ފުވައްމުލަކު ކައުންސިލްގެ 5 މުވައްޒަފެއްގެ އިތުރު ގަޑިއަށް ހަތަރު ލައްކަ ރުފިޔާ
ފުވައްމުލަކު ކައުންސިލްގެ 5 މުވައްޒަފެއްގެ އިތުރު ގަޑިއަށް ހަތަރު ލައްކަ ރުފިޔާ

އިތުރު ގަޑީގެ މަސައްކަތް ކުރުމަށް، ވެރިއަކު ހުއްދަ ދިން ކަން އެނގެން ނެތި، ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަސް މުވައްޒަފަކަށް އިތުރު ގަޑީގެ ގޮތުގައި ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަން އެ ކައުންސިލްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ފުވައްމުލަކު ސިޓީ ކައުންސިލްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ކައުންސިލްގެ 36 މުވައްޒަފެއްގެ އިތުރު ގަޑީގެ ފައިސާ އަށް 1.2 މިލިއަން ރުފިޔާ ޚަރަދު ކުރި އެވެ. އޭގެ ތެރެއިން 440،000ރ. އަކީ އެންމެ ފަސް މުވައްޒަފެއްގެ އިތުރު ގަޑީގެ ފައިސާ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އޭގެ ތެރެއިން އެއް މުވައްޒަފަކަށް އިތުރު ގަޑީގެ ފައިސާ އަށް ލިބުނު އަދަދު އެ މުވައްޒަފުގެ މުޅި އަހަރުގެ މުސާރަ އަށް ވުރެ ވެސް ބޮޑެވެ. އަހަރުގެ ޖުމްލަ މުސާރައިގެ ގޮތުގައި 67،000ރ. ލިބުނު އެ މުވައްޒަފަށް އިތުރު ގަޑީގެ ގޮތުގައި އެ އަހަރު 87،000ރ. ދީފައިވެ އެވެ. އަދި ދެން ތިބި ހަތަރު މުވައްޒަފުންނަށް ވެސް އެ މީހުންގެ މުޅި އަހަރުގެ މުސާރައާ ގާތްކުރާ އަދަދެއްގެ އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ދީފައިވެ އެވެ. އެގޮތުން އަހަރަކު 125،000ރ.ގެ މުސާރަ ލިބޭ މުވައްޒަފަކަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އެ އަހަރު 118،000ރ. ދީފައިވެ އެވެ.

އިތުރު ގަޑީގެ މަސައްކަތްތައް ކުރަން ޖެހެނީ އެ ތަނެއްގެ ވެރިއެއްގެ ހުއްދަ ލިބިގެން ކަމަށް ސިވިލް ސާވިސް ގަވާއިދުގައި އޮތަސް، އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސިޓީ ކައުންސިލްގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރީ ވެރިއަކު ހުއްދަ ދީގެން ކަން ލިޔުމުން އެނގޭކަށް ނެތެވެ. އަދި އިތުރު ގަޑީގެ ގޮތުގައި މުވައްޒަފުން ލޮގްކުރާ ގަޑިތައް ސުޕަވައިޒަރުން ގަވާއިދުން އެޕްރޫވް ކޮށްފައި ނުވާތީ، އެއީ ހަގީގަތުގައި ވެސް ކުރި މަސައްކަތެއް ކަން ކަށަވަރު ނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

"މި މައްސަލައަކީ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށް، އިސްލާހު ކުރުމަށް ލަފާ ދެވިފައިވާ ކަމަކަށްވީ ނަމަވެސް، 14 ފެބްރުއަރީ 2018ގެ ނިޔަލަށް ވެސް މިކަން އިސްލާހު ކޮށްފައި ނުވާ މައްސަލައެއް،" ކަމަށް އެ ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން ވެސް އެ ކައުންސިލްގެ މުނިސިޕަލް މުވައްޒަފުންނަށް ވެސް އިތުރު ގަޑީގެ ގޮތުގައި ގަވާއިދާ ޚިލާފަށް 48،000 އަށް ވުރެ ގިނަ ރުފިޔާ ދިން ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެ ކައުންސިލްގެ ފައިސާއާ ގުޅުން ހުރި އިތުރު މައްސަލަތަކެއް ވެސް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވެ އެވެ. އެގޮތުން އާމްދަނީގެ ގޮތުގައި ލިބުނު 1.2 މިލިއަން ރުފިޔާ ދައުލަތުގެ ޕަބްލިކް އެކައުންޓަށް ޖަމާ ކޮށްފައި ނުވުމާއި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ލިބެންޖެހޭ ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައި ނެތް މައްސަލަ ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.