21 ޖޫން 2018 - 08:48

އެކުގައި ވަރަށް ކާމިޔާބު ތިން ފިލްމް ކުޅެ، ހަތަރު ވަނަ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓްގެ ޖޯޑު ފަސް ވަނަ ފިލްމަކުން ވެސް ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން 2020 ގައި ގެނެސްދޭ ކޮސްޓިއުމް ޑްރާމާ "ރަންބޫމީ" އިން ވަރުންއާ އެކު ބަތަލާގެ ރޯލު ކުޅޭނީ އާލިއާ އެވެ.
އެ ދެ ތަރިން މިހާރު އަންނަނީ ކަރަން ޕްރޮޑިއުސްކޮށް، އަބިޝެކް ވަރްމަން ޑައިރެކްޓް ކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް" ގައި ވެސް މަސައްކަތް ކުރަމުންނެވެ.
ވަރުން އާލިއާ އެކުގައި ކުޅުނު ފިލްމްތަކަކީ ސްޓޫޑަންޓް އޮފް ދި އިޔާ (2012)، ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ (2015) އަދި މިދިޔަ އަހަރު ރިލީޒް ކުރި "ބަދްރީނާތު ކީ ދުލްހަނިޔާ" އެވެ.
"ރަންބޫމީ" ގެ ބަތަލަކަށް ވަރުން ހަމަޖައްސައި، އެ ފިލްމް އިއުލާން ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ޝަޝަންކް ބުނި ގޮތުގައި އަންނަ މަހުގެ 20 ގައި ރިލީޒް ކުރާ "ދަޅަކް" ގެ މަސައްކަތުގައި އޭނާ ބިޒީވުމުން "ރަންބޫމީ" ގެ މަސައްކަތަކާ އަދި ނޫޅެވެ އެވެ. އެކަމަކު ފިލްމްގެ ބަތަލާއަކީ އާލިއާތޯ ނޫސްވެރިން ކުރި ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެ އެވެ.
"ދަޅަކްގައި ބިޒީވުމުން ރަންބޫމީގެ ވާހަކަ މިހާތަނަކަށް އަހަރެމެން ނުދައްކަން. އަދި އެ ފިލްމްގެ ސްކްރިޕްޓް އަދިވެސް ޕޮލިޝް ކުރަމުން އަންނާތީ ފައިނަލް ކާސްޓާ ބެހޭ ގޮތުން އެއްޗެއް ބުނަން އަދި ދަތި،" އޭނާ ބުންޏެވެ. "އެކަމަކު ވަރަށް އަވަހަށް ފިލްމްގެ ކާސްޓް އެއްކޮށް އިއުލާން ކުރާނަން."
ޝަޝަންކް ބުނި ގޮތުގައި "ދުލްހަނިޔާ" ފްރެންޗައިޒްގެ އިތުރު ފިލްމެއް ވެސް ހެދުމުގެ ޝައުވެރިކަން އެބަ ހުއްޓެވެ. އެހެންވެ އެ ފިލްމުން ޔަގީނުން ވެސް އާލިއާ އާއި ވަރުންގެ ޖޯޑު ފެނިގެން ދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާލިއާގެ އާއިލީ ފިލްމް ކުންފުނި ވިޝޭޝް އިން ގެނެސްދޭ "އާޝިގީ" ފްރެންޗައިޒްގެ ތިން ވަނަ ބައިން ވެސް އާލިއާ އާއި ވަރުން ފެނުމުގެ ފުރުސަތު ބޮޑެވެ.
މި ދެ ތަރިން އެކުގައި ދެން ފެނިގެންދާ ފިލްމް "ކަލަންކް" ސިނަމާތަކަށް އަންނާނީ އެޕްރީލް، 19، 2019 ގަ އެވެ.