މަޖާކޮށް އެކި މީޑިއާތަކުން ވަނީ ގެނެސް ދީފަ އެވެ.